ސެންޓާރާ އިން ރާއްޖޭގައި ރިސޯޓެއް އަޅައި، އިތުރު ރިސޯޓެއް މެނޭޖުކުރަނީ

ކ. ގިރާވަރުގައި ހުންނަ ސެންޓާރާ ރަސްފުށި ރިސޯތު --

ތައިލެންޑްގެ ސެންޓާރާ ހޮޓެލް ޗެއިން ހިންގާ ކުންފުނިން މި އަހަރު ރާއްޖޭގައި ރިސޯޓެއް ހެދުމަށާއި، ރާއްޖޭގެ އެހެން ރިސޯޓެއް ހިންގުމުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ރިސޯޓާއި ހޮޓެލް ހިންގަމުން އަންނަ ސެންޓާރާ ކުންފުނިން މިހާރު ވެސް ދަނީ ރާއްޖޭގައި ދެ ރިސޯޓެއް ހިންގަމުންނެވެ. އެއީ ކ. ގިރާވަރުގައި ހިންގާ ސެންޓާރާ ރަސްފުށި ރިސޯޓާއި، އދ. މައްޗަފުށީގައި ހިންގާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓެވެ.

ތައިލެންޑްގް ބެންގްކޮކްޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ސެންޓާރާ ހޮޓެލް ޗެއިން ހިންގާ ސެންޓްރަލް ގްރޫޕުގެ ވައިސް ޕްރެޒިޑެންޓް ފޯރ ބިޒްނަސް ޑިވެލޮޕްމެންޓް ސުޕަރަތު ޗިރަތިވަތު ވިދާޅުވީ އެކުންފުނީގެ އެންމެ ކާމިޔާބު ދެ ޕްރޮޕަޓީއަކީ ރާއްޖޭގައި ހުރި ދެ ހޮޓެލް ކަމަށެވެ.

"ތައިލެންޑުގައި ކޮޓަރިތަކުގެ އަގު އެހާ ބޮޑެއް ނޫން. ބޭރު ގައުމުތަކުގައި ހޮޓެލްސް ގާއިމުކޮށްފައި ހުރިކަމީ އަޅުގަނޑުމެންގެ ނަސީބު ހަގީގަތުގައި،"

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަން ބޮޑު ނަމަވެސް، އެކުންފުނިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ އެހެން ބޮޑެތި ބްރޭންޑުތަކަށް ވުރެ ކުރިން ކަމުން، ރާއްޖޭގައި ވިޔަފާރި ކުރުމަށާއި ވިޔަފާރީގެ ނަން ދެމެހެއްޓުމަށް އެކުންފުންޏަށް އެނގެ އެވެ.

ސުޕަރަތު ވިދާޅުވީ ރާއްޖޭގައި އިތުރަށް އިންވެސްޓްކުރުމަށް އެކުންފުނިން އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި ސެންޓަރާ އިން ރާއްޖޭގައި ރިސޯޓެއް ހެދުމަށާއި، ރިސޯޓެއް ހިންގުމުގެ ކޮންޓްރެކްޓްތަކެއްގައި ސޮއިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެންޓާރާ އިން މިހާރު 65 ހޮޓަލެއް ހިންގަ އެވެ. އޭގެ ތެރޭގައި 22 ޕްރޮޕަޓީއަކީ ތައިލެންޑުން ބޭރުގައި ހިންގާ ތަންތަނެވެ. ސެންޓާރާގެ ހޮޓެލްތައް ރާއްޖޭގެ އިތުރުން ސްރީލަންކާ އަދި ވިއެޓްނާމުގައި ހުރެ އެވެ. މީގެ އިތުރުން ޗައިނާގައި މިހާރު ވެސް އެކުންފުނީގެ ދެ ހޮޓަލެއް ޑިވެލޮޕްކުރަމުންދާ އިރު، އެހެނިހެން ގައުމުތަކުގައި 10 ޕްރޮޕަޓީއެއް ޑިވެލޮޕްކުރުމުގެ ޕްލޭން ކުރަމުންދެ އެވެ.

comment ކޮމެންޓް