ޑައުން ސިންޑްރޯމް ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި ބަލި ދެނެގަތުން

ޑައުން ސިންޑްރޯމް އަކީ ކްރޯމޮސޯމް ގެ 21 ވަނަ ޖޯޑުގައި އިތުރު ކްރޯމޮސޯމް އެއް ހުރުމުގެ ސަބަބުން އުފެދުމުގައި ހުންނަ ޢައިބެކެވެ. ނުވަތަ ބައްޔެކެވެ. އެހެންކަމުން މިހާލަތުގައި އާންމު ގޮތެއްގައި ހުންނަ 46 ކްރޯމޮސޯމްގެ ބަދަލުގައި އެފަދަ މީހެއްގެ ހަށިގަނޑުގައި 47 ކްރޯމޮސޯމް ހުންނާނެ އެވެ.

އިންސާނާގެ ހަށިގަނޑުގެ ސެލްތަކުގައި އާންމު ގޮތެއްގައި 23 ޖޯޑު ކްރޯމޮސޯމް، ޖުމުލަ 46 ކްރޯމޮސޯމް ހުރެއެވެ. ކޮންމެ ޖޯޑެއްގައި ހިމެނޭ 2 ކްރޯމޮސޯމްގެ ތެރެއިން އެއް ކްރޯމޮސޯމް ލިބެނީ މަންމަގެ ފުށުންނެވެ. އަނެއް ކްރޯމޮސޯމް ލިބެނީ ބައްޕަގެ ފުށުންނެވެ. ޑައުން ސިންޑްރޯމް އުފަންވެގެން އަންނަނީ (ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި ސެލްތައް އުފެދިގެން އައުމުގައި) ސެލްތައް ހެދިބޮޑުވުމުގައި 21 ވަނަ ކްރޯމޮސޯމް ޝާމިލްވާގޮތަށް އަރާ ލޮޅުމެއް (ބުރޫއެރުމެއް) ގެ ސަބަބުންނެވެ. އެގޮތުން އަރާ ލޮޅުމުގެ ސަބަބުން ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި އާންމުކޮށް ހުންނަ 2 ކްރޯމޮސޯމްގެ ބަދަލުގައި އިތުރު ކްރޯމޮސޯމެއް އުފެދިގެން ދަނީ އެވެ. އެހެންކަމުން އާންމުކޮށް 23 ޖޯޑު މަތިން އިންނަ 46 ކްރޯމޮސޯމްގެ ބަދަލުގައި ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ 47 ކްރޯމޮސޯމް ހުންނާނެ އެވެ. ޑައުން ސިންޑްރޯމް ހުންނަ ކުއްޖެއްގެ ފުށުން ފެންނަ ސިފަތަކާއި، ހެދިބޮޑުވުމުގައި ދިމާވާ މައްސަލަތައް ކުރިމަތިވަނީ މިބަދަލުގެ ސަބަބުންނެވެ. މިބައްޔަށް ބައެއް ފަހަރު ޓްރައިސޯމީ 21 ކިޔަނީ 21 ވަނަ ކްރޯމޮސޯމް ޖޯޑުގައި 3 ކްރޯމޮސޯމް ހުންނާތީ އެވެ.

ބަޔާންކުރެވުނު ގޮތަށް ވިރާސީ ބަހާއަށް ތަފާތު 3 ބަދަލެއް އައުމުން ޑައުންސިންޑްރޯމް ފެންމަތި ކުރުވައެވެ. އެއީ:-

(ހ) - ޓްރައިސޯމީ 21 (Trisomy 21): ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ 95 އިންސައްތަ ކުދިންނަކީ ޓްރައިސޯމީ 21 ގެ އަހުލުވެރިންނެވެ. މިވައްތަރުގައި ހަށިގަނޑުގެ ހުރިހާ ސެލްތަކެއްގެ ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި އާންމުކޮށް ހުންނަ 2 ކްރޯމޮސޯމްގެ ބަދަލުގައި އިތުރު ކްރޯމޮސޯމެއް އުފެދިގެން ދަނީ އެވެ. މިއީ ފިރިހެނާގެ ދަރިފަނީގެ ސެލްތައް ނުވަތަ އަންހެނާގެ ބިހުގެ ސެލްތައް ހެދިބޮޑުވުމުގައި ސެލްތައް ބައިވެ އިތުރުވެގެން އަންނައިރު އުފެދޭ އުނިކަމަކުން ދިމާވާ ކަމެކެވެ.

