ފަލަސްތީނަކީ މޮޅު ޓީމެއް ނަމަވެސް އަމާޒަކީ ތިން ޕޮއިންޓް: ގައުމީ ޓީމުގެ ކޯޗު

ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް--ސަންފޮޓޯ/ ފަޔާޒް މޫސާ

އެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗަށް ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި ލެވެލްގެ ގޮތުން މޮޅު ޓީމާކާ ދެކޮޅަށް ކުޅުނަސް ޓީމު ނުކުންނާނީ ތިން ޕޮއިންޓް ހޯދަން ކަމަށް ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ޓީމުގެ ކޯޗު ބުނީ، ކުޅުންތެރިން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ބޭނުންވަނީ މި މެޗުން މޮޅުވާން ކަމަށެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހޭ ކުޅުންތެރިން ތައްޔާރުވާ މިންވަރާއި މެދު. އުންމީދު މިކުރަނީ ރަނގަޅު ކުޅުމެއް ދައްކައި މުބާރާތުގައި ކުރިއަށްދެވޭތޯ،" އެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖާ ހިސާބަށް ގައުމީ ޓީމު ގެނެސްދިން ކޯޗު ސްޓެވާޓް ބުންޏެވެ.

އޭނާ އިތުރަށްބުނީ ފަލަސްތީނަކީ އާދައިގެ ޓިމެއް ނޫންކަމަށާއި އެޓީމަކީ ވަރަށް މޮޅު ޓީމެއް ކަމަށެވެ. އަދި ގައުމީ ޓީމުގައި މިވަގުތު ތިބި ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިތުބާރު ކުރާ ކަމަށާއި ޓީމުން ގޯސް ކަމެއް ކޮށްފި ނަމަ އެކަމުގެ ޒިންމާ ފުރިހަމައަށް ނަގާނެކަމަށެވެ.

"ޓީމު ވަރަށް ބަރާބަރު. ބޭނުންވާ ހުރިހާ އެހީއެއް އެފްއޭއެމްއިން ފޯރުކޮށްދޭ. އެހެންވީމަ މެޗުގައި ކަމެއް ގޯސްކޮށް ހިނގައިފި ނަމަ ޒިންމާ ނަގާނަން. ނަމަވެސް ޔަގީންވާ ކަމަކީ އިދިކޮޅު ޓީމާ ދެކޮޅަށް ނަތީޖާ ނެރެވޭނެކަން،" ސްޓެވާޓް ބުންޏެވެ.

އޭފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ދިވެހި ގައުމީ ޓީމު ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

comment ކޮމެންޓް