ޑައުން ސިންޑްރޯމް : އިތުރުވަމުންދާ މައްސަލައެއް

ޑައުން ސިންޑްރޯމް އަކީ އުފެދުމުގައި ހުންނަ އުނިކަމެކެވެ. މިއީ އުފަންވާއިރު ހުންނަ ޢައިބެކެވެ. މިއުނިކަމަށް "ޓްރައިސޯމީ 21" އޭ ވެސް ކިޔައި އުޅެއެވެ. ކްރޯމޮސޯމް އެއްގައި ހުންނަ އައިބެއްގެ ސަބަބުން އުނގެނުމުގައި ނުކުޅެދުންތެރިކަން ކުޑަކުދިންނަށް މެދުވެރި ކުރުވާ އެންމެ އާންމު ސަބަބެއްކަމަށް ބެލެވިފައިވަނީ ޑައުން ސިންޑްރޯމް އެވެ.

ޑައުން ސިންޑްރޯމްގެ އަލާމާތްތައް

ޑައުން ސިންޑްރޯމް އާއެކު އުފަންވާ ތުއްތު ކުދިންގެ ކިބައިން އެންމެ އާންމުކޮށް ފެނިދާނެ (ފާހަގަ ކުރެވިދާނެ) ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  • ފުޅާ ފަތި (ފަތާ) މޫނެއް ހުރުން
  • ބޯ ކުޑަވުން
  • ކަރު ކުރުވުން
  • ތުންފަތް ބޮޑުވުން
  • ދޫ ބޮޑުވުން، އަދި ދޫބޮޑުކަމުން ބޭރަށް ނިކުމެފައި އޮންނަހެން ސިފަވުން
  • ނޭފަތް ކުޑަވުން
  • ލޯ މައްޗަށް ލެނބިފައި ހުރުން (އާމަންޑު-ބައްޓަމަށް ލޯހުރުން)
  • ކަންފަތް ތިރިއަށް ޖެހިފައި ހުރުން/ ނުވަތަ ކަންފަތް ކުޑަވުން
  • މަސްތަކުގައި ވަރުނުހުރުން/ ހުޅުތައް ދޫވުން
  • އަތްތިލަ ކުރުކޮށް، ފުޅާކޮށް ހުރުމާއެކު، އާންމުކޮށް އަތްތިލައިގައި ހުންނަ 3-2 ރޮނގުގެ ބަދަލުގައި ޑައުން ސިންޑްރޯމް ކުދިންގެ ފާޅުކޮށް ފެންނަން ހުންނާނީ އެންމެ ރޮނގެކެވެ.
  • އަތްތިލަ އަދި ފައިތިލަ ނިސްބަތުން ކުޑަވުން އަދި އަތްފައިގެ އިނގިލިތައް ނިސްބަތުން ކުރުވުން
  • އާދަޔާ ޚިލާފަށް ބޮޑަށް އެކި ފަރާތް ފަރާތަށް ލެނބިހެދުމުގެ ގާބިލިއްޔަތުކަން ލިބިފައިވުން
  • ލޮލުގެ ކަޅުކަޅީގައި ހުދުކުލައިގެ ތިއްކެއް (ތިކިތަކެއް) ހުރުން
  • އިސްކޮޅުން ކުރުވުން
  • ހިތް އަދި ގުރުދާ (ކިޑްނީ) ރަނގަޅަށް އުފެދިފައި ނެތުން
  • ސިކުނޑީގައި އުނިކަމެއް ހުރުން
  • ފައިތިލަ، އަތްތިލަ، އަދި އަތްފައިގެ އިނގިލިތަކުގެ ރޮނގުތައް ތަފާތުކޮށް ހުރުން (އަތްތިލައިގައި އެންމެ ރޮނގެއް ހުރުން)
  • އުނގެނުމާއި ދޭހަވުމުގައި ލަސްކަމެއްހުރުން (އުނގެނުމުގެ ނުކުޅެދުންތެރިކަމެއް ހުރުން)
  • ކަންކަމުގައި ގޮތެއް ނިންމަން އުނދަގޫވުން
  • ކުއްޖާ ހެދިބޮޑުވުން ލަސްވުން
  • ކުއްޖާގެ އުޅުމާއި ސުލޫކު އެހެން ކުދިންނާ ތަފާތު ގޮތެއްހުރުން: ސަމާލުކަން ނުދިނުން، ގޮތްދޫނުކުރުން، ހަރުކަށިވުން، ހަލަނިވުން، މަޑުން ނުހުރެވުން
  • ވާހަކަ ދެއްކުން ލަސްވުން/ ވާހަކަ ދައްކާއިރު އުނދަގޫގޮތެއް ހުރުން (ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުރުން)

