ދިވެހި ޓީމު ވަރަށް މޮޅު، ބަލަންވީ ހަމައެކަނި ސްކޯއަކަށް ނޫން: ކިރްގިސްތާން ކޯޗު

އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއާއި ކިރްގިސްތާން ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގައި ދެޓީމަށް ލިބުނު ސްކޯއަށް ބެލުން މުހިއްމު ނޫންކަމަށާއި މުހިއްމީ ދެޓީމަށް ވެސް ކުޅެވުނީ ކިހާވަރަކަށްތޯއާ ބެލުންތެރީންނަށް ފެނިގެންދިޔައީ ވާދަވެރި މެޗެއްތޯ ބެލުން ކަމަށް ކިރްގިސްތާން ޓީމުގެ އެސިސްޓެންޓް ކޯޗު ކްލިޗް ބުނެފިއެވެ.

ރާއްޖެ އަތުން ސީދާ ތިން ސެޓުން ކިރްގިސްތާން މޮޅުވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކްލިޗް ބުނީ، މެޗުގައި އެއްޓީމު އަނެއް ޓީމަށް ލިބުނީ ކިހާ ވަރެއްތޯ ބެލުން މުހިއްމު ނޫން ކަމަށެވެ. އަދި ކުޅެވިިގެންދިޔައީ ވާދަވެރި މެޗެއްކަމަށާއި އޭނާގެ ޓީމް މޮޅުވީ ނަސީބުއަތުގައި ހިފުމުންކަމަށް ކޯޗު ބުންޏެވެ.

" ނަންބަރަށް ނުބަލާ. ނަންބަރަކީ ފަހަރަކަށް ވުރެ ފަހަރެއް ބަދަލުވާއެއްޗެއް، ހަގީގަތަކީ ދިވެހި ޓީމް ވެސް މި މެޗުގައި މޮޅަށް ކުޅުނުކަން. އަހަރަމެންނަށް މެޗު ލިބުނީ ނަސީބުވެސް ރަނގަޅު ކަމުން، ދިވެހި ޓީމް ވަރަށް މޮޅު،" ކްލިޗް ބުންޏެވެ.

ކްލިޗް އިތުރަށް ބުނީ މިމެޗުން ފެނިގެންދިޔައީ ދިވެހި ޓީމް ފަހަރަކަށް ވުރެ ފަހަރެއް ކުރިއަރަމުންދާކަން ކަމަށާއި ވޮލީގައި ދިވެހި ޓީމަށް ފާގަތި މުސްތަގްބަލެއް އެބަ އޮތް ކަމަށެވެ.

ކިރްގިސްތާން ވޮލީ ބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ ކަން ވެސް ކުރަމުންގެންދާ ކްލިޗް ބުނީ އޭނާގެ ޓީމުން މުޅި މެޗުގައިވެސް ތިބީ ފުރުސަތު ލިބެންދެން ކެތް ކޮށްގެން ކަމަށާއި އަދި އެ ލިބުނު ފުރުޞަތުގެ ބޭނުން ކޮށްގެން ނަތީޖާ ނެރެން މަސައްކަތް ކުރީ ކަމަށެވެ.

މި މުބަރާތުގައި ކިރްގިސްތާން ދެން ބައްދަލު ކުރާނީ ތުރުކެމެނިސްތާނާއެވެ.

comment ކޮމެންޓް