އިތުބާރު ނެތް ކަމަށް ލީ މަސީހުގެ މައްސަލައަކާ ހެދިއެއް ނޫން، ވެރިކަން ވައްޓާލަން: ރައީސް ޔާމީން

ޕީޕީއެމަށް ބައެއް ބޭފުޅުން ސޮއިކުރުމަށް މިއަދު ދަރުބާރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

މިހާރު މަޖިލީހަށް ހުށަހަޅައިގެން އުޅޭ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ މަސީހުއާ ދޭތެރޭ އޮތް މައްސަލައެއް ނޫން ކަމަށާއި އެއީ މި ރައީސްގެ ވެރިކަން ކަމުނުދާ ކަމަށް ބުނެ މިވެރިކަން ނިމުމަކަށް ގެނައުމަށް ވިސްނައިގެން ކޮށްގެން އުޅޭ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް ބައެއް ބޭފުޅުން ސޮއިކުރުމަށް މިއަދު ދަރުބާރުގޭގައި ކުރިއަށް ދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވިސްނުން ހުރީ ރައީސް ވެރިކަމުން ދުރުކޮށް ދެން ވެރިއަކަށް ގެންނާނެ މީހަކާ މެދު ތަޅާފޮޅުމަށް ކަމަށެވެ.

"މި ރައީސްގެ ވެރިކަން ކަމުނުދޭ. އެހެންވީމަ ހިނގާށޭ ހުރިހާ އެންމެން މަސައްކަތް ކޮށްގެން މިވެރިކަން ނިމުމަކަށް ގެންނަން. އޭގެ ފަހުން ތިމަންނަ މެން ތަޅާ ފޮޅާނީއޭ ތިމަންނަ މެން ތެރޭން ކާކުތޯ ވެރިއަކަށް އަންނާނީ." އިދިކޮޅު ފަރާތްތަކުގެ ވިސްނުން ހުރިގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމަށް ބައެއް ބޭފުޅުން ސޮއިކުރުމަށް މިއަދު ދަރުބާރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ބައިވެރި ވަޑައިގަންނަވަނީ --- ފޮޓޯ/ މުހައްމަދު އަފަރާހް

ރައީސް ވިދާޅުވީ އެގޮތަށް ތަޅާ ފޮޅައިގެން ވެސް ވެރިކަމަށް ގެންނާނެ މީހަކު އިދިކޮޅު ފަރާތްތަކަށް ނުނިންމޭނެ ކަމަށާއި ވެރިކަން ބޭނުންވެގެންއުޅޭ މީހުން މާ ގިނަ ކަމަށެވެ. އެހެންކަމުން "އެކަމެއް އަދި ނުވާނެ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ސިޔާސީ މީހުން އެއުޅެނީ ވ. އަތޮޅު ފުލިދޫއަށް ޖެޓީއެއް ގެންގޮސްދޭން ހެޔޮއެދިގެން ނޫން ކަމަށާއި "އެކަން ވެސް ކޮށްދޭން ހުރީ ރައީސް ޔާމީން" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހުރިހާ ކަމަކަށް ބަލާއިރު މިމަހުގެ 27 ވަނަ ދުވަހު މަޖިލީހުގައި ނަގާ ވޯޓަކީ ޕީޕީއެމަށް ފަސޭހަ ވޯޓަކަށް ވެގެން ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުންނަކީ ވެސް ނަޒާހާތް އިސްކުރާ ބޭފުޅުނަށް އެބަވާނެ ޖެހޭ މި މަސައްކަތުގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު 25 މެމްބަރަކު ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެށޭ ހަފްތާގެ ހޯމަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ މަސީހު މަގާމުން ދުރުކުރެވޭ ވަރަށް ވޯޓު ހަމަވެފައިވާ ކަމަށެވެ. ޕީޕީއެމް އިން ބުނަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރެވޭނެ ފޯމިއުލާއެއް ނެތް ކަމަށެވެ.

comment ކޮމެންޓް