ޖޭޕީން ވަކިވެވަޑައިގެންނެވި މެމްބަރުން އެނބުރި ވަޑައިގަތުމަށް ގާސިމް ގޮވާލައްވައިފި

ކައުންސިލް އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓުންނަށް ޓިކެޓް ދިނުމަށް ބޭއްވި ޖަލްސާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ވަކިވެވަޑައިގެން، ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ، ގައުމަަށް ހަމަޖެހުން އަންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލި ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ޖޭޕީން ވަކިވެވަޑައިގެންނެވި މަޖިލިސް މެމްބަރުން އެނބުރި އެ ޕާޓީއާ ގުޅުމަށް ޖެހިލުންވެވަޑައި ނުގަތުމަށާއި އަދި ލަދު ނުގަތުމަށެވެ.

އަޅުގަނޑު ދަންނަވާނީ އިއްޒަތްތެރި މެމްބަރުންނަށް ތިބޭފުޅުން އެ ނިޝާނަކަށް، އެ ލެޓާ ހެޑެއްގައި ސޮއިކޮށްގެން ހޮވިވަޑައިގެންނެވި ނުވަ މެމްބަރުން މިތަނަށް އަންނާށޭ. އެމްޑީޕީން ވަކިވެގެން ދިޔަ ފަސް މެމްބަރުން އެ ޕާޓީއާ ގުޅޭށޭ. މުޅި ގައުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ އެއްފަހަރުން، ގާސިމް އިބްރާހީމް

"އަޅުގަނޑު ދަންނަވާނީ އިއްޒަތްތެރި މެމްބަރުންނަށް ތިޔަ ބޭފުޅުން އެ ނިޝާނަކަށް، އެ ލެޓާ ހެޑެއްގައި ސޮއިކޮށްގެން ހޮވިވަޑައިގެންނެވި ނުވަ މެމްބަރުން މިތަނަށް އަންނާށޭ. އެމްޑީޕީން ވަކިވެގެން ދިޔަ ފަސް މެމްބަރުން އެ ޕާޓީއާ ގުޅޭށޭ. މުޅި ގައުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ އެއްފަހަރުން،" ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި 15 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރަކު ވަނީ އެ ޕާޓީ ދޫކުރައްވައި، ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި 26 މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.

އެ ހުރިހާ މެމްބަރުން އެނބުރި އެ ޕާޓީތަކާ ގުޅިއްޖެ ނަމަ ޖޭޕީ އާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދު 41އަށް އަރާނެ އެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބެނީ 43 މެމްބަރުންގެ އަގުލަބިއްޔަތު ލިބޭ ބަޔަކަށެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަޅިއަށް ޖެހިގެން، އެ ބޭފުޅުންނަށް ތާއިދު ކުރައްވާ ކަމަށް ބުނެ، ދައްކާ ވާހަކަތަކަށް ވެސް ގާސިމް މިރޭ ވަނީ ރައްދު ދެއްވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ ދެކޮޅަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މަސައްކަތްޕުޅު ކުރެއްވީ އެމަނިކުފާނަށް އަނިޔާއެއް ލިބެންޖެހޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާތީ ކަމަށް ގާސިމް ވިދާޅުވި އެވެ. ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާއަކީ އެމަނިކުފާނަށް ކުރެވިގެންވާނެ ދައުވާއެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދުގެ ދިފާއުގައި ގާސިމް މިރޭ ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫންގެ އަތްޕުޅުން ނެންގެވުމުން، އެމަނިކުފާނާ އެކު މަސައްކަތްޕުޅު ކުރެއްވީ މައުމޫނަށް އިހްތިރާމް ކުރާތީކަމަށް ގާސިމް ވިދާޅުވި އެވެ.

ގާނޫނު އަސާސީއަކީ ވަކި ބަޔަކަށް ވެރިކަން ކުރެވޭ ގޮތަށް ހަދާފައިވާ އެއްޗެއް ނޫން ކަމަށް ބުނެ، މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަންތައްތަކަށް ގާސިމް މިރޭ ވަނީ ފާޑުވިދާޅުވެފަ އެވެ.

comment ކޮމެންޓް