ސީލިންގު ވެއްޓުނީ އައިސީޔޫގެ ބޭނުން ނުކުރާ ފަޅިއަށް، ޚިދުމަތަށް އެއްވެސް ބުރުލެއް ނާރާ: ގަމު ހޮސްޕިޓަލް

ލ. ގަން ހޮސްޕިޓަލް އައިސީޔޫ އެނދެއްގެ މައްޗަށް ސީލިން ވެއްޓިފައި -- ފޮޓޯ: ލާމު އެމްވީ

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގެ ސީލިންގުން ބައެއް ވެއްޓިފައިވަނީ ބަލިމީހަކު ފަރިވާ ހޯދަމުން ގެންދަނިކޮށް ކަމަށް ދެކެވެމުންދާ ވާހަކަތައް، އެ ހޮސްޕިޓަލުގެ ސީއީއޯ، ޢަބްދުލް ޙަންނާން ޢަބްދުއްރަޙީމް ދޮގުކުރައްވައިފިއެވެ.

މިހާދިސާއާ ގުޅޭ ގޮތުން ރޭ "ސަން"އަށް މައުލޫމާތު ދިން ހޮސްޕިޓަލް މުވައްޒަފަކު ކިޔައިދިން ގޮތުގައި ސީލިން ވެއްޓުނު ވަގުތު އެ ތަނުގެ ތެރޭ ބަލި މީހަކަށް ފަރުވާ ވެސް ދެމުން އައެވެ. އެއާއެކު ރޭ ރަސްމީކޮށް މައުލޫމާތު ކަށަވަރުކުރަން އިސް ވެރިންނަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވައެވެ. ސީއީއޯ ހަންނާނަށް ގުޅުމުން ވިދާޅުވީ ޗުއްޓީގައި ހުންނެވުމުން އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިއަދު ހެނދުނު އަނެއްކާ ވެސް އިތުރު މައުލޫމާތު ހޯދާލުމަށް ގުޅާލުމުން ޙަންނާން ކިޔައިދެއްވި ގޮތުގައި ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނީ ހަތަރު ބްލޮކަކަށް ބަހާލައިގެންނެވެ. އަދި އޭގެތެރެއިން އާންމުގޮތެއްގައި ބޭނުންކުރަނީ ދެ ބްލޮކުކަމަށް ޙަންނާން ވިދާޅުވިއެވެ. އެހެން ނަމަވެސް އައިސީޔޫގައި ބޭނުންކުރާ އިކުއިޕްމަންޓު ތަކަކީ ވަކި ފިނިހޫނުމިނެއްގައި ނުބަހައްޓައިފިނަމަ ހަލާކުވެދާނެ ތަކެތިކަމުން މުޅި އައިސީޔޫގެ ހުރިހާ އޭސީއެއްވެސް އަބަދުވެސް ހުންނާނީ ޖައްސާފަކަމަށް އޭނާ ވިދާޅުވިއެވެ.

އައިސީޔޫއަކީ އެތަނަށް ޚާއްސަ މުވައްޒަފުން ނޫނީ އާންމުގޮތެއްގައި ވަދެނިކުމެވާ ތަނަކަށް ނުވާއިރު، ވަކީން ޚާއްސަކޮށް އެތަނުގެ ބޭނުން ނުކުރާ ފަޅީގެ ސީލިންގް ވެއްޓުނު ވަގުތު އެއްވެސް ބަލި މީހަކަށްވެސް އަދި މުވައްޒަފަކަށްވެސް ގެއްލުމެއް ނުވާކަން ޙަންނާން ފާހަގަކުރެއްވިއެވެ.

ޙަންނާން ވިދާޅުވިގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އޭސީގެ ފެން ބޭރުކުރާ ޕަމްޕުގެ މައްސަލަޖެހި، ސީލިންގުގައި ބޭނުންކޮށްފައިހުރި ޖިޕްސަމް ބޯޑަށް ގިނައިން ފެން އެޅުމުގެ ސަބަބުންނެވެ. ނަމަވެސް އައިސީޔޫ އަދިވެސް ހުރީ މެދުނުކެނޑި އެންމެ ފުރިހަމައަށް ޚިދުމަތްދެވޭ ޙާލަތުގައިކަން ޙަންނާން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

މި ހާދިސާ ހިނގިއިރު އައިސީޔޫގައި ބަލިމީހަކު ފަރުވާހޯދަމުންދިޔަކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، ޙަންނާން ވިދާޅުވީ އައިސީޔޫގައި މީހަކު ފަރުވާހޯދާފައި ނުވާތާ ދުވަސްކޮޅެއް ވެއްޖެކަމަށެވެ.

އޭސީން ފެން ފޭބުމުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ޙަންނާން ވިދާޅުވިއެވެ.

comment ކޮމެންޓް