ސަލްމާން ރަސްގެފާނުގެ އޭޝިއާ ދަތުރު ނިންމަވާލެއްވުމަށް ފަހު ގައުމަށް ވަޑައިގެންފި

ސަލްމާން ރަސްގެފާނު އިންޑޮނޭޝިއާއަށް ވަޑައިގެން ފްލައިޓުން ފައިބައިވަޑައިގަންނަވަނީ -- ފޮޓޯ: ސައުދީ ގެޒެޓް

ރިޔާދު (މާޗް 18): ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ޗައިނާއަށް ވަޑައިގަތުމަށް ފަހު، އޭޝިއާ ދަތުރުުފުޅު ނިންމަވާލައްވައި އަނބުރާ ގައުމަށް ވަޑައިގަންނަވައިފި ކަމަށް ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުނެފި އެވެ.

ސަލްމާން ރަސްގެފާނުގެ ދަތުރުފުޅު ނިންމަވާލެއްވީ މެލޭޝިއާ، އިންޑޮނޭޝިއާ، ޖަޕާން އަދި ޗައިނާއަށް ވަޑައިގެންނެވުމަށް ފަހުގަ އެވެ. އެދަތުރުފުޅުގެ މަގުސަދަކީ ސައުދީ އިންވެސްޓުމެންޓުތައް އިތުރުކޮށް، ސައުދީ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ހިއްސާތަކެއް ވިއްކުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އަދި މެލޭޝިއާ އާއި އިންޑޮނޭޝިއާ އަކީ މީގެ އެއް އަހަރު ކުރިން އުފެއްދި އިސްލާމިކް މިލިޓަރީ އެލައަންސުގައި ވެސް ހިމެނޭ ދެ ގައުމެވެ.

ސައުދީ ރަސްގެފާނު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި 65 ބިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވާ އިރު އިންޑޮނޭޝިއާގެ ބާލީގައި ހޭދަ ކުރެއްވި އަށް ދުވަހުގެ ޗުއްޓީގައި 23 މިލިއަން ޑޮލަރު ހޭދަ ކުރައްވާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޗައިނާއަށް ފަހު ރަސްގެފާނު ވަޑައިގަންނަވަން ހަމަޖައްސަވާފައި އޮތީ ރާއްޖެއަށެވެ. ނަމަވެސް ރާއްޖޭގައި ސްވައިން ފްލޫ ފެތުރެމުން ދިޔުމުގެ ސަބަބުން އެދަތުރުފުޅު ވަނީ ފަސްކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް