ގެއްލިގެން ހޯދަމުން ދިޔަ "ފަހި ރޯދި" ދޯނި ފެނިއްޖެ

ކޯސްޓުގާޑުގެ އުޅަނދެއް --- ފޮޓޯ/ އެމްއެންޑީއެފް

ގެއްލިގެން ހޯދަމުން ދިޔަ "ފަހި ރޯދި" ދޯނި ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި މަސްވެރިކަމުގައި އުޅެފައި މިއަދު ހެނދުނު 8:00 ގައި ޅ. އޮޅުވެލިފުއްޓަށް ވަދެފައިވާ ކަމަށެވެ.

އެ ދޯނި ގެއްލިގެން ހޯދަން ފަށާފައިވަނީ، މިމަހުގެ 11 ވަނަ ދުވަހު ދޯންޏާ ގުޅުނުފަހުން ހަބަރެއް ނުވެގެން ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފަށް ރިޕޯޓު ކުރުމާގުޅިގެންނެވެ. އެ ދޯނި ގެއްލުނު އިރު، ދޯނީގައި 15 މީހުން ތިއްބެވެ.

ކ. ގާފަރަށް ނިސްބަތްވާ އެ ދޯނި މަސްވެރިކަމަށް ނުކުމެފައިވަނީ އެރަށުގެ އިރުމަތީ ފަރާތަށް ކަމަށް އެ ދޯނީގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.

މިހާރަކަށް އައިސް މަސްވެރިކަމަށް ނުކުންނަ ދޯނި ފަހަރު ގެއްލިގެން ހޯދަން ރިޕޯޓު ކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. ނަމަވެސް ގިނަ ދޯނި އެގޮތަށް "ގެއްލެން" ދިމާވެފައިވަނީ، ދޯނީގެ ވެރިފަރާތާ ނުވަތަ އާއިލާއާ ހިއްސާ ނުކޮށް ރާއްޖޭގެ ސަރަހައްދުން ބޭރަށް މަސްވެރިކަމަށް ނުކުތުމުންނެވެ.

comment ކޮމެންޓް