(ށ) - މޯޒޭއިކް ޑައުން ސިންޑްރޯމް (Mosaic Down Syndrome): ވަރަށް މަދުން ފެންނަ މިވައްތަރުގައި ބައެއް ސެލްތަކުގެ ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި އާންމުކޮށް ހުންނަ 2 ކްރޯމޮސޯމްގެ ބަދަލުގައި އިތުރު ކްރޯމޮސޯމެއް އުފެދިގެން ދަނީ އެވެ. އަދި އަނެއް ބައި ސެލްތަކުގައި ހުންނާނީ 2 ކްރޮމޯސޯމް އެވެ. މިއީ އަންހެނާގެ ބިހާއި ފިރިހެނާގެ ދަރިފަނި އެއްވެ މުޑުވަށް ވުމަށްފަހު، ސެލްތައް ހެދިބޮޑުވުމުގައި ސެލްތައް ބައިވެ އިތުރުވެގެން އަންނައިރު އުފެދޭ އުނިކަމަކުން ދިމާވާ ކަމެކެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ތެރޭގައި މިވައްތަރު ހުންނަ ކުދިންގެ ނިސްބަތަކީ 2 އިންސައްތަ އެވެ.

(ނ) - ޓްރާންސް ލޮކޭޝަން ޑައުން ސިންޑްރޯމް (Translocation Down Syndrome): މަދުން ނަމަވެސް ފެންނަ މިވައްތަރުގައި ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި އާންމުކޮށް ހުންނަ 2 ކްރޯމޮސޯމްގެ ބަދަލުގައި އިތުރަށް ހުންނަ ކްރޯމޮސޯމް އެހެން ކްރޯމޮސޯމް އަކާއި ތަތްވާގޮތް ވަނީ އެވެ. އެހެންކަމުން މިފަދަ ކުދިންގެ ކްރޯމޮސޯމްގެ 21 ވަނަ ޖޯޑުގައި އާންމުކޮށް ހުންނަ 2 ކްރޯމޮސޯމް ހުންނާނެ އެވެ. އަދި 21 ވަނަ ކްރޯމޮސޯމް ޖޯޑުގައި އިތުރަށް އިން ކްރޯމޮސޯމް އެހެން ކްރޯމޮސޯމް އަކަށް ނަގުލުވަނީ އެވެ. ނުވަތަ އެހެން ކްރޯމޮސޯމް އަކާއި ތަތްވެ ހަރުލާގޮތް ވަނީ އެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ތެރޭގައި މިވައްތަރު ހުންނަ ކުދިންގެ ނިސްބަތަކީ 3 އިންސައްތަ އެވެ. ޑައުން ސިންޑްރޯމްގެ މިވައްތަރު މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަ ވުމުގެ ފުރުޞަތު އޮވެއެވެ. އެއީ މިވައްތަރުގެ ކެރިއަރުން ތިބޭތީ އެވެ.

ޑައުން ސިންޑްރޯމް ޖެހުމަށް މެދުވެރިވަނީ ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކުން ކަމެއް ނުވަތަ ދިރިއުޅޭ މާހައުލުގައި ހުންނަ ވަކި ކަހަލަ ކަންތައްތަކެއްގެ ސަބަބުންކަން އަދި ހޯދިފައެއް ނުވެއެވެ.

މަގުފަހިކުރާ ކަންތައްތައް

ޑައުން ސިންޑްރޯމް ހުންނަ ކުދިން ލިބުމަށް މަގުފަހިކުރާ ކަންތައްތަކެއް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ފާހަގަ ކުރެވިފައިވާ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) - މައިމީހާ އުމުރުން މަތިވުން : ބަލިވެ އިންނައިރު މައިމީހާގެ އުމުރުން މަތިވުމަކީ (35 އަހަރަށްވުރެ މަތިވުން) ޑައުން ސިންޑްރޯމް ހުންނަ ކުދިން ލިބުމުގެ ފުރުޞަތު އިތުރުކޮށްދޭ ކަމެކެވެ. އުމުރުން 35 އަހަރު ވުމަށްފަހު ބަލިވެ އިންނަ އަންހެނުންނަށް ލިބޭ ކުދިންގެ ތެރެއިން ކޮންމެ 350 ކުދިންގެ ތެރެއިން 1 ކުއްޖަކަށް ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އުމުރުން 40 އަހަރުވުމަށްފަހު ބަލިވެ އިންނަ މީހުންނަށް ލިބޭ ކުދިންގެ ތެރެއިން ކޮންމެ 100 ކުދިންގެ ތެރެއިން 1 ކުއްޖަކަށް ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އަދި އުމުރުން އުމުރުން 45 އަހަރުވުމަށްފަހު ބަލިވެއިދެ ލިބޭ ކުދިންގެ ތެރެއިން ކޮންމެ 30 ކުދިންގެ ތެރެއިން 1 ކުއްޖަކަށް ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.

(ށ) - ކުރިން ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކު ލިބިފައިވުން : ކުރިން ޑައުން ސިންޑްރޯމް ކުދިން ލިބިފައިވާ އަންހެނުންނަށް ދެވަނަ ފަހަރަށް ވެސް ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކު ލިބުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ.

(ނ) - ދެމަފިރިންނަކީ ޓްރާންސްލޮކޭޝަން ޑައުން ސިންޑްރޯމް ހުންނަ ކެރިއަރުންނަށް ވުން : މަންމައާއި ބައްޕަގެ ފުށުން ވެސް ދަރިންނަށް ބައްޔާއި ގުޅުންހުރި ބަހާތައް ވާރުތަ ވެދާނެ އެވެ.

ދެނެގަތުން

ބަނޑުގައިވާ ދަރިފުޅަކީ ޑައުން ސިންޑްރޯމް ކުރިމަތިވެފައިވާ ކުއްޖެއްތޯ ބެލުމަށް މާބަނޑު ދުވަސްވަރު ޓެސްޓުކުރެވިދާނެ އެވެ. އެގޮތުން ކުރެވޭ ކަމަކީ ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި ޑައުން ސިންޑްރޯމް ހުރިތޯ ބެލުމަށް ސްކްރީން ކުރުމާއި، ޑައުން ސިންޑްރޯމް ކުރިމަތިވެފައި ހުރިތޯ ބަލައި ދެނެގަތުމެވެ. މާނައަކީ ސްކްރީން ޓެސްޓު އަދި ޑައިގްނޯސްޓިކް ޓެސްޓު ހެދުމެވެ. ސްކްރީން ކުރުމުގެ މާނައަކީ ބަނޑުގައިވާ ދަރިފުޅަކީ ޑައުން ސިންޑްރޯމް ގެ އަސަރު ހުރި ކުއްޖަކަށްވުމުގެ ފުރުޞަތު އޮތްތޯ ބެލުމެވެ. ޑައިގްނޯސްޓިކް ޓެސްޓު ހެދުމުން ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި ޑައުން ސިންޑްރޯމް ހުރިކަން ނުވަތަ ނެތްކަން ދެނެގަނެވޭނެ އެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި ޑައުން ސިންޑްރޯމް ހުރިތޯ ސްކްރީން ކުރުން

ބައެއް ގައުމުތަކުގައި ބަލިވެ އިނުމުން ގަވާޢިދުން ކުރާ ކަމެއްގެ ގޮތުގައި ބަނޑުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި ޑައުން ސިންޑްރޯމް ހުރިތޯ ސްކްރީން ކުރެއެވެ. ބަނޑުގައިވާ ދަރިފުޅަށް ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު އޮތްތޯ ބެލުމަށް ތަފާތު ސްކްރީން ޓެސްޓުތައް ހެދެއެވެ. ހަނދާން ބަހައްޓަންވީ އެއް ކަމަކީ ސްކްރީން ކުރުމަކުން އަދި ދަރިފުޅަށް ޑައުން ސިންޑްރޯމް ކުރިމަތިވެފައިވާކަން ދެނެނުގަނެވިދާނެ ކަމެވެ. އާންމު ގޮތެއްގައި ހަދައި އުޅޭ 3 ސްކްރީން ޓެސްޓަކީ:-

(ހ) - ފަސްޓް ޓްރައިމެސްޓަރ ކޮމްބައިންޑް ޓެސްޓު (First Trimester combined test): މިއީ ދެފިޔަވަޅެއްގެ މަތިން ހެދޭ ޓެސްޓެކެވެ. ނުވަތަ މީގައި ތަފާތު ދެ ޓެސްޓެއް ހަދަން ޖެހެއެވެ. އެއީ ލޭގެ ޓެސްޓު ހެދުމާއި، ސްކޭން ކުރުން އެވެ.

