ދިވެހި ވޮލީ ޓީމު ޕްރެޝަރުން އަރައިގަންނަން ދަސްކުރަންޖެހޭ!

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބައިނަލްއަގުވާމީ މުބާރާތެއް އަމިއްލަ ގައުމުގައި ބޭއްވުމަކީ ލިބޭނެ ފައިދާއެކެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅެލަން ލިބުމަކީ މުބާރާތް ބާއްވާ ގައުމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އެއާ ހިލާފަށް ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް މިފަހަރު ވެގެންމިދިޔައީ ބޮޑު ޕްރެޝަރެކަށެވެ.

ތިންވަނަ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ބާއްވަން ނިންމި ހިސާބުން ރާއްޖޭގެ ވޮލީ އާއިލާގެ މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމެވެ. ހޯމް އެޑްވާންޓޭޖް ލިބުމުން އެ މުބާރާތުގައި ރަން މެޑައްޔެއް ހޯދުމަށް އަމާޒު ކަނޑައެޅިއެވެ. ނަމަވެސް ފުރަތަމަ ކުޅުނު ދެ މެޗުގައި ޕްރެޝަރާ ކުރިމަތިލާން ޖެހުމުން ރާއްޖޭގެ ޓީމަށް ދެ މެޗުން ލިބުނީ ނާކާމިޔާބީގެ ނަތީޖާއެކެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ޓީމުން މިއަހަރުގެ މުބާރާތަށް ނުކުތީ ހޯމް އެޑްވާންޓޭޖާއެކުއެވެ. އަމިއްލަ ގައުމުގައި ކުޅެން ޖެހުމުން ޕްރެޝަރާ ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް އެ ޕްރެޝަރުގެ މައްޗަށް ކުރި ނުހޯދިއްޖެނަމަ ކާމިޔާބު ހޯދުމަށް މައްސަލަތަކާ ކުރިމަތިލާން ޖެހޭނެއެވެ. ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ޝަރަފް ވެސް ދެކޭގޮތުގައި، ސެންޓްރަލް ޒޯން މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ރާއްޖޭގެ ޓީމު ބަލިވީ ވެސް ޕްރެޝަރުން އަރައިނުގަނެވިގެންނެވެ.

ނޭޕާލާ ދެކޮޅަށް ކުޅެ، 3-1 ސެޓުން ބަލިވި މެޗަށްފަހު އިއްޔެ ނޫސްވެރިންނަށް މައުލޫމާތުދެމުން ގައުމީ ވޮލީ ކޯޗު ޝަރަފް ބުނީ، ރާއްޖޭގެ ޓީމުގެ ކުޅުންތެރިންނަށް، ކުޅުނު ދެ މެޗުގައި ވެސް ޕްރެޝަރުން އަރައިނުގަނެވުނު ކަމަށާއި ހާއްސަކޮށް ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިންނަށް ވެސް އެ ޕްރެޝަރުން އަރައިނުގަނެވުނު ކަމަށެވެ. އަދި ރާއްޖޭގެ ޓީމަށް ޕްރެޝަރުން އަރައިނުގަނެވުމުން އޭގެ ޒިންމާ ވެސް ޝަރަފް ވަނީ ނަގައިފައެވެ.

"ނޭޕާލް މެޗުވެސް ކުރީ މެޗުވެސް މިދިޔައީ ވަރަށް އެއްކަހަލަ ގޮތަކަށް. ހަގީގަތުގައި ދެ މެޗުގައި ވެސް އަޅުގަނޑުމެން ކުޅުނީ ވަރަށް ޕްރެޝަރުގައި. އެ ޕްރެޝަރު ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ހާއްސަކޮށް ޓީމުގައި ނަތީޖާ ނެރެން ތިބި އެންމެ ސީނިއާ ކުޅުންތެރިންނަށް ޕްރެޝަރު ހެންޑަލް ކުރާނެ ގޮތެއް ހޯދައިދިނުމަށް އަޅުގަނޑުގެ ދައުރު އަދާކުރެވިފައެއް ނެތޭ ދެންނެވިދާނެ،" ރާއްޖެއަށް 2015 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުން ރިހި މެޑަލް ހޯދައިދިން ކޯޗު ޝަރަފް ބުންޏެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މުބާރާތުގެ ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ޓީމު ނުކުތީ ކިރްގިސްތާންއާ ދެކޮޅަށެވެ. ސީދާ ތިން ސެޓުން ރާއްޖޭގެ ޓީމު ބަލިވި އެ މެޗުގެ ފުރަތަމަ ދެ ސެޓުގައި ރާއްޖޭގެ ޓީމަށް ލީޑު ލިބުނު ނަމަވެސް، ރާއްޖޭގެ ޓީމަށް ގޯސްތަކެއް ހެދިގެން އެ ލީޑުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ކިރްގިސްތާނާއި ދެކޮޅަށް ކުޅުނު މެޗު އަދި ނޭޕާލްއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި ވެސް ރާއްޖޭގެ ފަރާތުން އެއްކަހަލަ ގޯސްތަކެއް ފެނިގެންދިޔައިރު، ކޯޗު ޝަރަފް ބުނިގޮތަށް އެ ގޯސްތައް އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުންނެވެ. އިއްޔެ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން މުހައްމަދު އިޝާން (ބަޓިސް)ގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު، އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) ފެނިގެންދިޔައީ ބެންޗުންނެވެ. ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ހަސަން ނިލާމްގެ ފަރާތުންނެވެ.

