ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް އަވަހަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން "ސްޓަޑީ ލޯނު"ގެ ގޮތުގައި ލުއި ލޯނު ލިބޭނެގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަމީމް އެހެން ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އިފްތިތާހު ކުރުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި ހަފްލާއެއް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ. ޝަމީމު ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެ މުވައްޒަފުން ކުރާ މަސައްކަތް އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް ބޭނުންވާ ތަމްރީނުތައް އަދި ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނަށް ހެދުމަށް އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ސްޓަޑީ ލޯނަކީ އެފަދައިން ކުރާ މަސައްކަތްތަކުގެ ތެރެއިން އަންނަ ކަންކަން ކަމަށެވެ.
"ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި އަޅުގަނޑުމެންނަށް އިސްލާމިކް ބޭންކާ އެކީގައި މަޝްވަރާތައް ކުރެވި، ސިވިލް ސާވިސް މުވައްޒަފުންނަށް ލުއިލޯނު ލިބޭގޮތަށް، ސްޓަޑީ ލޯނު ތައާރަފްވެގެން ދާނެ،" ޑރ. ޝަމީމު ވިދާޅުވި އެވެ.
ޑރ. ޝަމީމު ވިދާޅުވީ އެ ލޯނު ބޭނުންވާ މުވައްޒަފުން ރަހުނުގެ ގޮތުގައި އެއްވެސް އެއްޗެއް ބަހައްޓާކަށް ނުޖެހޭނެ ކަމަށާއި މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުންނަށް ތަމްރީނާ ތަޖުރިބާ ހާސިލްކުރެވޭނެ ގޮތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމުގައި އަތޮޅުތެރޭގައި އަދި މާލޭގައި ހަރަކާތްތެރިވާ މުވައްޒަފުންނާ މެދު އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ.
އޭގެ އިތުރުން މުސާރަޔާއި އިނާޔަތްތައް އިތުރު ކޮށްދިނުމަށް އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހާއި ކަމާބެހޭ އިތުރު ފަރާތްތަކާ އެކު މަޝްވަރާތައް ކުރަމުން މިހާރުވެސް އަންނަކަން ޑރ. ޝަމީމް ފާހަގަކުރެއްވިއެވެ.
ޑރ. ޝަމީމް ވިދާޅުވީ ކުރިއަށް އޮތްތާގައި އެ ކަންކަމަށް ފަހި ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރަން ޒަކާތު ފަންޑުން އެހީ ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝަމީމު ވިދާޅުވި އެވެ.
މިއަދުގެ ވާހަކައިގައި ޑރ. ޝަމީމު ވަނީ، އޮފީސްތަކުގެ މެނޭޖްމަންޓްގެ ކަންކަން ހަރުދަނާކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އިސްލާމިކް މިނިސްޓްރީއަކީ ރާއްޖޭގައި ތިންވަނައަށް އެންމެ ގިނަ މުވައްޒަފުން ގެންގުޅޭ މިނިސްޓްރީ ކަމަށާއި އެހެންކަމުން ސިވިލް ސާވިސް މުވައްޒަފުންނާ މެދު ރަނގަޅަށް ކަންކަން ކޮށްދިނުމަށް އެދިލެއްވި އެވެ.