ހޮންކޮންގާ އެކު ކުރެވޭ މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން މިއަދު ހެނދުނު ބަނޑޮސް މޯލްޑިވްސްގައި ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްވަރާތައް ކުރިއަށް ދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް، މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިވެރިންނާއި، ރާއްޖެއިން މަހުގެ ބާވަތްތައް އެކްސްޕޯރޓް ކުރާ ފަރާތްތަކާ އެކު މިނިސްޓްރީ އިން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުންތަކުގެ ބޭނުމަކީ ހޮންކޮންގާ އެކު ވިޔަފާރި ކުރުމުގައި، އަދި އެކްސްޕޯރޓް ކުރުމުގައި މިހާރު ދިމާވާ ދަތިތަކާ ބެހޭ މައުލޫމާތު ހޯދުމާއި، ދިވެހި ވިޔަފާރިވެރިން ބޭނުންވާ ކަންކަން އޮޅުން ފިލުވުމާއި، ރާއްޖެއިން ހުށަހަޅަން ޖެހޭ ކަންކަމާ ބެހޭ ގޮތުން ވިޔަފާރިވެރިންނާ މަޝްވަރާ ކުރުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ހޮންކޮންގަކީ މިހާރު ވެސް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ އިގްތިސާދަކަށްވެފައި، ޚިދުމަތުގެ ދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވުމާއި، ބޭންކިންގް އަދި ފައިނޭންސްގެ ދާއިރާ އިން ދުނިޔޭގެ އެންމެ ފުންނާބު އުސް ބޭންކްތައް ހަރަކާތްތެރިވާ އެއްތަން ކަމަށް ވާތީ، ހޮންކޮންގާއެކު ކުރެވޭ މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގައި، ރާއްޖެއަށް ޚިދުމަތުގެ އެކި އެކި ދާއިރާ އިން އަދި ވަކިން ޚާއްޞަކޮށް، ބޭންކިން އަދި ފައިނޭންސިންގެ ދާއިރާ އިން، އިތުރު އިންވެސްޓްމަންޓްތައް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.
ޗައިނާ އާ އެކު ކުރި މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކާމިޔާބު ކަމާ އެކު ނިންމާފައިވާ އިރު، އެގައުމުގެ އެޑްމިނިސްޓްރޭޓިވް ރީޖަން ކަމުގައިވާ ހޮންގްކޮންގާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފުރަތަމަ ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރުގަ އެވެ.
މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ހޮންކޮންގަކީ ފްރީ ޕޯޓެއް ކަމަށާއި އެހެން ކަމުން ސަރުކާރުން ބޭނުން ވަނީ އެ ޕޯޓާ އެކު ވަކި އެއްބަސްވުމެއް ގާއިމް ކުރުމަށެވެ.
ހޮންކޮންގާ އެކު ދެވަނަ މަޝްވަރާ ބައްދަލުވުން ފަށާފައިވާ އިރު، މިނިސްޓަރު ސައީދު ވަނީ އަންނަ މަސް ތެރޭ އިތުރު ގައުމަކާ އެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.