އުމުރުން 22 އަހަރުގެ ހަސަން ނިލާމް: އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އޭނާ ދައްކާ ކުޅުން ފާހަގަކޮށްލެވޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އެ ކުޅުންތެރިންނަށް ޕްރެޝަރު ހެނޑަލް ނުކުރެވިގެން ބަލިވީ. ކޮންމެގޮތެއް ވިޔަސް އަޅުގަނޑުމެން ރާއްޖޭގައި ކުޅެން ޖެހުނީމާ، އަޅުގަނޑުމެން ބަލަމުންދިޔައީ އެއީ އެޑްވާންޓޭޖެއް ކަމަށް. ސަޕޯޓަރުން ކުރިމަތީ ކުޅެން ޖެހުނީ އެޑްވާންޓޭޖެއް ކަމަށް. އަސްލު އެ އެޑްވާންޓޭޖް، އެޑްވާންޓޭޖެއްގެ ގޮތުގައި ނުބެލެވުނު. ސަޕޯޓަރުން ވަރަށް ހިތްވަރުކުރި. ނިންމަން ލިބުނު ސެޓުތަކުގައި ވެސް އަޅުގަނޑުމެންނަށް އެ ގަޑީގައި ކުދިކުދި މިސްޓޭކްތައް ހެދުނީ. މުހިންމު ކުޅުންތެރިންނަށް އެ މިސްޓޭކްތައް ހެދިފައި ހުރީ ވެސް،" އޭނާ ބުންޏެވެ.

ނޭޕާލާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގައި ކޯޗު ޝަރަފް ވަނީ ޓީމަށް ވަރަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. ލޯންގޭގެ ބަދަލުގައި ނިލާމަށް ގިނަވަގުތު ފުރުސަތުދިންއިރު، ނިލާމްގެ ފަރާތުން ފެނުނު މޮޅު ކުޅުން ޝަރަފް ވެސް ފާހަގަކުރިއެވެ. އިއްޔެގެ މެޗުގައި ތަޖުރިބާކާރު ސެޓަރު އަދި ކެޕްޓަން ބަޓިސްގެ ބަދަލުގައި ޒުވާން ސެޓަރު ހުސައިން ވިޝާމްއަށް ވެސް ޝަރަފް ފުރުސަތުތަކެއް ދިނެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އަސްލު ޓީމު ބަރޯސާވަނީ ބަޓިސްގެ ޑެސިޝަން މޭކިންއަށް. ބަޓިސްގެ ބަދަލުގައި އަރުވާ ސެޓަރަކީ ޒުވާން ސެޓަރެއް. އެއީ ވިޝާމް. އޭނާއަކީ ބަޓިސްއަށްވުރެ ސްޕީޑްގެ ގޮތުން ރަނގަޅު ކުޅުންތެރިއެއް. ބޯޅައަށް މާ މަތިން ކުޅޭ. ހުނަރަށް ބަލާއިރު ތަންކޮޅެއް މޮޅެތި ކަންތައްތަކެއް އެބަހުރި. އެކަމަކު ގޭމެއްގައި ޕްރެޝަރު ގަޑީގައި މައްސަލަތަކެއް ހުރޭ. ވިޝާމްއަށް ނުވާ ކަންތައްތައް ކުރަން ބަޓިސް އަރުވަނީ. ބަޓިސްއަށް އެ ޕްރެޝަރު ހެންޑަލް ނުކުރެވެންޏާ އެއީ އަޅުގަނޑުގެ މައްސަލައެއް ކަމަށް ބަލަނީ. ބަޓިސްއަށް އެ ޕްރެޝަރު ހެންޑަލް ކުރެވިދާނެ ގޮތެއް އަޅުގަނޑަށް ވެސް ނެތް ދައްކައިދެވިފައެއް،" އޭނާ ބުންޏެވެ.

ރާއްޖޭގެ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވުމުން ރަން މެޑައްޔެއް ހޯދުމަށް ކުރަމުންދިޔަ އުންމީދުތަކަށް ވަނީ ހުރަސްތަކެއް އެޅިގެން ގޮސްފައެވެ. އަންނަ އާދީއްތަ ދުވަހު ތުރުކުމަނިސްތާނާ ދެކޮޅަށް ކުޅޭ މެޗުން ރާއްޖެ މޮޅުވެގެން ވެސް، ރާއްޖެއަށް ފައިނަލުގެ ޖާގައެއް ލިބެން އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އޭގެ އިތުރުން ރާއްޖެއަށް އެ މެޗުން ވެސް މޮޅުވެވޭނީ، ކޯޗު ފާހަގަކުރިގޮތަށް ޕްރެޝަރުން އަރައިގަނެގެންނެވެ. ފުރަތަމަ ދަސްކުރަންވީ ޕްރެޝަރުން އަރައިގަންނާށެވެ.

comment ކޮމެންޓް