ޑައުން ސިންޑްރޯމް ހުންނަ ކުދިން އެހެންކުދިންނަށްވުރެ ބޮޑުވާލެއް ލަސްވާނެ އެވެ. އަދި ގިނަ ފަހަރު އުމުރުގެ އެހެން ކުދިންނަށްވުރެ އިސްކޮޅުން ކުރުވެދާނެ އެވެ. ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަށް އުފެދުމުގައި ޖެހޭ ހިތުގެ ބަލިތައް ހުންނަކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ޑައުން ސިންޑްރޯމް ޖެހުމުން ކްރޯމޮސޯމް އަންނަ ބަދަލު ގެ ހަގީގަތް އަދި ހޯދިފައެއް ނުވެއެވެ.

ދިމާވެދާނެ ނުރައްކާތެރި މައްސަލަތައް

ޑައުން ސިންޑްރޯމް ހުންނަކުދިންނާއި މީހުންނަށް ތަފާތު ބޮޑެތި ޞިއްޙީ މައްސަލަތަކާއި ކުރިމަތިލާންޖެހުމަކީ ވަރަށް ކައިރި ކަމެކެވެ. އެގޮތުން ދިމާވެދާނެ އެންމެ އާންމު އެއް މައްސަލަ އަކީ އުފަންވާއިރު ހުންނަ ހިތުގެ މައްސަލަތަކެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަކީ އުފަންވާއިރު ކޮންމެ ވެސް ކަހަލަ އައިބެއް ނުވަތަ އުނިކަމެއް ހިތުގައި ހުންނަ ކުދިންނެވެ. މިގޮތުން ހުންނަ ޢައިބުތަކާއި އުނިކަމަކީ އޭގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ކަންކަމެވެ. އަދި އެހުރި އުނިކަމެއް ރަނގަޅުކުރުމަށް ތުއްތު އިރު ސާޖަރީއެއް ހަދަންޖެހިދާނެ އެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުޑަކުދިންނަށް ލޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ. މިފަދަ ކުދިންގެ ދިފާޢީ ނިޒާމުގައި ހުންނަ އުނިކަމެއްގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ޖެހުމަކީ ވަރަށް ކައިރި ކަމެކެވެ. މިފަދަ ފަރާތްތަކަށް ހަނދާން ނެތުމުގެ މައްސަލަ ދިމާވުމުގެ ފުރުޞަތު ރަނގަޅަށް ތިބޭ ކުދިންނަށްވުރެ އިތުރުކަން ފާހަގަ ކުރެވެއެވެ. އަދި މިފަދަ ކުދިންނަށް ފިޓުޖެހޭ މިންވަރު ނިސްބަތުން އިތުރުކަން ފާހަގަ ކުރެވެއެވެ. ޑައުން ސިންޑްރޯމް ހުރުމަކީ އުމުރުން ދުވަސްވުމުން ކުރިމަތިވާ ހަނދާންނެތޭ ބައްޔެއް ކަމުގައިވާ "އަލްޒައިމާ ބަލި" ޖެހުމުގެ ފުރުޞަތު ވެސް އިތުރުކުރާ ކަމެކެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއި މީހުން ނިދީގައި ގުގުރި ދެމުމުގެ ފުރުޞަތު ބޮޑެވެ. މިހެން ދިމާވަނީ ޑައުން ސިންޑްރޯމް އާއި ގުޅިގެން ކަރުތެރެ އާއި، ނޭވާލާ ނިޒާމުގެ މަތީބައި ހިމެނޭ ހިސާބުގެ ބައިތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ނޭވާ ހިނގާ މަގު ހަނިކޮށް ބައްދާލާތީ އެވެ. އަދި މާބޮޑަށް ފަލަވުމުގެ ފުރުޞަތު ޑައުން ސިންޑްރޯމް ކުދިންނަށް އެހެންކުދިންނަށްވުރެ އިތުރުކަން ފާހަގަ ކުރެވެއެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ދިމާވެދާނެ އެހެން ޞިއްޙީ މައްސަލަ ތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑްގެ މައްސަލަތައް ހުރުން، ބަނޑާއި ގޮހޮރުގެ މައްސަލަތައް، ފިޓުޖެހުން، ކަންފަތުގެ މައްސަލަތައް، ބީރުވުން، މާއަވަހަށް އިއްދައިން ކެނޑުން، ހަމުގެ މައްސަލަތައް، ކަށީގެ މައްސަލަތައް އަދި ލޮލުގެ ފެނުން ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހަށިގަނޑުގައި އުފަންވާއިރު ތަފާތު ޢައިބުތައް ހުރުމަކީ ވެދާނެ ކަމެކެވެ. އެގޮތުން އެންމެ އާންމުކޮށް ހުންނަނީ އުފެދުމުގައި ހިތުގައި އުފެދޭ ޢައިބުތަކެވެ. ކުޑަގޮހޮރު ބެދިފައިހުރުން ފަދަ ކަންކަމަކީ މަދުން ނަމަވެސް ހުރެދާނެ ޢައިބެކެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ ތަފާތު ޞިއްހީ މައްސަލަތައް ދިމާވާނެ ބައެކެވެ. އެގޮތުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި މަތިންއަރާ ބަލި ހުރުން، ގްލޫޓެން ކިޔާ ޕްރޮޓީން އަކަށް ތަހައްމަލުނުކުރެވުމުން ކުރިމަތިވާ ސިލިއެކް ޑިޒީޒް ފެންމަތިވުން، އަދި ތައިރޮއިޑް ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކަންފަތުގެ އަޑުއިވުމަށާއި، ލޮލުގެ ފެނުމަށް އަސަރު ކުރުމުގެ ފުރުޞަތު ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ މެދުގައި އިތުރުކަން ފާހަގަ ކުރެވެއެވެ. މަދު ކުއްޖަކަށް ލޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު ވެސް އޮވެއެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ އެހެން ކުދިންނަށްވުރެ ހެދިބޮޑުވުމުގައި ލަސްކަމެއް ހުންނަ ކުދިންނެވެ. އުޅުމާއި ސުލޫކުގައި އެހެން ކުދިންނާއި ތަފާތުގޮތްތަކެއް ހުރެދާނެ އެވެ. މިސާލަކަށް ކަންކަމަށް ސަމާލުކަންދޭލެއް ކުޑަވެދާނެ އެވެ. މާހަލަނިކޮށް އުޅެފާނެ އެވެ. ގޮތްދޫނުކުރާގޮތް ހުރެދާނެ އެވެ. ކުއްލިއަކަށް ރުޅިއައިސް ހިތްހަމަނުޖެހިގެން އުޅެދާނެ އެވެ. މަޑުން ހިފިހިމޭނުން ހުންނަން އުނދަގޫވެދާނެ އެވެ. ޑައުން ސިންޑްރޯމް ހުންނަ ބައެއް ކުދިންގެ ކިބައިން "އޯޓިޒަމް"ގެ އަސަރު ފެންނަކަން ފާހަގަ ކުރެވެއެވެ. ޑައުން ސިންޑްރޯމް ހުންނަ މީހުންނަށް އުމުރު ގެ ފަހުކޮޅަށް އެޅުމުން ހަނދާންނެތޭ ބައްޔެއް ކަމުގައިވާ "އަލްޒައިމާ ބަލި" ޖެހުމުގެ ފުރުޞަތު ބޮޑެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހެދިބޮޑުވުމުގައި ހުންނަ ތަފާތުތައް

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ އެހެން ކުދިންނަށްވުރެ ހެދިބޮޑުވުން ލަސްކުދިންނެވެ. ހެދިބޮޑުވުމުގެ މަރުހަލާތަކުގައި ހިނގާ ތަފާތު ކަންތައްތައް ޑައުން ސިންޑްރޯމް ހުންނަ ކުދިން ފުރިހަމަކުރާލެއް ނިސްބަތުން އެތައް ގުނައެއް ލަސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ކޮންމެވެސް ވަރަކަށް އުނގެނުމުގައި އަދި ދޭހަވުމުގައި ނުކުޅުދުންތެރިކަމެއް ހުރުމަކީ ވެދާނެ ގޮތެކެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ އެހެން ކުދިންނަށްވުރެ ހެދިބޮޑުވުމުގައި ލަސްކަމެއް ހުންނަ ކުދިންނެވެ. އުޅުމާއި ސުލޫކުގައި އެހެން ކުދިންނާއި ތަފާތުގޮތްތަކެއް ހުރެދާނެ އެވެ.

ހެދިބޮޑުވުމުގައި ކުރިމަތިވާ ތަފާތު މަރުހަލާތައް ރަނގަޅު ކުދިންނަށް ކުރިމަތިވާ މުއްދަތާއި، އަދި ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ކުރިމަތިވެދާނެ މުއްދަތާއި ދުވަސްވަރު ތިރީގައި މިވާ ޖަދުވަލުގައި މިވަނީ އެވެ.

ހެދި ބޮޑުވުމުގެ މަރުހަލާތަކުގައި ކުރާ ކަންތައްތައް

ރަގަޅު ކުދިން

ޑައުން ސިންޑްރޯމް ހުންނަ ކުދިން

ހަރަކާތްތައް

އިށީނު

9 – 5 މަސް

30 – 6 މަސް

ފިރުކުން

12 – 6 މަސް

22 – 8 މަސް

ކޮޅަށް ތެދުވުން

17 – 8 މަސް

3.25 – 1 އަހަރު

ހިނގުން

18 – 9 މަސް

4 – 1 އަހަރު

ވާހަކަ ދެއްކުން

ފުރަތަމަ ބަސް ބުނުން

3 – 1 އަހަރު

4 – 1 އަހަރު

ދެބަހުގެ ޖުމުލަ ބުނުން

32 – 15 މަސް

7.5 – 2 އަހަރު

އިޖުތިމާއީ ހުނަރު / އަމިއްލައަށް ކަންކަންކުރުން

ހިނިތުންވުން

3 – 1 މަސް

5 – 1.5 މަސް

އިގިލިން ނަގައިގެން ތަކެތި ކައިހެދުން

14 – 7 މަސް

24 – 10 މަސް

މީހެއްގެ އެހީއާއި ނުލައި ތަށިން ފެންބުއިން

17 – 8 މަސް

32 – 12 މަސް

ސަމުސަލުން ކެއުން

20 – 12 މަސް

39 – 13 މަސް

ބޮޑުކަމުދިއުން ކޮންޓްރޯލްވުން

42 – 16 މަސް

7 - 2 އަހަރު

މީހެއްގެ އެހީއާއި ނުލައި އަންނައުނު ލައިހެދުން

5 – 3.25 އަހަރު

8.5 – 3.5 އަހަރު

މައުލޫމާތު ނަގާފައިވަނީ :

http://www.mayoclinic.org/diseases-conditions/down-syndrome/basics/definition/con-20020948

http://ghr.nlm.nih.gov/condition/down-syndrome

http://www.ndss.org/Resources/Therapies-Development/Early-Intervention

http://www.nlm.nih.gov/medlineplus/ency/article/000997.htm

http://www.webmd.com/children/guide/understanding-down-syndrome-basics

http://americanpregnancy.org/birth-defects/down-syndrome

comment ކޮމެންޓް