އަރަބި ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

އަރަބި ޓީޗަރުން ތަމްރީން ކުރުމަށް ފެޑި ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސަރުކާރު ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދެއްވާ މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމަކީ ސިންގަޕޫރްގެ "އިރްޝާދް ޓްރަސްޓް ފައުންޑޭޝަން" އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެ ފައުންޑޭޝަނަކީ ސިންގަޕޫރް، މެލޭޝިއާ އަދި އިންޑޮނޭޝިއާގައި ވެސް އަރަބި އިސްލާމީ ތައުލީމު އުނގަންނައިދޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ގްރޫޕެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެ ތަމްރީނު ޕްރޮގްރާމްގައި މާލެ އާއި އަތޮޅުތެރޭގެ ސްކޫލްތަކުން އަރަބި އަދި އިސްލާމް ކިޔަވައި ދޭ 64 މުދައްރިސަކު ބައިވެރިވެއެވެ. އަރަބި ބަހުން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ކިޔަވައި ދެއްވާނީ "އިރްޝާދް ޓްރަސްޓް ފައުންޑޭޝަން"ގެ ޓްރެއިނަރުންނެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނި ގޮތުގައި އެ ޕްރޮގްރާމުގެ މަގްސަދަކީ ރާއްޖޭގެ ސްކޫލްތަކުގައި އަރަބި ބަސް އުނގަންނައިދިނުމުގައި މަސައްކަތް ކުރާ ދިވެހި މުދައްރިސުން، ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ކުރުވުމާއި އަދި ގައުމީ މަންހަޖުގެ ތެރެއިން އަރަބި ބަސް އުނގަންނައިދިނުމުގައި ދަރިވަރުން ޝައުގުވެރިވާފަދަ ފިލާވަޅުތަކެއް ކުރިއަށް ގެންދިއުމަށް މުދައްރިސުން އަހުލުވެރި ކުރުވުމެވެ.

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށާފައިވާއިރު، ސްކޫލްތަކުގައި އަރަބި ބަސް އުނގަންނައި ދިނުމަށް ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިއަހަރުގެ ތެރޭގައި ވަނީ 25 ޓީޗަރަކު ރާއްޖެ ފޮނުވާފަ އެވެ.

comment ކޮމެންޓް