ޑަބްލިއުއެޗްއޯއިން ރާއްޖެއަށް އެޗްވަންއެންވަންގެ 30،000 ޑޯޒު ވެކްސިން ހޯދައިދެނީ

ދުނިޔެގެ ސިއްހަތު ޖަމިއްޔާގެ ރާއްޖޭގެ މަންދޫބު ޑރ. އަރުވިންދު މާތުރު -- ސަން ފައިލް ފޮޓޯ

ފެތުރެމުންދާ އެޗްވަންއެންވަން ވައިރަހުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ވެކްސިނޭޝަން ހަރަކާތަށް އެހީތެރިވެދިނުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް 30،000 ވެކްސިން ޑޯޒް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ރާއްޖޭގައި ހުންނަވާ އެ ޖަމިއްޔާގެ މަންދޫބު ޑރ. އަރުވިންދު މާތުރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގައި އެޗްވަންއެންވަން ރޯގާ ހަލުއިކަމާއެކު މިހާރު ފެތުރެމުންދާ އިރު، ދިވެހި ސަރުކާރުން ދަނީ އެ ރޯގާއިން ރައްޔިތުން ރައްކާތެރިކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން، އެ ބަލީގެ ހައި-ރިސްކް ގްރޫޕުތަކަށް ވެކްސިން ދިނުމުގެ ހަރަކާތް އޭނާ ފާހަގަކުރެއްވިއެވެ.

"މާބަނޑު މީހުންނާއި، ސިއްހީ ރައްކާތެރިކަން ބޭނުންވާ މީހުންނާއި، ގުނަވަން ބަދަލުކުރުމުގެ ސަޖަރީ ހަދާފައިވާ މީހުންނާ އެފަދަ މީހުންނަށް ވެކްސިން ދިނުމުގެ ހަރަކާތެއް ވަނީ ފަށާފައި. މިހާރު ގާތްގަނޑަކަށް މާބަނޑު 900 މީހަކަށް ވެކްސިން ޖަހާފައިވޭ،" އޭނާ ވިދާޅުވިއެވެ.

ޑރ. އަރުވިންދު ވިދާޅުވީ ވެކްސިން ޖެހުން ފުޅާކޮށް، ހެލްތުކެއާގެ ދާއިރަގައި، ބަލިމީހުންނާ ގާތުން މަސައްކަތްކުރާ މީހުންނަށް ވެސް ވެކްސިން ޖެހުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެކަމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް 30،000 ވެކްސިން ޑޯޒް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ހާލަތު އެޖަމިއްޔާއިން ވަރަށް ގާތުން މޮނީޓަރު ކުރަމުންދާ ކަމަށާއި، އަދި މި ހާލަތުގައި ކަން ކުރަންވީ ގޮތުގެ އިރުޝާދުވެސް ރާއްޖެއަށް ދެމުން ގެންދާ ކަމަށް ޑރ. އަރުވިންދު މާތުރު ވިދާޅުވިއެވެ.

comment ކޮމެންޓް