"ނޯޓީ 40"ގެ ޓީމު ދޮޅު މަހުގެ ބްރޭކަަކަށް!

ނޯޓީ40 ގެ ޝޫޓިން ތެރެއިން

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން މި އަހަރު ގެނެސްދޭނެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި އުފައްދާ ފިލްމު، "ނޯޓީ 40" ޝޫޓިންގެ 90 ޕަސެންޓް ށ. މިލަންދޫގައި ނެގުމަށް ފަހު މާލެ އައިސް ހުރިހާ ތަރިން ވެސް ދޮޅުމަހުގެ ބްރޭކަކަށް ދާން އުޅޭ ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.

މިލަންދޫ ޝޫޓިން ނިންމާލުމަށް ފަހު މާލެ އައިސް 'ސަން' އަށް ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަދި އެކްޓަރު އަހުމަދު ސައީދު ބުނީ، ބްރޭކަށް ދިޔުމުގެ ކުރިން މާލޭގައި ތިން ދުވަހު ޝޫޓިން ކުރިޔަށްދާނެ ކަމަށެވެ. އަދި އެ ތިން ޝޫޓް ކުރުމަށް ފަހު ޝޫޓިން މަޑު ޖައްސާލާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"މާލޭގައި ޝޫޓިން ޖައްސާނަން އަދި ތިން ދުވަހު. އެ ތިން ދުވަސް ނިމުނީމާ ދެން ދާނީ ދޮޅުމަހުގެ ބްރޭކަކަށް. މި ހަފްތާގެ ތިން ދުވަހެއްގައި ޝޫޓް ކޮށްފައި މަޑު ޖައްސާލާނީ،" ސައީދު ބުންޏެވެ.

"ނޯޓީ 40" އިން ފެނިގެންދާނެ ނުޒޫ އަދި ޝަރީފް---

ސައީދު ބުނީ، ދޮޅުމަސް ފަހުން ފިލްމުގެ ޝޫޓިން ފަށަން ނިންމީ، އެ ފިލްމަކީ ބައެއް ތަރިންގެ ދެ އުމުރެއްގެ މަންޒަރުތަކެއް ދައްކާނެ ފިލްމަކަށް ވާތީ، ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭތީ ކަމަށެވެ. އެ ފިލްމުގައި ދައްކާނީ ބައެއް ތަރިންގެ 40 އަހަރުން މަތީގެ އުމުރުގެ މަންޒަރުތަކާއި ހަމަ އެ ތަރިންގެ 22-26 ދޭތޭރޭ މަންޒަރުތަކެވެ.

"މި ފިލްމުން ފެންނާނެ ބައެއް ތަރިންގެ ޒުވާން އުމުރާއި ހަމަ އެތަރިންގެ އުމުރުން ދުވަސްވެފައި ތިއްބާ ވެސް. އެހެންވެ ޖެހޭ ވަރަށް ތައްޔާރުވާން އެބަ. ހިކެންވެސް އެބަޖެހޭ ބައެއް ތަރިން. މޭކަޕްތައް ވެސް ތަފާތު ވާނެ،" ޔޫސުފް ޝަފީއު (ޔޫއްޕު) ލިޔެ ޑައިރެކްޓްކުރާ ފިލްމާ ބެހޭ ގޮތުން ސައީދު ބުންޏެވެ.

ނިއުމާ މުހައްމަދު، އަހުމަދު ސައީދު، މުހައްމަދު މަނިކު، އަލީ ސީޒަން އަދި ޔޫއްޕެގެ އުމުރުން ދުވަސްވެފައިވާ މަންޒަރުތައް މިލަންދޫގައި ނަގާފައިވާ އިރު ދެން އޮތީ އެ ތަރިންގެ ޒުވާން ދުވަސްތައް ދައްކުވައިދޭ މަންޒަރުތައް ނެގުމެވެ.

"ނޯޓީ 40" އިން ފެނިގެންދާނެ މާރިއާ ތެރީސާ----

އަށާރަ ތަރިންނާ އެކު އުފައްދާ "ނޯޓީ 40"ގެ މާލޭގެ ޝޫޓިން ކުރިންނަގާ ގޮތަށް އޮތީ މީގެ ތިން މަސް ފަހުންނެވެ. ސައީދު ބުނީ، ފިލްމު ރިލީޒް ކުރަން ބުނި ދުވަހަށް ފިލްމު ބެލުންތެރިނަށް ގެނެސްދިނުމަށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން މާލޭގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ދޮޅުމަސްތެރޭ ފަށާ ގޮތަށް އަވަސް ކުރީ ކަމަށެވެ.

"މި ފިލްމަކީ ބޮޑު ކާސްޓަކާ އެކު ހަދާ ފިލްމެއް. މާލޭ ޝޫޓިން އަވަސް ކުރީ ބައިވަރު ކަންތައްތައް ހުރުމުން. ޑަބިން އަދި އެޑިޓިން ވެސް އެބަ އޮތް. އެހެންވެ އަވަސް ކޮށްލީ،" ސައީދު ބުންޏެވެ.

އަންނަ އޯގަސްޓު މަހުގެ ދެވަނަ ދުވަހު ރިލީޒްކުރާ "ނޯޓީ 40" ޝޫޓިން ނިންމުމަށް ފަހު ފިލްމުގެ ޕްރޮމޯޝަންތައް ފަށާނެ ކަމަށް ސައީދު ބުންޏެވެ. އަދި ފިލްމުގެ ފަސްޓް ލުކް ވަރަށް އަވަހަށް ބެލުންތެރިންނަށް ދައްކާލާނެ ކަމުގެ އުފާވެރި ހަބަރު ވެސް ސައީދު ދިނެވެ.

"ނޯޓީ 40" އިން ފެނިގެންދާނެ ލިއަމް----

އިބްރާހީމް މޫސާ (ދަބާ) ކެމެރާ ކޮށްދޭ ކޮމެޑީ ފިލްމު "ޏޯޓީ 40" އިން ފިލްމީ ދާއިރާގައި ތިބި ތަޖުރިބާ ކާރު ތަރިންނާއި ކުރި އަރަމުން އަންނަ ތަރިންގެ އިތުރުން މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިން ވެސް ފެނިގެންދާނެ އެވެ. އަދި "ވާށޭ މަށާ އެކީ" އިން ފެނިގެން ދިޔަ މާރިއާ ތެރީސާ ވެސް ފެންނާނެ އެވެ.

މިއީ މިދިޔަ އަހަރު ފަހުކޮޅު އޮލިމްޕަހުގައި ދެއްކި ކޮމެޑީ ފިލްމު،"ބައިވެރިޔާ" އަށް ފަހު އެފިލްމު ޕޮރްޑިއުސް ކުރި އިސްމާއީލް ޝަފީގާއި ނިއުމާ މުހައްމަދު އެއްކޮށް ޕްރޮޑިއުސް ކުރާ ދެވަނަ ފިލްމެވެ.

comment ކޮމެންޓް