  • ލޭގެ ޓެސްޓު (blood test): ލޭގެ ޓެސްޓުގައި ބެލެނީ "މާބަނޑުވުމުން އުފެދޭ ޕްލާޒްމާ ޕްރޮޓީން – އޭ"(PAPP-A) އަދި " މާބަނޑު ހޯރމޯން" (Pregnancy hormone) ގެ ގޮތުގައި މަޝްހޫރުވެފައިވާ "ހިއުމަން ކޮރިއޮނިކް ގޯނާޑޮޓްރަޕިން "(HCG) ހޯރމޯން ގެ މިންވަރެވެ. މި ދެމާއްދާގެ މިންވަރަށް ބަދަލު އައިސްފައި ހުރުމަކީ ބަނޑުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި މައްސަލައެއް ހުރުން ކަމުގައި ފަހަރުގައި ވެދާނެ އެވެ.
  • ސްކޭން ކުރުން (Ultrasound) : ސްކޭން ކުރުމުގައި ޚާއްޞަ ގޮތެއްގައި ބެލެނީ ބަނޑުގައިވާ ދަރިފުޅުގެ ކަރުގެ ފަހަތުގައިވާ ޚާއްޞަ ހިސާބެކެވެ. މިއީ "ނޫކަލް ޓްރާންސްލިއުސެންސީ ސްކްރީނިންގ ޓެސްޓު" (nuchal translucency screening test) ގެ ނަން ދެވިފައިވާ ޓެސްޓެކެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގައި ޢައިބެއް ހުރިނަމަ އާންމުކޮށް ހުންނަވަރަށް ވުރެ ބޮޑަށް ކަރުގެ ޓިޝޫ ތަކުގައި ދިޔާތަކެތި (ފެން) ހަރުލާފައި ހުންނަގޮތް ވާނެއެވެ.

މާބަނޑު މީހާގެ އުމުރާއި، މަތީގައި ބަޔާންކުރެވުނު ލޭގެ ޓެސްޓާއި، ސްކޭންގެ ނަތީޖާއަށް ބަލައި ޑައުން ސިންޑްރޯމް ހުރި ކުއްޖަކު ލިބުމުގެ ފުރުޞަތު އޮތް މިންވަރު ޑޮކްޓަރުންނަށް ކަނޑައެޅުމަށް ފަސޭހަވެގެން ދެއެވެ.

(ށ) - އިންޓެގްރޭޓެޑް ސްކްރީނިންގ ޓެސްޓު (Integrated screening test): މިއީ ވެސް ދެބަޔަކަށް ހެދޭ ޓެސްޓެކެވެ. އެގޮތުން މާބަނޑުވުމަށްފަހު ފުރަތަމަ 3 މަސް ދުވަހާއި، ދެވަނަ 3 މަސް ދުވަހުގެ ތެރޭގައި ޓެސްޓު ހަދަން ޖެހެއެވެ. ފުރަތަމަ ބައި ހެދެނީ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައެވެ. އަދި ދެވަނަ ބައި ހެދެނީ ދެވަނަ 3 މަސް ދުވަހުގެ ތެރޭގައެވެ.

  • ފުރަތަމަ ބައި - ފުރަތަމަ 3 މަހުގެ ތެރޭގައި : މިބައިގައި ހިމެނެނީ މާބަނޑުވުމުން އުފެދޭ ޕްލާޒްމާ ޕްރޮޓީން- އޭ ގެ މިންވަރު ބެލުމަށް ލޭގެ ޓެސްޓު ހެދުމާއި، ސްކޭން ކުރުމެވެ.
  • ދެވަނަ ބައި - ދެވަނަ 3 މަހުގެ ތެރޭގައި : މިބައިގައި މާބަނޑުވުމުން އުފެދޭ ތަފާތު 4 މާއްދާއެއް ލޭގައި ހުރި މިންވަރު ދެނެގަނެވޭނެ އެވެ. އެގޮތުން އަލްފާ ފީޓޯޕްރޮޓީން (Alpha fetoprotein)، އެސްޓްރައިއޯލް (Estriol)، ހިއުމަން ކޮރިއޮނިކް ގޯނާޑޮޓްރޮޕިން (HCG)، އަދި އިންހިބިން އޭ (Inhibin A) ލޭގައި ހުރި މިންވަރު ބެލޭނެ އެވެ. މިޓެސްޓުގައި ތަފާތު 4 ޕްރޮޓީން އެއް ހުރި މިންވަރު ދެނެގަނެވޭތީ "ކްއެޑްރަޕްލް ޓެސްޓް" (Quadruple test) އޭ ކިޔައި އުޅެއެވެ.

(ނ) - ސެލް ފްރީ ފީޓަލް ޑީއެންއޭ އެނަލިސިސް (Cell-Free fetal DNA Analysis): މިޓެސްޓުގައި މައިމީހާގެ ލޭގެ ތެރޭގައި ދައުރުވާ ތުއްތު ދަރިފުޅުގެ ޑީއެންއޭ ޓެސްޓު ކުރެވެއެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިން ލިބުމުގެ ލިބުމުގެ ފުރުޞަތު ބޮޑު އަންހެނުންނަށް މި ޓެސްޓު ހެދުމަށް އިރުޝާދު ދެވެއެވެ. މަތީގައި ބަޔާންކުރެވުނު ޓެސްޓުތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް މިޓެސްޓު ހަދަން އިރުޝާދު ދީފާނެ އެވެ. އާންމުކޮށް މިޓެސްޓު ހަދައިއުޅެނީ މާބަނޑުވާތާ 10 ހަފްތާ ފަހުންނެވެ. މިއީ ޑައުން ސިންޑްރޯމް ހުރިތޯ ބެލުމަށް ހެދޭ ވަކިން ޚާއްޞަ ޓެސްޓެއްކަން ފާހަގަ ކުރެވެއެވެ. ޑައުން ސިންޑްރޯމް ހުރިކަމަށް ޝައްކު ކުރެވޭނަމަ މިޓެސްޓުގެ އެހީގައި ޑައިގްނޯސްޓިކް ޓެސްޓުތައް ހަދަން ލަފާދީފާނެ އެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި ޑައުން ސިންޑްރޯމް ހުރިކަން ދެނެގަތުން

މާބަނޑުވުމަށްފަހު ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި ޑައުން ސިންޑްރޯމް ހުރިތޯ ސްކްރީން ކުރުމަށް ހަދާ ޓެސްޓުތަކުން ޑައުން ސިންޑްރޯމް ހުރިކަމަށް ޝައްކުކުރެވޭ ފަދަ ނަތީޖާއެއް ލިބިއްޖެނަމަ، ޑައުން ސިންޑްރޯމް ތުއްތު ދަރިފުޅުގެ ކިބައިގައި ހުރިކަން ޔަގީންކުރުމަށް ނުވަތަ ދެނެގަތުމަށް އިތުރު ޓެސްޓުތައް ހަދަން ލަފާދެއެވެ. އެގޮތުން މާބަނޑު ދުވަސްވަރު ބަނޑުގައިވާ ދަރިފުޅުގެ ކިބައިގައި ޑައުން ސިންޑްރޯމް ހުރިކަން ދެނެގަތުމަށް ހެދޭ ޑައިގްނޯސްޓިކް ޓެސްޓުތަކުގެ ތެރޭގައި:-

(ހ) އެމްނީއޯސެންޓީސިސް (Amniocentesis): އެމްނީއޯސެންޓީސިސް އަކީ އުފެދުމުގައި ޢައިބެއް ހުރިތޯބެލުމަށް ކުރެވޭ އެންމެ ޢާންމު އެއް ޓެސްޓެވެ. ޢާންމުކޮށް މިޓެސްޓް ހަދަނީ ބަލިވެއިނުމަށް ފަހު 18-15 ވަނަ ހަފުތާއާ ދޭތެރޭގައެވެ.

