ފުރާވަރު ކުދިންގެ ޞިއްޙަތު (2): ތަބީޢީގޮތުން އަންނަ ބަދަލުތަކާއި އާންމުކޮށް ދިމާވާ މައްސަލަތައް

ފުރާވަރުކުދީން: މި އުމުރުގައި އެކުދީންނަށް ތަބީއީގޮތުން ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދޭ ---

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ފުރާވަރުކުދިން ނިސްބަތްކޮށްފައި ވަނީ އުމުރުން 19-10 އަހަރާ ދެމެދު އުމުރު ފުރާގެ ކުދިންނަށެވެ. ފުރާވަރު އުމުރު ފެށިގެން އަންނަނީ ކޮންމެ ޖިންސެއްގެ ކުއްޖެއް ވެސް ބޮޑުވާ ހިސާބުންނެވެ. ނޫނީ ބާލިޣުވާ ހިސާބުންނެވެ.

ބާލިޣުވުމަކީ އިންސާނާގެ ހަށިގަނޑުގައި ހޯރމޯންގެ މިންވަރަށް އަންނަ ބަދަލާ ގުޅިގެން ކުރިމަތިވާ ކަމެކެވެ. ބާލިޣުވާ އުމުރު ބަރޯސާވަނީ ކުއްޖާގެ ޖިންސު، ކެއުމަށް ބޭނުންކުރެވޭ ކާނާ، އަދި ހަށިގަނޑުގައި ހުންނަ ވިރާސީބަހާ ގެ މައްޗަށެވެ. އެހެންކަމުން އަންހެންކުދިންނާއި ފިރިހެންކުދިން ބާލިޣުވާ އުމުރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި އަންހެންކުދިން އުމުރުން 9 އަހަރާއި 14 އަހަރާއި ދެމެދުގައި ބާލިޣުވާއިރު، ފިރިހެންކުދިން އާންމު ގޮތެއްގައި ބާލިޣުވަނީ 10 އަހަރާއި 14 އަހަރާއި ދެމެދުގައެވެ. ފުރާވަރުގެ ކުދިންގެ ހަށިގަނޑަށް ތަބީޢީ ގޮތުން ވަރަށް ގިނަ ޖިސްމާނީ ބަދަލުތައް ބާލިޣުވުމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ދެޖިންސުގެ ކުދިންނަށް ބާލިޣުވުމާ ގުޅިގެން އަންނަ ބަދަލުތަކަށް ބަލައިލަމާ ހިނގާށެވެ.

އަންހެންކުދިން ބާލިޣުވުން

އަންހެން ކުދިން ބާލިޣުވިކަން އެނގޭނެ ގޮތަކީ ޙައިޟުވުމެވެ. ނުވަތަ މައްސަރު ކަންތައް ޖެހުމެވެ. ބާލިޣުވުމުން އަންހެންކުދިންގެ ދަރިމައިވުމުގެ ނިޒާމުގައި ހިމެނޭ ގުނަވަންތައް ފުރާ ފުރިހަމަވާން ފަށައެވެ. އަންހެން ވަންތަ ސިފަތައް އަންހެންކުދިންގެ ހަށިގަނޑުން ފާޅުވާން ފަށާނެ އެވެ. ދަރިމައިވުމުގެ ގާބިލިއްޔަތު އަންހެނުންނަށް ލިބެން ފަށާ އުމުރަކީ މިއީ އެވެ. ބާލިޣުވުމަށްފަހު ކޮންމެ އަންހެން ކުއްޖަކަށްމެ، މައްސަރު ކަންތައް ގަވާޢިދުން ޖެހެމުންދާނެ އެވެ.

އަންހެންކުދީން ފުރާވަރަށް އަޅައިގެން އަންނަ އިރު އެ ކުދީންނަށް އަންނަ ބަދަލުތަކާ މެދު ބެލެނިވެރީން ސަމާލުވާން ޖެހޭ ---

އިންސާނާގެ ސިކުނޑީގައިވާ ޕިޓޫއިޓަރީ ގްލޭންޑުން ދޫކުރާ ގޯނަޑަޓްރޮޕިން ހޯރމޯން ތައް ކަމުގައިވާ ފޮލިކަލް ސްޓިމިއުލޭޓިން ހޯރމޯން އަދި ލޫޓީނައިޒިންގ ހޯރމޯން ގެ ސަބަބުން އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ބިސް އުފައްދާ ތަން ހީވާގިވެ، މުރާލިވެ އެތަނުގެ މަސައްކަތްތައް ހިންގަން ފަށާނެ އެވެ. އެގޮތުން ބިސް އުފައްދާ ތަނުން "އެސްޓްރަޖަން"ހޯރމޯން އުފައްދަން ފަށާނެ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ވަކި އުސޫލަކުން ކޮންމެ މަހަކު އެއްފަހަރު މައްސަރު ކަންތައް ޖެހެމުންދާނެ އެވެ.

ބާލިޣުވުމަށްފަހު ނޫނީ ފުރާވަރަށް އެޅުމަށްފަހު އަންހެންކުދިންގެ ހަށިގަނޑަށް ޖިސްމާނީ ގޮތުން އަންނަ ބަދަލުތަކުގެ ތެރޭގައި، ދަރިމައިވުމުގެ ނިޒާމުގައި ހިމެނޭ ގުނަވަންތައް ހެދިބޮޑުވެ، ފުރިހަމަވާން ފެށުން، ކޮންމެ މަހަކު ގަވާޢިދުން މައްސަރު ކަންތައް ޖެހުން، ހަށިގަނޑުގެ ޒާތީ ހިސާބުތަކުން އިސްތަށި ފާޅުވާން ފެށުން، ހަށިގަނޑުގެ ބައެއް ހިސާބުތަކުގައި ކޮންމެ ވެސް މިންވަރަކަށް ސަރުބީ ޖެހުން، ހަށިގަނޑުގެ ސައިޒުން ބޮޑުވެ، ފުޅާވުން، އަދި އިސްކޮޅުން ދެމި ދިގުވާން ފެށުން ފަދަ ކަންތައްތައް ހިމެނެއެވެ.

ފިރިހެންކުދިން ބާލިޣުވުން

ފިރިހެން ކުދިން ބާލިޣުވުމުން އެކުދިންގެ ހަށިގަނޑުން ފިރިހެން ވަންތަ ސިފަތައް ފާޅުވާން ފަށާނެ އެވެ. ފިރިހެން ކުދިން ބާލިޣުވުމުން ސިކުނޑީގައިވާ ޕިޓޫއިޓަރީ ގްލޭންޑުން ލޫޓީނައިޒިންގ ހޯރމޯން އުފައްދައި ދޫކުރެއެވެ. މިހޯރމޯން އަކީ ފިރިހެނާގެ ޖިންސީ ހޯރމޯން އުފެއްދުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ފިރިހެނުންގެ ހަށިގަނޑުގައި ފިރިހެން ވަންތަ ސިފަތައް ފާޅުވުމަށް އެހީތެރިވެދޭ ހޯރމޯން އަކީ މިއީ އެވެ.

ބާލިޣުވުމަށްފަހު ނޫނީ ފުރާވަރަށް އެޅުމަށްފަހު ފިރިހެންކުދިންގެ ހަށިގަނޑަށް ޖިސްމާނީ ގޮތުން އަންނަ ބަދަލުތަކުގެ ތެރޭގައި،

ކަށިތަކާ މަސްތައް ހެދިބޮޑުވެ، އިސްކޮޅާ ބަރުދަން އިތުރުވާން ފެށުން، ބައިމަތި ފުޅާވުން، ލަގޮނޑި ބޮޑުވެ، އަޑުފެޅުން، މޫނުމަތި، ކިހިލިފަތްދޮށް، މޭމަތި، ބަނޑު، އަދި ޒާތީ ހިސާބުތަކުގައި އިސްތަށިފެޅުން، ނަސްލު އުފައްދާ ނިޒާމުގައި ހިމެނޭ ގުނަވަންތައް ހެދިބޮޑުވެ ފުރިހަމަވުން، ނަސްލު އުފައްދާ ނިޒާމުން ފިރިހެނާގެ ދަރިފަނި އުފައްދަން ފެށުން، ރޭގަނޑު ނިދީގައި އިހުތިލާމުވުން، އަދި ހަމުގެ ތެޔޮކަމާއި، ބޯކަން އިތުރުވެ، ދާހިއްލަން ފެށުން ފަދަ ކަންތައްތައް ހިމެނެއެވެ.

ފުރާވަރުގައި ދިމާވެދާނެ އާންމު މައްސަލަތަކާއި، ފާހަގަކުރެވޭ ކަންތައްތައް

ފުރާވަރަކީ ވަރަށް ގިނަ ބަދަލުތައް ކުދިންނަށް ކުރިމަތިވާ ދުވަސްވަރެކެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ މަތީގައި ބަޔާންކުރެވިގެންދިޔަ ތަބީޢީގޮތުން ފުރާވަރަށް އެޅުމުން ނޫނީ ބާލިޣުވުމުން ދެޖިންސްގެ ކުދިންގެ ހަށިގަނޑަށް ޖިސްމާނީ ގޮތުން އަންނަ ބަދަލުތަކެވެ. ޖިސްމާނީ ގޮތުން އަންނަ ބަދަލުތަކުގެ އިތުރުން ފުރާވަރަކީ ކުއްޖާގެ ވިސްނުމާއި ފިކުރަށް ވެސް ބަދަލުތައް ގެންނަ ދުވަސްވަރެވެ. އިޖުތިމާޢީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ޖަޒުބާތީ ގޮތުން ވެސް ތަފާތު ބަދަލުތައް މިދުވަސްވަރު ގެނުވައެވެ.

