ވެސްޓްމިންސްޓާއަށް ހަމަލާދިން މީހާ ދެނެގަނެވިއްޖެ

ވެސްޓްމިންސްޓާގައި ހަމަލާދިން ޚާލިދު މަސްއޫދު---

އިނގިރޭސި ވިލާތުގެ ލަންޑަނުގެ ވެސްޓްމިންސްޓާގައި އިއްޔެ ހަތަރު މީހުން މަރުވި ހާދިސާގައި ހަމަލާތައް ދިން މީހާ، އިނގިރޭސި ފުލުހުން ދެނެގަނެފިއެވެ.

ލަންޑަނުގެ ފުލުހުންގެ އިދާރާ، ސްކޮޓްލެންޑް ޔާޑުން ބުނި ގޮތުގައި، ހަމަލާތައް ދިނީ ޚާލިދު މަސްއޫދު ނަމަކާށް ކިޔާ 52 އަހަރުގެ އިނގިރޭސި ރައްޔިތެކެވެ. އޭނާއަކީ މީގެ ކުރިން ކުށުގެ ރިކޯޑުވެސް އޮތް މީހެކެވެ.

ނަމަވެސް ޓެރަރިޒަމްގެ ކުށެއް އޭނާގެ މައްޗަށް މީގެ ކުރިން ތުހުމަތުކުރެވިފައެއް ނުވެއެވެ.

ސްކޮޓްލެންޑް ޔާޑުން ބުނާ ގޮތުގައި، މަސްއޫދަކީ އެކި ނަން ނަމުން ފުލުހުން ދަންނަ މީހެކެވެ.

ވެސްޓްމިންސްޓާއަކީ އިނގިރޭސިވިލާތުގެ ސިޔާސީ ނިޒާމުގެ ނާރެހެވެ. ލަންޑަނުގައި ހުންނަ ވެސްޓްމިންސްޓާ ސަރަހައްދުގައި، އިނގިރޭސި ގާނޫނު ހަދާ މަޖިލީސް ހުންނަ ޕެލެސް އޮފް ވެސްޓްމިންސްޓާއާއި އިނގިރޭސި ރާނީއާއި ޝާހީ އައިލާ ދިރިއުޅުއްވާ ބަކިންގހަމް ޕެލެސްވެސް ހުރެއެވެ.

ވެސްޓްމިންސްޓާ ބްރިޖުމަތިން ދުއްވާފައި ދިޔަ ކާރުން ޖައްސައި 40 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނަކު މަރާލި އިރު، އޭނާ ދުއްވަމުން ދިޔަ ކާރު ވަނީ އިނގިރޭސި ގާނޫނު ހަދާ މަޖިލީސް ހުންނަ ވެސްޓްމިންސްޓާ ޕެލެސް އިމާރާތުގެ ގޭޓްގައި ޖެހިފައެވެ. އެއަށްފަހު އޭނާ ކާރުން ފައިބައިގެން އެތަނުގައި ހުރި 48 އަހަރުގެ ފުލުހެއްގެ ގަޔަށް ވަޅިހަރައި އޭނާ މަރާލިއެވެ.

އެސަރަހައްދުގައި ހުރި އެހެން ފުލުހަކު، ޚާލިދު މަސްއޫދުގެ ގަޔަށް ބަޑިޖަހައި، އޭނާ މަރާލީއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ ވިދާޅުވީ ހަމަލާދިން މީހާއަކީ މީގެ ކުރިން އެކްސްޓްރީމިޒަމްގެ މައްސަލަތަކުގައި ތުހުމަތުކުރެވެމުން ދިޔަ މީހެއް ކަމަށެވެ.

"މިއީ ވަރަށް ތަފާތު ކޭސްއެއް. މި ހަމަލާގެ އިންޓެލިޖެންސް މައުލޫމާތެއްވެސް އަޅުގަނޑުމެންނަށް މީގެ ކުރިން ލިބިފައެއް ނުވޭ،" ތެރީސާ ވިދާޅުވިއެވެ.

comment ކޮމެންޓް