މިޓެސްޓް ހެދުމަށްޓަކައި ކުޑަދަރިފުޅުގެ ވަށައިގެން ލެވިފައިވާ ފެންދުލީގެ ތެރެއިން ތިނޯހެއް ބޭނުންކޮށްގެން ފެނުގެ ސާމްޕަލްއެއް ނެގެއެވެ. ފެންދުލީގައި ހުންނަ ފެނުގެ ތެރޭގައި ޓެސްޓްކުރުމަށް ބޭނުންކުރެވޭ ކުޑަދަރިފުޅުގެ ހަށިގަނޑުގެ ސެލްތައް ހުރެއެވެ. މިސެލްތައް ކުޑަދަރިފުޅެކޭ އެއްފަދައިން ވިރާސީ ސިފަތައް އުފުލައެވެ.

(ށ) ކޮރީއޮނިކް ވިލަސް ސާމްޕްލިންގ (Chorionic villus sampling): މިއީ ޢާންމުގޮތެއްގައި އެމްނީއޯސެންޓީސިސް އަށްވުރެ އަވަހަށް ބަލިވެ އިންނަތާ ކުރީކޮޅު ހަދާ ޓެސްޓެކެވެ. ޢާންމުގޮތެއްގައި މިޓެސްޓް ހަދަނީ ބަލިވެއިނުމަށްފަހު 12-10ވަނަ ހަފްތާއާ ދޭތެރޭގެ މުއްދަތެއްގައެވެ. ނުވަތަ ބަލިވެއިންނަތާ 10 ހަފްތާގެ ފަހުންނެވެ. މިޓެސްޓްގެ ސަބަބުން ބަލިވެއިންނަތާ ކުރީކޮޅު ކުޑަދަރިފުޅުގެ ހަށިގަނޑުގައި ޢައިބެއް ހުރިނަމަ އެކަން ދެނެގަނެއެވެ.

މިޓެސްޓް ހެދުމަށްޓަކައި ރަހިމުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ހަށިގަނޑާއި މައިމީހާ ގުޅުވައިދޭ ވަޞީލަތް ނުވަތަ މަހުގެ ސެލްތަކުން ކުޑަ ސާމްޕަލްއެއް ނެގެއެވެ. ކޮރީއޮނީކް ވިލައި އަކީ މަހުގެ ކުދި ބައިތަކެވެ. ''ވިލައި'' އުފެދެނީ މުޑުވައްވެފައިވާ ބިހުންނެވެ. ކުޑަދަރިފުޅުގެ ހަށިގަނޑުގައި ހުންނަ ވިރާސީ ބަހާ އާއި، އެއްގޮތް ވިރާސީ ބަހާތައް ''ވިލައި'' ވެސް އުފުލައެވެ.

ބަނޑުގައިވާ ދަރިފުޅަށް ކާނާ ގެންގޮސްދޭ މަހުގެ ސެލްތައް ނެގިދާނެ ދެގޮތެއް ވެއެވެ. އެއީ ފަރުޖު ނުވަތަ އަންހެނާގެ ކުރިމަތި ފަރާތަށް އެއްޗެއް ބާނައިގެން މަހުން ސެލްތައް ނެގުމާއި، ބަނޑުގެ ތެރެއަށް އެއްޗެއް ބާނައިގެން މަހުން ސެލްތައް ނެގުމެވެ.

(ނ) ކޯޑޯސެންޓީސިސް (Cordocentesis): ކޯޑޯސެންޓީސިސް ގެ މާނައަކީ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ފޫޅު ދަނޑިން ލޭނަގައިގެން އޭގައި ކްރޯމޮސޯމްގެ ޢައިބުތައް ހުރިތޯ ޓެސްޓުކުރުމެވެ. މިޓެސްޓަށް "ޕާކިޔުޓެނިއަސް އަމްބްލިކަލް ކޯޑް ބްލަޑް ސާމްޕްލިންގ"(PUBS) އޭ ވެސް ކިޔައެވެ. މިޓެސްޓު އާންމުކޮށް ހަދައި އުޅެނީ ބަނޑަށް 22-18 ހަފްތާއާއި ދެމެދު އޮންނަ މުއްދަތުގެ ތެރޭގައެވެ.

