ދަރާ ރަޝީދު އަމިއްލަ ޕްރޮޑަކްޝަނަކަށް ތައްޔާރު ވަނީ

މުހައްމަދު ރަޝީދު (ދަރާ). އޭނާ ދަނީ އަމިއްލަ ޕްރޮޑަކްޝަނަކަށް ތައްޔާރު ވަމުން---

މިހާތަނަށް 30 އަށް ވުރެ ގިނަ ފިލްމު ކުޅެ، ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ބެލުންތެރީންގެ ހިތްތަކާ ކުޅެލި ކުޅަދާނަ އެކްޓަރު މުހައްމަދު ރަޝީދު (ދަރާ ރަޝީދު)ގެ އަޒުމް ވަރަށް ވަރުގަދަ އެވެ. އެކްޓް ކުރުމުގެ އިތުރުން ޕްރޮޑިއުސްކުރުމުގެ ތެރެއަށް ބޯދިއްކޮށް، މި އަހަރު ތެރޭ އޭނާގެ އަމިއްލަ ޕްރޮޑަކްޝަނެއް ފަށުމަށް އޭނާ އަންނަނީ ތައްޔާރުވަމުންނެވެ.

'ސަން' އާ ވާހަކަ ދައްކަމުން ރަޝީދު ބުނީ މިހާތަނަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ އިރު ދެން ބޭނުން ވަނީ އޭނާގެ އަމިއްލަ އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ. އެގޮތުން ސަތޭކަ ޕަސެންޓް އަމިއްލަ އުފެއްދުމެއް އަންނަ ރޯދައިގެ ފަހުން ފަށާނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު މިހާރު ބޭނުން ވަނީ އަމިއްލަ ޕްރޮޑަކްޝަނެއް ގެނެސްދޭން. އިރާދަކުރެއްވިއްޔާ އަންނަ ރޯދަމަހުގެ ފަހުން އެ މަސައްކަތް ފަށާނަން،" ރަޝީދު ބުންޏެވެ.

އޭނާ ބުނީ، މީގެ ކުރިން ވެސް ފިލްމުތައް ޕްރޮޑިއުސް ކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެއީ ކޮންމެވެސް ބަޔަކާ ގުޅިގެން ކަމަށާއި މީހުންނާ ގުޅިގެން ކުރާ މަސައްކަތުން އެންމެ ފަހު ވަގުތު ފޮނި ނަތީޖާއެއް ނުލިބޭ ކަމަށެވެ. ރަޝީދު ދެކެނީ އަމިއްލަ އުފެއްދުން އޭނާ ބޭނުންވާ ގޮތަކަށް ހިތްހަމަޖެހިގެން ނިންމޭނެ ކަމަށެވެ.

ދަރާ ރަޝީދު "ސަން" އަށް އިންޓަވިއު ދެނީ--- ސަން ފޮޓޯ/ މުހައްމަދު މުސްތަފާ

"ވޭނީ ޒަހަމް" އާއި "24 ގަޑިއިރު" ފަދަ ފިލްމުތައް އިތުރު ފަރާތްތަކާ ގުޅިގެން ޕްރޮޑިއުސްކުރަން ރަޝީދު ވަނީ މަސައްކަތް ކޮށްފަ އެވެ.

"އަމިއްލަ އުފެއްދުމެއް އުފައްދަންޏާ ހިތްހަމަޖެހިގެން އެކަމެއް ކޮށް ނިންމާލެވޭނެ. މީގެ ކުރިން ވާނީ އެހެން މީހުންނާ ގުޅިގެން އެ މަސައްކަތުގަ އުޅެފައި. އެކަމު އެންމެ ފަހު ވަގުތު ފޮނި ނަތީޖާ އެއް ނުލިބޭ،" ރަޝީދު ބުންޏެވެ.

"ޖިންނި" އާއި " ޒަލްޒަލާ އެނބުރި އައުން" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ރަޝީދު ބުނީ، އަމިއްލަ އުފެއްދުމެއްގެ މަސައްކަތެއް ފަށަން ތައްޔާރު ވަމުންދާއިރު އެހެން ޕްރޮޑިއުސަރުންނާ ދޭތެރޭ އެއްވެސް ވަރަކަށް ވާދަވެރިކަމެއް ނެތް ކަމަށެވެ.

ރަޝީދު ބުނީ، ރޯދައިގެ ފަހުން ޝޫޓިން ފަށަން ހަމަޖެހިފައިވާ އިރު ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރަމުންދާ ކަމަށެވެ. އޭނާ ބުނީ އެ ފިލްމަކީ މޮޅު، ބެލުންތެރީން ބަލައިގަންނާނެ ވަރުގެ މަސައްކަތަކަށް ހަދަން ބޭނުންވާ ކަމަށެވެ.

ރަޝީދުގެ ކުރިޔަށް އޮތް ޕްރޮޖެކްޓްގައި މުޅިން އަލަށް ތައާރަފްވާ ތަރިން ހިމަނަން ހަމަޖެހިފައި ވާއިރު ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން އިންޑިއާގެ ތަޖުރިބާކާރު ފަރާތެއް ގެނެސް، އެކްޓިން ވޯކްޝޮޕެއް ކުރިޔަށް ގެންދާނެ ކަމަށް އޭނާ ބުންޏެވެ.

އެ ފިލްމަކީ ޒުވާނުންނަށް ހާއްސަކޮށްގެން ތައްޔާރު ކުރާ ފިލްމެއް ކަމަށް ވުމުން އެ ފިލްމުގެ ޓެކްނިކަލް ޓީމުގައި ވެސް ޒުވާނުން ހިމަނާފައިވާ ކަމަށް ރަޝީދު ބުންޏެވެ.

އޭނާ ބުނީ މިވަގުތު ފިލްމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށާއި ފިލްމު ރަސްމީކޮށް ލޯންޗު ކުރުމުގެ ހަފްލާއެއް ރޯދައިގެ ފަހުން ބާއްވާނެ ކަމަށެވެ.

comment ކޮމެންޓް