މައުމޫނާއި ނަޝީދާއި ގާސިމާއި އިމްރާން ސޮއިކޮށް، އިދިކޮޅު އެއްބަސްވުމެއް އެކުލަވާލައިފި

މައުމޫނާއި ނަޝީދާއި ގާސިމާއި އިމްރާން ސޮއިކޮށްފައިވާ އެއްބަސްވުން ދައްކަވާލައްވަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ އިތުރުން އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ސޮއި ކުރައްވައި، އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

އެއްބަސްވުމުގައި އެކުލެވިގެންވާ މުހިއްމު ކަންތައްތައް:

  • ރާއްޖޭގެ ބިންބިމާއި ފަޅުތަކާއި ގުދުރަތީ ވަސީލްތައް ހިމާޔަތް ކުރުން
  • ނިގުޅައިގެންފައިވާ މަދަނީ ހައްގުތައް ރައްކާތެރިކުރުން
  • ޕާޓީތަކުން އިހްތިޔާރު ކުރާ ކެނޑިޑޭޓުންނަށް އިންތިހާބު ކުރެވޭ ގޮތް ހެދުން
  • ހައްޔަރުކޮށް، އަދި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ މީހުން މިނިވަންކުރުން
  • ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ހުއްޓުވުން
  • ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދުން

"....އިސްވެ ދެންނެވުނު މަގުސަދުތައް ހާސިލު ކުރުމަށްޓަކާ ޕާޓީގެ ލީޑަރުންގެ މެދުގައި އެއްބަސްވެވޭ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުގައްޔާއި ސިޔާސީ މަސްރަހުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ގުޅިގެން ކުރުމަށް އެއްބަސްވީ ހިނދު، އަޅުގަނޑުމެން މި އެއްބަސްވުމެއްގައި މި ސޮއި ކުރަނީ މި އެއްބަސްވުމުގައި ހިމެނޭ އެންމެހައި ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒު ކުރުމަށް އިގުރާރުވެ،..." ސިޔާސީ ހަތަރު ލީޑަރުން އެވެފައިވާ އެއްބަސްވުމުގައިވެ އެވެ.

އެ އެއްބަސްވުން އެކުލަވާލެއްވިކަން އިއުލާން ކުރެއްވީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސްގަ އެވެ.

އެ ޕްރެސް ކޮންފަރެންސްގައި އެ އެއްބަސްވުން އިއްވަވައި ދެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. ދިވެހި ބަހުން އެކުލަވާލި އެއްބަސްވުމުގެ އިނގިރޭސީ ތަރުޖަމާ އިއްވަވައި ދެއްވީ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނެވެ.

އިދިކޮޅު އެއްބަސްވުން: މި އެއްބަސްވުމަކީ މައުމޫނާއި ނަޝީދު އެއްބަސްވެވަޑައިގެންނެވި ފުރަތަމަ ސިޔާސީ އެއްބަސްވުން-

އެ އެއްބަސްވުމުގައި ރައީސް މައުމޫނާއި ނަޝީދު ސޮއި ކުރެއްވިއިރު، މައުމޫން ހުންނެވީ އިންޑިއާގަ އެވެ. އަދި ނަޝީދު ހުންނެވީ ސްރީލަންކާގަ އެވެ.

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން އެ އެއްބަސްވުމުގައި ސޮއި ކުރެއްވިއިރު، އެމަނިކުފާނު ހުންނެވި ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ސަރުކާރާ އިދިކޮޅު އެއްބަސްވުން އިއުލާން ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަތަރު ޕާޓީގެ އިސް ބޭފުޅުން މީޑިއާއަށް މައުލޫމާތު ދެއްވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

comment ކޮމެންޓް