މެންޔޫ އަތުން ބަލިވެ މިޑްލްސްބަރާއަށް އިތުރު ހުރަސްތަކެއް

މެންޗެސްޓާ ޔުނައިޓެޑާއި މިޑުލްސްބަރާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ ބީބީސީ

މެންޗެސްޓާ ޔުނައިޓެޑު އަތުން ބަލިވުމުގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުން ސަލަމަތްވުމަށް މިޑްލްސްބަރާ ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

މިޑްލްސްބަރާގެ އަމިއްލަ ދަނޑުގައި އެޓީމުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ، 3-1 ލަނޑުގެ ނަތީޖާ އަކުންނެވެ.

މި ނަތީޖާއާއެކު އެޓީމު، ލީގު ތާވަލުގައި އޮތީ ލިބުނު 22 ޕޮއިންޓާ އެކު 19 ވަނައިގައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެ ފުރަތަމަ ރަނގަޅު ޝޮޓެއް ގޯލަށް އަމާޒުކޮށް ފޮނުވާލީ މިޑްލްސްބަރާއިންނެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި އެޓީމުގެ ސްޓެވާޓް ޑޯނިންގް ނަގައިދިން ހުރަހަކުން މާޓެން ދަރޫން ބޮލުންޖަހައި ފޮނުވާލި ހަމަލާ ވަނީ ެޔުނައިޓެޑް ކުޅުންތެރިއެއްގެ ގައިގާ ޖެހިފައި ބްލޮކްވެފައެވެ. އޭގެ ތިން މިނިޓް ފަހުން މެންޔޫގެ ޖެސޭ ލިންގާޑް ތަނަވަސް ކޮށްދިން ބޯޅައަކުން މާކަސް ރަޝްފޯޑް ގޯލަށް އަމާޒުކޮށްފޮނުވާލި ބޯޅަ ވަނީ މިޑްލްސްބަރާގެ ކީޕަރު ދިފާއުކޮށްފައެވެ.

މެންޔޫގެ މި ހަމަލާއަށްފަހު މިޑްލްސްބަރާއިން ވަނީ ފުލުފުލުގައި ދެ ހަމަލާއެއް ގޯލަށް ފޮނުވާލާފައެވެ. އޭގެ ތެރެއިން އެއް ހަމަލާ މެންޔޫގެ ކީޕަރު ދިފާއު ކުރިއިރު އަނެއް ހަމަލާ ދިޔައީ ބޭރަށެވެ. މިޑްލްސްބަރާގެ ދެ ހަމަލާއަށްފަހު ދެން މެޗުގައި ފެނިގެންދިޔައީ މެންޔޫގެ ކުޅުންތެރިން ފޮނުވާލި ރަނގަޅު ތިން ހަމަލާއެކެވެ. ރަޝްފޯޑްއާ ވެލެންސިއާ ފޮނުވާލި ހަމަލާ ކީޕަރު ދިފާއު ކުރިއިރު ކެރިކް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިިޔާބުކޮށް ލީޑު ނެގީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. މެޗުގެ 30 ވަނަ މިނިޓްގައި އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، އޭޝްލީ ޔަންގް ނަގައިދިން ހުރަހަކުން މަރުއާނޭ ފެލައިނީ އެވެ. އޭރިއާ ބޭރުން އޭޝްލީ ޔަންގް ނަގައިދިން ހުރަސް ފެލައިނީ ވަނީ ބޮލުން ޖަހައި، ބޯޅަ ގޯލުގެ ކަނަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާއާ އެކުގައެވެ.

މެންޔޫއިން އެ ޓީމުގެ ދެވަނަ ގޯލް ކާމިޔާބުކުރީ މެޗުގެ 62 ވަނަ މިނިޓްގައެވެ. ހުއާން މަޓާ ފަހިކޮށްދިން ފުރުޞަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޖެސޭ ލިންގާޑްއެވެ.

ދެވަނަ ހާފުގައި މިޑްލްސްބަރާއިން ދެބަދަލެއް ގެނައި އިރު، އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް މެންޔޫ ކޮޅަށް ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 77 ވަނަ މިނިޓްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރުޑީ ގެސްޓޭޑޭއެވެ. މެންޔޫގެ އޭރިއާ މެދުގައި ހުރެ ގެސްޓެޑޭ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މެދަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ފަހު ގޯލް އެޓީމުން ކާމިޔާބުކުރީ އިތުރު ވަގުތުގެ ތިންވަނަ މިނިޓްގައެވެ. މި ލަނޑު ވެލެންސިއާ ކާމިޔާބުކުރީ ގޯލުގެ ވާތް ފަރާތު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި މެޗުގައި މިޑްލްސްބަރާގެ އެޑަމް ކްލޭޓޮންއަށާއި މެންޗެސްޓާ ޔުނައިޓެޑްގެ ފިލް ޖޯންސަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މި ނަތީޖާއާއެކު މިޑްލްސްބަރާއަށް އިނގިރޭސި ޕްރިމިއަރ ލީގުގައި ރެލިގޭޝަން ޒޯނުން ސަލާމަތް ވުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވި އިރު މެންޔޫ ވަނީ، މިމެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޖުމުލަ 52 ޕޮއިންޓު ހޯދައިގެން ތާވަލުގެ ފަސް ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

comment ކޮމެންޓް