އުފަންވުމަށްފަހު ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޑައުން ސިންޑްރޯމްގެ އަސަރު ހުރިތޯ ބެލުން

އުފަންވުމަށްފަހު ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޑައުން ސިންޑްރޯމްގެ އަސަރު (ޑައުން ސިންޑްރޯމްގެ ސިފަތައް) ފެންނަން ހުރެދާނެ އެވެ. ނަމަވެސް ހަނދާން ބަހައްޓަންވީ މީގެ ތެރެއިން ބައެއް ކަންކަމަކީ ޑައުން ސިންޑްރޯމް ނުހުންނަ ކުދިންގެ ކިބައިން ވެސް ފެނިދާނެ ކަންތައްތަކެއް ކަމެވެ. އެހެން ކަމުން ތުއްތު ދަރިފުޅު އުފަންވުމަށްފަހު ޑައުން ސިންޑްރޯމް އަށް ޝައްކު ކުރެވޭނަމަ "ކްރޯމޮސޯމަލް ކެރީއަޓައިޕް" ކިޔޭ ލޭގެ ޓެސްޓެއް ހެދެއެވެ. މިޓެސްޓުގައި ކްރޯމޮސޯމް ތައް ތަހުލީލުކޮށް ދިރާސާ ކުރެވެއެވެ. ހުރިހާ ސެލްތަކެއްގެ ނުވަތަ ބައެއް ސެލްތަކުގެ 21 ވަނަ ކްރޯމޮސޯމް ޖޯޑުގައި އިތުރު ކްރޯމޮސޯމް ހުރިކަމަށްވާނަމަ އޭގެ މާނައަކީ ޑައުން ސިންޑްރޯމް އެކުއްޖެއްގެ ކިބައިގައި ހުރުމެވެ.

ކްރޯމޮސޯމަލް ކެރީއަޓައިޕިންގ ޓެސްޓަކީ ޑައުން ސިންޑްރޯމް ހުރިކަން ޔަގީންކޮށްދޭނެ ޓެސްޓެކެވެ.

ޑައުން ސިންޑްރޯމް ހުރިކަން ޔަގީންވުމުން އިތުރު ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ހަދަން ލަފާދީފާނެ ޓެސްޓުތަކުގެ ތެރޭގައި:-

  • ހިތުގެ އީކޯ ޓެސްޓެއް ހެދުން (އީކޯކާޑިއޯގްރާމް)
  • އީސީޖީ ނެގުން
  • މޭގެ އެކްސްރޭ ނެގުން

މީގެ އިތުރުން އަންނަނިވި ކަންކަމަށް ސްކްރީންކޮށް ޗެކުކުރެވެއެވެ.

  • ލޮލުގެ ޓެސްޓު ހެދުން (އެންމެ ކުޑައިރު އަހަރަކު އެއް ފަހަރު)
  • ކަންފަތުގެ ޓެސްޓު ހެދުން ( ކޮންމެ 12 – 6 މަހުގެ މުއްދަތެއްގައި )
  • ދަތްތައް ޗެކުކޮށް ހެދުން ( ކޮންމެ 6 މަހުން އެއްފަހަރު )
  • ކަރުގެ މައިބައިދައިގެ ކަށިތަކުގެ އެކްސްރޭ ނެގުން (5 – 3 އަހަރާއި ދެމެދުގައި)
  • ތައިރޮއިޑް ޓެސްޓު ހެދުން (އަހަރަކު އެއް ފަހަރު)
  • ޕެޕް ސްމިއަރ އަދި ޖިންސީ ގުނަވަން ހިމެނޭ ހިސާބު ބަލައި ހެދުން (ބާލިޣުވުމަށްފަހު / އުމުރުން 21 އަހަރުވުމުން)

މައުލޫމާތު ނަގާފައިވަނީ :

http://www.mayoclinic.org/diseases-conditions/down-syndrome/basics/definition/con-20020948

http://ghr.nlm.nih.gov/condition/down-syndrome

http://www.ndss.org/Resources/Therapies-Development/Early-Intervention

http://www.nlm.nih.gov/medlineplus/ency/article/000997.htm

http://www.webmd.com/children/guide/understanding-down-syndrome-basics

http://americanpregnancy.org/birth-defects/down-syndrome

comment ކޮމެންޓް