ފުރާވަރަކީ ކަންކަމާމެދު ކުދިން ދެކެމުން އައިގޮތް ބަދަލުކޮށް، ދެކޭގޮތް ތަރައްގީވެގެންދާ ދުވަސްވަރެވެ. އާންމު ގޮތެއްގައި މިދުވަސްވަރު ކުއްޖާ މުޖުތަމަޢުގެ އެކި ކަންކަމުގައި މަޝްޣޫލުވާން ފަށާނެއެވެ. އަމިއްލަ ވަންތަކަމަށް ލޯބިކޮށް، މުޖުތަމަޢުގެ ތެރެއިން ތަފާތު ގުޅުންތައް ގާއިމުކޮށް، ދަމަހައްޓަން މަސައްކަތް ކުރާނެއެވެ. އަމިއްލައަށް ރަހުމަތްތެރިން ޚިޔާރުކޮށް، އަނެއް ޖިންސުގެ ކުދިންނާއި ދޯޅުވާން ފަށާނެ އެވެ. ގާތް ރައްޓަހި ރަހުމަތްތެރިންނާއެކު ކޮފީ، ސަޔަށް ފަދަ ކަންކަމަށް ބޭރަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ފުރާވަރަކީ ކުއްޖާގެ ވިސްނުމާއި، ފިކުރަށް ތަފާތު އެތައް ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. ނަފްސާނީގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި ފިކުރީ ގޮތުން އަންނަ ބަދަލުތަކުގެ ތެރެއިން ފުރާވަރުގެ ކުދިން އެކި ކަހަލަ އާދަތަކާ ދިއުމަށް މަގުފަހިވާގޮތް ވެއެވެ. އެގޮތުން ފުރާވަރަކީ ވަރަށް ގިނަ ކުދިން ނޭދެވޭ އެކި ކަހަލަ އާދަތަކާ ދިމާލަށް ދިއުމަށް މަގުފަހިކުރާ ދުވަސްވަރެކެވެ. މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން، ވައްކަން ކުރުމާއި، ކުށްތަކަށް އަރައިގަތުމާއި، މަގުމަތީގެ ގަވާޢިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމާއި، ބާރު ބާރަށް ހަލުވި ދުވެލީގައި ދުއްވާތަކެތި މަގުމަތީގައި ދުއްވުމާއި، މާރާމާރީ އާއި ތަޅާފޮޅުންތަކުގައި ބައިވެރިވުމާއި، ގޭންގުތަކުގައި ބައިވެރިވުމަކީ މިދުވަސްވަރު ފެނިގެން ހިނގައިދާނެ ނޭދެވޭ ބައެއް ކަހަލަ އާދަ ތަކެވެ. މީގެ އިތުރުން އަނެއް ޖިންސުގެ ކުދިންނާއި އޮންނަ ގުޅުންތައް އިތުރުވެ، އެފަދަ ގުޅުންތައް ބަދަހިވެ، ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުން ފަދަ އަމަލުތަކަކީ ވެސް ފުރާވަރު ކުދިންގެ ކިބައިން ފެނިދާނެ ކަންތައްތަކެވެ.

ފުރާވަރުު ކުދީން ޖަންކުފުޑަށް ލޯބިކުރުމަކީ ވެސް އާންމުކޮށް ފާހަގަކުރެވޭ ކަމެއް ---

ފުރާވަރަކީ ޞިއްޙީ ގޮތުން ނޭދެވޭ ބައެއް އާދަތައް ވެސް ކުދިން ދަސްކުރާ ނޫނީ ފަށާ ދުވަސްވަރެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން ޞިއްޙަތަށް މާބޮޑު ފައިދާ އެއް ނުލިބޭ ކާބޯތަކެތި ބޭނުންކުރަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ، ޖަންކު ފުޑްގެ ބާވަތްތަކަށް ލޯބިކުރުމާއެކު، އެފަދަ ކާނާގެ ބާވަތްތައް ބޭނުންކުރަން ފަށައެވެ. އެނާޖީ ޑްރިންކްސް އާއި، ފިޒީ ޑްރިންކްސް ފަދަ ބުއިންތަކާއި ދިމާލަށް ކުއްޖާ ދިއުމަކީ ވެސް ދުރުކަމެއް ނޫނެވެ. ދުފުމާއި، ސްޕާރީ ކެއުން ފަދަ އާދަތައް ވެސް މިދުވަސްވަރު ފެށުމަކީ ވަރަށް ގާތް ކަމެކެވެ.

ފުރާވަރަކީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ވެސް ތަފާތު ބަދަލުތަކެއް ގެނުވާ ދުވަސްވަރަކަށް ވުމުން ފުރާވަރު ކުދިންގެ މައިންބަފައިން މިބަދަލުތަކުގެ މައުލޫމާތު ދުރާލައި، ހޯދައި، ދެނެގަނެ، ކުދިންނަށް އަތުވެދާނެ މިފަދަ ބަދަލުތަކަށް ދުރާލައި ތައްޔާރުވެގެން ތިބުމަކީ މުހިއްމު ކަމެކެވެ. ދިމާވާ ކަންކަމުގައި ހައްލު ހޯދާނެ ގޮތްތައް އެނގި އޮޅުން ފިލުވާފައި ބެހެއްޓުމަކީ ކުދިންގެ މުސްތަގުބަލަށްޓަކައި ކުރެވޭ ހެޔޮ އަމަލަކަށް ނޫނީ ނުވާނެއެވެ.

comment ކޮމެންޓް