މަކުނުދޫ ދެމީހެއްގެ މެޑިކަލް ބިލްތައް ދައްކައިދޭން ރައްޔިތުން ނުކުމެއްޖެ

އެހީތެރިވުމަށް މަކުނުދޫ ފިރިހެނުން ބޯވަޔަށް ދިއުން--

ހދ. މަކުނުދޫ މީހުންގެ ލޯބި ލިބިފައިވާ ދުވަސްވީ ދެމީހުން ކަމަށްވާ މާބަގީޗާގޭ އިސްމާއިލް އިބްރާހިމް އާއި، ކިނބިގަސްދޮށުގޭ އަބްދުލް ގާދިރު އިބްރާހިމް އަށް ސްޓޯކެއްޖެހި ފަރުވާދެމުންދާއިރު އެރަށު މީހުން ވަނީ އެހީތެރިވުމުގެ ނަމޫނާ ދައްކައިފަ އެވެ.

ސްޓޯކެއްޖެހި ފަރުވާދެމުންދާ ނިކަމެތި އެދެމީހުންނަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެމުން އަންނަ އިރު ބިލްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އެއާއިލާތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެކަންކޮށްދިނުމަށް އިސްނެގީ އެރަށު ކައުންސިލްއިންނެވެ. އެއްބާރުލުންދިނީ ރައްޔިތުންނެވެ. މުޅިރަށް ސާމިލުވާގޮތަށް ބައިވެރިވި އެވެ.

މިދިޔަ ހުކުރު ދުވަހު މަކުނުދޫ މިސްކިތުގައި ވަނީ ފަންޑު ފޮއްޓެއް ބަހައްޓައިފަ އެވެ. އެފަންޑުފޮއްޓަށް އެތައް ބަޔަކު ފައިސާ ލާފައިވެ އެވެ. އެވަރަކުން ނިމުނީއެއްނޫނެެވެ. ރައްޔިތުން ނުކުމެ އެތައް މަސައްކަތެއްކޮށްފި އެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު އެ ރަށު އަންހެނުން ރަށުތެރެއަށް ނުކުމެ އެކިއެކި މަސައްކަތްކޮށްގެން 30000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ.

މަކުނުދޫ އަންހެންވެރިން އެހީތެރިވުމަށް ފައިސާ ހޯދުމުގައި-- ފޮޓޯ: ކައުންސިލް

ފިރިހެނުން މަހަށް ނުކުތީ 10 ޑިންގީއާއި ތިން ދޯނީގަ އެވެ. މަހަށް ދިޔަ ދޯނިން އެއް ޓަނުގެ ކަނޑުމަސް ބޭނި އެވެ. އަދި އެތައް ފިރިހެންނުންނެއް ބޯވަ ނަގަން ދިޔައިރު އެތައް ސަތޭކަ ބޯވައަކާއި އިހިފަދަ ތަކެތި ނެގި އެވެ. ފައިސާ ހޯދަން އެތަކެތި އަންނަނީ ވިއްކަމުންނެވެ.

"ބޯވަ ކިލޯއެއް 50 ރުފިޔާއަށް ވިއްކަނީމި، އިހި ވެސް އެބަ ވިއްކަން، އަޅުގަނޑުމެންނަށް ލަފާ ކުރެވޭ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް،" ޝާކިރު ވިދާޅުވި އެވެ.

އެހީތެރިވުމަށް ފިރިހެނުން ބޯވަޔަށް ދިއުން--

އެމަސައްކަތްތަކުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެ އެވެ. މިހާތަނަށް ޔަގީންވެފައި ވަނީ 30،000 ރުފިޔާ އެވެ. އެއީ އެރަށު އަންހެނުން ހޯދި ފައިސާއެވެ. މަހާއި ބޯވަ ފަދަތަކެތި ވިއްކައިގެންނާއި ފަންޑުފޮށިން ލިބުނު ފައިސާ އަދި ނުގުނަ އެވެ.

ކޮންމެ އަކަސް މަކުނުދޫ ރައްޔިތުން މިދެއްކީ ރީތި ނަމޫނާއެކެވެ. އެހީއަށް ބޭނުންވި ދުވަހު ރަށު ރައްޔިތުން ނުކުމެ މިވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެކުވެރިކަމަކީ މިއީ އެވެ. އެއީ ނަމޫނާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ސާބިތުކޮށްދީފި އެވެ.

comment ކޮމެންޓް