އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އިޒުރާއީލާ ދެކޮޅަށް ތިން ގަރާރެއް ފާސްކޮށްފި

ޖެނީވާ (މާޗް 25) : އިސްރާއީލުން ފުޅާދާއިރާއެއްގައި އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ގެންދާ މައްސަލާގައި އިސްރާއީލު ކުށްވެރިކޮށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ތިން ގަރާރު ފާސްކޮށްފި އެވެ.

އިސްރާއީލު ކުށްވެރިކޮށް ފާސްކުރި ފުރަތަމަ ގަރާރުގައި ބުނަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައިވާ އިރުމަތީ ގުދްސުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ފުޅާދާއިރާއެއްގައި އިސްރާއީލު އަރައިގަންނަމުން ގެންދާ ކަމަށާއި މިއީ ބައިނަލްއަގްވާމީ ފެންވަރުގައި އިސްރާއީލު ކުށްވެރިވުމުގެ އިތުރުން އިސްރާއީލާ ސުވާލުކޮށް ޒިންމާކުރުވަން ޖެހޭނެ ކަމެއްކަމުގަ އެވެ. ދެވަނަ ގަރާރުގައި އިސްރާއީލު ކުށްވެރިކޮށްފައި ވަނީ ސޫރިޔާގެ ގޯލާންގެ ބިންތަކާއި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ގަދަބާރުން ހިފައިގެން އޮވެ، އެބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންގެންދާ މައްސަލައިގަ އެވެ.

ތިންވަނަ ގަރާރުގައި އިސްރާއީލު ކުށްވެރިކޮށްފައި ވަނީ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާއީލުން ހުރަސްއަޅައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްފައިވާ މައްސަލައިގަ އެވެ.

ރައްޔިތެއްގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ އެރައްޔިތުން އަޅުވެތިކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފުކަމެއްގެ އިތުރުން އެއީ ބައިނަލްއަގްވާމީ ފެންވަރުގައި އަދަބު ލިބޭ ބޮޑު ޖަރީމާއެކެވެ. ނަމަވެސް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުގެ ހިމާޔަތާއި އެހީތެރިކަމުގައި އިސްރާއީލުން ފަލަސްތީނަށް ވެރިވެގަނެ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭތާ ބައިގަރުނަށް ވުރެ ގިނަދުވަސްވެފައި ވިޔަސް އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އދ.ގެ އެއްވެސް އިދާރާއަކުން އަޅާފައެއް ނުވެ އެވެ. އަދި އިސްރާއީލުގެ ހަރުކަށިވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ޙާޒިރުކޮށްފައެއް ވެސް ނުވެ އެވެ.

އިސްރާއީލު ކުށްވެރިކޮށް ފާސްކުރި މިގަރާރުތަކަށް 36 ގައުމަކުން ވޯޓު ދީފައިވާއިރު 15 ގައުމަކުން ވަކިކޮޅަކަށް ވޯޓު ދީފައެއްނުވެ އެވެ. އިސްރާއީލަށް ތާއީދުކޮށް ވޯޓު ދިނީ އެންމެ ދެގައުމުންނެވެ. އޭގެ ތެރޭގައި އެއްގައުމަކަށް އެމެރިކާ ހިމެނެ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް