ފެނާއި ކަރަންޓާއި ސަބްސިޑީގެ ގޮތުގައި 2000 ރުފިޔާގެ ދިނުމަށް ހުށަހަޅައިފި

ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް: އޭނާ ވަނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ފެނާއި ކަރަންޓަށް ސަބްސިޑީގެ ގޮތުގައި 2000ރ. ދިނުމަށް ހުށަހަޅާފައިި ---

ނުކުޅެދުންތެރިކަން ނުވަތަ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ފެނާއި ކަރަންޓަށް ސަބްސިޑީއެއްގެ ގޮތުގައި ކޮންމެ މަހަކު 2000 ރުފިޔާގެ ސަބްސިޑީއެއް ދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް އެވެ.

ފައިސަލް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން ހާއްސައެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ މީހަކަށް ދައުލަތުގެ ޚަރަދުގައި ފެން އަދި ކަރަންޓް ބިލަށް 2000 ރުފިޔާގެ ސަބްސިޑީއެއް ދޭން ލާޒިމް ވާނެ އެވެ. އަދި އެއް އާއިލާއަކަށް ނިސްބަތްވާ އެއް ގޭ ބިސީއެއްގައި އެއް ކުއްޖަކަށް ވުރެން ގިނައިން އުޅޭ ނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް ފެނާއި ކަރަންޓްގެ ސަބްސިޑީއެއްގެ ގޮތުގައި 1000 ރުފިޔާ ދޭންވާނެ ކަމަށް އޭނާ ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

އެ އިސްލާހުގައިވާ ގޮތުން ފެނާއި ކަރަންޓްގެ ސަބްސިޑީ ދޭ ފަރާތްތަކުގައި ވަކި ސަރުތުތަކެއް ހުންނަ ޖެހެ އެވެ.

އެ ސަރުތުތަކުގެ ތެރޭގައި ނުކުޅަދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނުމުގެ އިތުރުން އެ ފަރާތްތަކުގެ ބެލެނިވެރިޔާގެ އާމްދަނީ 25،000 ރުފިޔާ އަށް ވުރެން ދައްވުން ހިމެނެ އެވެ. ބެލެނިވެރިއެއްގެ ގޮތުގައި ބެލެވޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބަލަހައްޓާ ފަރާތް ކަމުގައި ވެސް އިސްލާހުގައި ވަނީ ހިމަނާފަ އެވެ.

ދައުލަތުގެ ހަރަދުގައި ފެނާއި ކަރަންޓު ބިލް ސަބްސިޑައިޒް ކޮށްދޭނެ އުސޫލެއް އެންސްޕާ އިން ކަނޑައަޅައި އާންމު ކުރުން ވެސް ވަނީ އިސްލާހުގައި ހިމަނާފަ އެވެ.

އިސްލާހު ހުށަހެޅި މަގުސަދާ ބެހޭ ގޮތުން 'ސަން' އާ ވާހަކަ ދައްކަމުން ފައިސަލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ނިސްބަތްވަނީ މަދު އާމްދަނީއެއް ލިބޭ އާއިލާތަކަކަށް ކަމަށާއި އެ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދީ މުޖުތަމައުގައި އަބަރުވެރި ދިރިއުޅުމެއް އުޅުމަށް އިތުރަށް މަގުފަހިކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް