އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ރަށުން ބޭރުގައި ޗެލްސީއާ ސްޓޯކް ސިޓީ ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށް ލީގު ތާވަލުގައި 13 ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
ސްޓޯކް ސިޓީ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރީ 2-1ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު ޕްރިމިއަރ ލީގުގެ އެއްވަނައިގައި ޗެލްސީ އޮތީ އެޓީމު ކުޅުނު 28 މެޗުން ޖުމުލަ 69 ޕޮއިންޓާ އެކުއެވެ. ތާވަލުގެ ދެވަނައިގައި އޮތް ޓޮޓެންހަމްއަށް 27 މެޗުން 56 ޕޮއިންޓް ލިބިފައި ވާއިރު، ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވެސް ވަނީ 27 މެޗުން 56 ޕޮއިންޓް ލިބިފައެވެ. މިރޭ ޗެލްސީ އަތުން ބަލިވި ސްޓޯކް ސިޓީ އޮތީ 29 މެޗުން ލިބުނު 36 ޕޮއިންޓާ އެކު ތާވަލްގެ ނުވަ ވަނައިގައެވެ.

އިނިގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީއާއި ޗެލްސީ ބައްދަލު ކުރި މެޗުގެ ތެރޭން. މި މެޗު ނިމުނީ 2-1 ލަނޑުން ޗެލްސީ މޮޅުވެގެން -- ފޮޓޯ: އޭޕީ
މެޗު ފެށިގެން ރަނަގަޅަށް ކުޅެމުންދިޔަ ޗެލްސީން އެންމެ ފުރަތަމަ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލީ، ތޭރަ ވަނަ މިނިޓްގައި ވިލިއަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ސްޓޯކް ސިޓީން ނަތީޖާ ހަމަަހަމަ ކޮށްފައިވަނީ 38 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯން ވޯލްޓާސް އެވެ.
މެޗުގެ ބޮޑުބައި ހަމަހަމަ ނަތީޖާއެއްގައި އޮތް އިރު ޗެލްސީއަށް މެޗު ޔަގީން ކޮށްދިން ލަނޑު 87 ވަނަ މިނިޓްގައި އެޓީމަށް ކާމިޔަބު ކޮށްދިނީ ގެރީ ކޭހިލްއެވެ.

އިނިގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީއާއި ޗެލްސީ ބައްދަލު ކުރި މެޗުގެ ތެރޭން. މި މެޗު ނިމުނީ 2-1 ލަނޑުން ޗެލްސީ މޮޅުވެގެން -- ފޮޓޯ: އޭޕީ
މިރޭ ޕްރިމިއާ ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ލެސްޓާ ސިޓީ ވަނީ ވެސްޓްހާމް ޔުނައިޓެޑް 3-2 ބަލިކޮށްފައެވެ. އެވަޓަން އާއި ހަލްސިޓީ ބައްދަލުކުރި މެޗު ފަރަގު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އެވަޓަން އެވެ. އެޓީމުން ވަނީ 4 ލަނޑު ހަލްސިޓީ ކޮޅަށް ޖަހައިފައެވެ.
ކްރިސްޓަލް ޕެލެސްއާ ވޮޓްފޯޑް ބައްދަލުކުރިމެޗު 1-0 ގެ ނަތީޖާއަކުން ކްރިސްޓެލް ޕެލެސް ކާމިޔާބުކުރި އިރު ސަންޑަލޭންޑާ ބާންލީ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.