ފޯނު އަތުލުމަށްފަހު، އަބްދުﷲ ރިޔާޒު ދޫކޮށްލައިފި

މާޗް 19، 2017: ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާ މެމްބަރުންނަށް ޓިކެޓް ހަވާލުކުރުމަށް ކުނޫޒް ގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ހައްޔަރު ކުރި ކުރީގެ ޕޮލިސް ކޮމެޝިނާ، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ފޯނު އަތުލުމަށްފަހު ދޫކޮށްލައިފި އެވެ.

އޭނާ ހައްޔަރު ކުރީ ޖުމްހުރީ ޕާޓީގެ މައި ގަޖަހަ މ. ކުނޫޒުގައި ކުރިއަށްދާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވައިގަންނަވަނިކޮށް، މާވެޔޮމަގުންނެވެ.

ޖުމްހޫރީ ޕާޓީގެ ސެކަޓަރީ ޖެނެރަލް އަހުމަދު ސަމީރު ސަން އަށް މިރޭ ވިދާޅުވީ ރިޔާޒު ހައްޔަރުކުރުމުގެ ކުރިން ފޯނު އަތުލުމަށް ވެސް ފުލުހުން މަސައްކަތް ކުރެއްވި ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ރިޔާޒު ހައްޔަރު ކުރި ނަމަވެސް ތުހުމަތު ކުރެވެނީ ކޮން މައްސަލައެއް ނޭނގޭ ކަމަށް ސަމީރު ވިދާޅުވި އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ވެސް އަދާކުރެއްވި އަބްދުﷲ ރިޔާޒު ހައްޔަރު ކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ފުލުހުން ބަލަމުންދާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމްއާއި މުހައްމަދު ނަޝީދު ހިމެނޭގޮތަށް އެކުލަވާލާފައިވާ އިދިކޮޅު ކޯލިޝަންގައި ރިޔާޒް އަންނަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް