މިފްކޯގެ ފަޚުރުވެރި ފެލިވަރާއި، ޗައިނާއަށް ކުރާ އުންމީދު

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއީ ފެށުނީއްސުރެ އެގޮތްމިގޮތް ހަދަމުން އައި ސަރުކާރުގެ މަސް ކުންފުންޏެވެ. އެސްޓީއޯގެ އެކްސްޕޯޓު ޑިޕާޓްމެންޓުން ފަށައި، ފަހުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ނަމުން އާ ކުންފުންޏެއްގެ ގޮތުގައި ފެށުމަށްފަހު، ކުންފުނި ތިން ފޮތި ކޮށްލައި، އެންމެންގެ ދަރަނިތައް ބޮލުއަޅާން ޖެހުނު ހާލަތު އެ ކުންފުންޏަށް ޖެހުނެވެ. އެންމެ ފަހުން 2014 އޯގަސްޓުގައި ތިން ކުންފުނި އެއްކޮށްލައި، އަދި އެއަށް ފަހު މިދިޔަ އަހަރު ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ކުޑައިގެ ދަށުން ހިނގާ ކުންފުންޏަކަށް މިފްކޯ ބަދަލު ކުރިއެވެ.

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް ގަބޫލުކުރައްވާ ގޮތުގައި މިހާރު ވެގެންމިދިޔައީ އެންމެ ފައިދާ ބޮޑު ގޮތެވެ. މިއީ އެކުންފުންޏަށް އެންމެ ރަނގަޅު ގޮތެވެ. މިކަމުން އެކުންފުންޏަށް އޮތީ ހެވާއި، ފާގަތި ކުރިމަގެކެވެ.

ތިރީގައި މިވަނީ އަދުލީ "ސަން"އަށް ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް "ސަން"އަށް އިންޓަވިއުއެއް ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދުމުގެ ސަބަބުން މިފްކޯއަށް ކުރަނީ ކޮންހަލަ ފައިދާތަކެއްތޯ؟

"މިފްކޯގެ ހިންގުން ވަރަށް ހަރުދަނާ އެބަ ވެގެންދޭ. އެސްޓީއޯއަކީ މެނޭޖްމެންޓް ވަރަށް ރަނގަޅު، ކޯޕަރޭޓް ގަވަނަންސް ވަރަށް ހަރުދަނާ ޕަބްލިކް ލިމިޓެޑް ކުންފުންޏެއް. މިފްކޯވެސް ޕަބްލިކް ކުންފުންޏެއްގެ ދަށަށް ދާ އިރު ގަވަނަންސް ކޯޑުތައް އިމްޕްލެމެންޓް ކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ. ކުންފުނީގެ ހިންގުމަށާއި ސިސްޓަމަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ. އަޅުގަނޑުމެން މިހާރު ހުރިހާ ޕޮލިސީޒްއާ ޕްރޮސީޖާޒް މި ހަދަނީ އެސްޓީއޯގެ ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތަށް. އިޓް ވިލް ޓޭކް ޓައިމް އެކަމަކު. ވަގުތު ނަގައިގެން މިކަންކަން ކުރެވި، ކުންފުނީގެ ހިންގުން ހަރުދަނާ ކުރެވޭނެކަން ޔަގީން،"

އެސްޓީއޯގެ ދަށަށް މިފްކޯ ދިޔުމުން މަސްވެރިންނަށް ކުރާނީ ކޮން ކަހަލަ ފައިދާއެއްތޯ؟

"މަސްވެރިންނަށް ވަރަށް ކުރިއެރުން ލިބިއްޖެ. ތެލުގެ އަގު ވަރަށް ބޮޑުތަން ހެޔޮކުރެވިއްޖެ. މިހާރު އެސްޓީއޯއިން އެންމެ އަގުހެޔޮކޮށް ތެޔޮ ވިއްކާނީ ދިވެހި މަސްވެރިންނަށް، މީގައިވެސް މި ވިސްނަނީ އިގްތިސާދަށް. ތެޔޮ އަގުބޮޑުކޮށްގެން ފައިދާ ނެރުމުގެ ބަދަލުގައި، ތެޔޮ އަގުހެޔޮކޮށްގެން، މަސްވެރިން މަހަށް ފޮނުވައިގެން ނަގާ ފައިދާ ބޭނުންވަނީ. ދެވަނަ ކަމަކަށް، އެސްޓީއޯގެ ދަށަށް ދިޔައިމާ އެސްޓީއޯއާއި ސަރުކާރުންވެސް ގެރެންޓީ ލިބޭ، މަސްވެރިންނަށް ދެން ފައިސާ ނުދެވި ހުންނަން ނުޖެހޭނެކަމަށް،"

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެލިވަރަކީ މިފްކޯގެ އެންމެ މުހިންމު އެއް ކާރުޚާނާ. ފެލިވަރުގެ މަސައްކަތްތައް ކިހިނެއްތޯ ކުރިޔަށް ދަނީ؟

"އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާއެކު މި ދަނަންނަވަނީ، ފެލިވަރުގެ ކޭނިންގް ފެކްޓްރީއަކީ ދުނިޔޭގެ ފެންވަރުގެ، އެންމެ ރަނގަޅު ފެންވަރުގެ ކޭނެރީއެއް. މިހާރު އަޅުގަނޑުމެން މި ދަނީ ދުނިޔޭގެ އެންމެ ބެސްޓް ބްރޭންޑްސްތަކާ ދިމާލަށް. އެކަމަށްޓަކައި ކުރާ އޮޑިޓުތައް މިމަހުގެ ފަހުކޮޅު ކުރެވޭނެ. އަޅުގަނޑުމެން މިތިބީ ޕްރީ އޮޑިޓުތަކުން ފާސް ވެފައި،"

ދާދިފަހުން ފެލިވަރު މި ވަނީ އަޕްގްރޭޑް ކުރެވިފައި. އޭރާ މިހާރާ ހުރި ތަފާތުތަކަކީ ކޮބާތޯ؟

"ފެލިވަރު އެންމެ ފުރަތަމަ ހެދި އިރު އެއީ އަށް ޓަނުގެ ފެކްޓްރީއެއް. [އެއީ މިފްކޯ ވުޖޫދަށް ނާންނަނީސް]. އެސްޓީއޯއިން އެތަން 50 ޓަނުގެ ތަނަކަށް އަޕްގްރޭޑު ކުރި. އެ ހުރި ގޮތަށް އިތުރު އެކްސްޕޭންޝަނެއް ނައިސް އޮތީ. އެމްޑީޕީ ސަރުކާރުގައި މިފްކޯ ތިން ކުންފުންޏަކަށް ބަދަލު ކޮށްލި އިރު ފެލިވަރުގެ ކެޕޭސިޓީ ދަށްވެގެން ދިޔައީ. ފެލިވަރު ފުރަތަމަ ހެދި އިރު މަސް ސާފުކުރާ ހަތަރު ލައިން ހުންނާނެ. އެކަމަކު މި ސަރުކާރު އައިސް މިފްކޯއިން ފެލިވަރާ ހަވާލުވި އިރު އެންމެ ލައިނެއް އޮތީ. އެ ދުވަސްވަރު އެއް ލައިނުގައި މައްސަލަ ޖެހުނީމަ ބޭނުން ނުކުރާ ލައިނަކުން ތަކެތި ނައްޓައިގެން އައިސް މީގައި އަޅުވަނީ. އެގޮތަށް އެކި އެއްޗެހި ހަލާކުވަމުން، އެގޮތަށް ހަދަމުން ދިޔައީ. ފަންސާސް ޓަނަށް ތައްޔާރުކުރި ތަނަށް ބަންދުކުރަން ލިބެނީ އެންމެ 15 ޓަނު ކަމަށް ވަންޏާ، ހަލާކުވާ ތަކެތި ހަދާކަށް ނުޖެހޭނެ ނު. ހަލާކުވާ، ބޭނުން ނުކޮށް ހުރި ތަކެތިން ހަލާކުވާ އެއްޗެހި ހަދައިގެން އެ ތިން އަހަރު ގޮސް، ފެލިވަރު ޑައުންގްރޭޑުވީ.

"މިހާރު ފެލިވަރުގެ ކޭނަރީ އަނބުރާ 50 ޓަނުގެ ފެކްޓްރީއަކަށް މި ހެދީ. މޭޖާ އަޕްގްރޭޑެއް ކުރެވިފައި ނެތް އޭރިއާތައް ވެސް އެބަހުރި. އެކަމަކު އެތަންތަންވެސް އޮޑިޓުން ފާސްވާ ވަރަށް މަރާމާތުކޮށް، އާކޮށްފައި ހުންނާނީ. އެކަމަކު ފެލިވަރު ފެކްޓްރީގެ ފްލޯގެ 95 ޕަސަންޓަކީ ގައިމުވެސް ބްރޭންޑް ނިއު! މިހާރު ހުރި މެޝިނަރީވެސް އެއީ ކޮމްޕިއުޓާ ކޮންޓްރޯލްޑް ތަކެތި،"

ޗައިނާއާ އެކު ރާއްޖެއިން މިއަހަރުގެ ތެރޭގައި ފްރީޓްރޭޑް އެގްރިމެންޓުގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައި. މިކަމުގެ ސަބަބުން މިފްކޯއަށް ނެގޭނެ ފައިދާއަކީ ކޮބައިތޯ؟

"އެފްޓީއޭ ހެދުމުން ޗައިނާ މާކެޓު ހުޅުވިގެން ދާނެ. އެއީ ބޮޑު މާކެޓެއް. ޗައިނާގެ ފެއާތަކުގައި އަޅުގަނޑުމެން ސާމްޕަލް މަސްދަޅުތައް ބަހައްޓަން. ކުންމިންގް ފެއާގައި ވިއްކަން ވެސް ވިއްކިން. ރަނގަޅު އަގުގައި ވިކުނު. އެއީ ޑިއުޓީ ނުލައި އެތަނަށް ގެންގޮސް ވިއްކި ތަކެތި. އަޅުގަނޑުމެން ފަހުން ސުޕަމާކެޓްތައް ބެލި އިރު އެތަންތަނުގައިވެސް ދަޅުމަސް ވިއްކަނީ އެއްކަހަލަ އަގެއްގައި.

މި އެގްރިމެންޓާ އެކު ޑިއުޓީ ނުދައްކާ ޗައިނާއަށް މަސް އެތެރެކުރެވިއްޖިއްޔާ [ޗައިނާއަށް އެކްސްޕޯޓުކުރާ މަހަށް ދައްކާ ގާތްގަނޑަކަށް 15 ޕަސަންޓުގެ ޑިއުޓީ] އެއީ ފައިދާ. އަޅުގަނޑުމެންނާ އެންމެ ބޮޑެތި ކޮމްޕެޓިޓާސްއަށް ތިބޭނީ ފިލިޕީންސް އަދި ތައިލެންޑް. އެކަމަކު އަޅުގަނޑުމެން ގިނައިން ދަޅުމަސް ބަންދުކުރާ ނަމަ، ތައިލެންޑަށް ނުލިބޭނެ ދެއްތޯ އަޅުގަނޑުމެން އެކްސްޕޯޓުކުރާ މަސް ބަންދުކުރާކަށް. އެމީހުންނަށް ރާއްޖޭގެ ޕޯލް އެންޑް ލައިން، މެރިން ސްޓުވާޑްޝިޕް ސެޓިފައިޑް މަހެއް ނުލިބޭނެ.

މިފްކޯގެ މެނޭޖިންގް ޑިރެކްޓަރު އަދުލީ އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ބާނަނީ ދޮށީގެ މަސްވެރިކަމުން ބާނާ މަސްކަމަށް ވުމީ ޗައިނާގެ މާކެޓަށް މުހިންމު ކަމެއްތޯ؟

ޗައިނާގައި އެވަރޭޖްކޮށް ދަޅުމަސް ގަންނަ މީހާ ނުބަލާނެ ދާ އަޅާއިގެންތޯ މަސް ބޭނީ. ނުވަތަ ދޮށިންތޯ މަސް ބޭނީ. އެކަމަކު ޗައިނާގައިވެސް އެބަހުރި ބޮޑެތި ހޮޓެލް ޗެއިންސްއާއި ސުޕަމާކެޓްސް. އެމީހުންގެ ސީއެސްއާރުގެ ދަށުންވެސް ބޭނުންވޭ ތިމާވެއްޓާ ރަހުމަތްތެރި، ދެމެހެއްޓެނިވި ބަޔަކަށް ވާން.

އަޅުގަނޑުމެންނާ ފެއާއެއްގައި ދިމާވި ކެތޭ ޕެސިފިކް އެއާލައިނުގެ ބޭފުޅުންތަކެއް ވިދާޅުވި، އެމީހުން ބޭނުންވެއޭ އެމީހުންގެ އެއާލައިނުގެ ފްލައިޓުތަކުގައި ބޭނުންކުރާ މަހަކީ އެންވަޔަރަންމަންޓް ފްރެންޑްލީ މަހަށް ވާން.

ޗައިނާގެ މާކެޓުގައި ސަސްޓެއިނަބަލް ފިޝަރީޒްއަށް އެވެއާނެސް ދަށް. އެކަމަކު އެކަމަށް އެވެއާނެސް ހުރި ކުޑަކުޑަ މާކެޓަށްވެސް ސަޕްލައި ކުރެވެން ފަށައިފިނަމަ އެއީ ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު އެއްޗެއް،"

މިފްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނިކަމަށްވާ އެސްޓީއޯގެ 99.99 ޕަސަންޓު ހިއްސާ އާއި، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި އޮންނަ އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސަންޓު ހިއްސާއާ އެކު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ވަނީ 2016، އޮކްޓޫބަރު 11 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައެވެ.

ބައިނަލްއަގްވާމީ ދުނިޔޭގައި ދިވެހީންގެ ޕްރޮޑަކްޓަކަށް އެންމެ ބޮޑު މަގްބޫލްކަމެއް ލިބިފައިވާ، އަދި އެ އުފެއްދުމުގެ ބޭރުގައި ދިވެހީންގެ ފަޚުރުވެރި ގައުމީ ދިދަ ލޭބަލްކޮށްފައިވާ ފެލިވަރު މަސް އުފައްދާ މިފްކޯ، އެސްޓީއޯގެ ދަށަށް ގެނައުމަށް ސަރުކާރުން ނިންމީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ. އެ ނިންމުމާއެކު ދައުލަތުން ބުނެފައިވަނީ، އެސްޓީއޯއަކީ ތެލުގެ ވިޔަފާރި ކުރާ ކުންފުންޏަކަށް ވާ އިރު، މިފްކޯއިން އެންމެ ބޮޑު ޚަރަދެއް ކުރަނީ ތެލަށް ކަމަށް ވެފައި ތެލުގެ ބޭނުން އެންމެ ބޮޑަށް ޖެހޭ ބަޔަކީ މަސްވެރީންނަށް ކަމަށް ވުމުން، މި ހުރިހާ ކަމަކާއެކު މިއީ މިފްކޯ އަލުން ކޮޅަށް ޖަހައި އެ ކުންފުނީގެ މުސްތަގުބަލް އުޖާލާކުރުމަށް ހުޅުވޭ ވަރަށް ފުރިހަމަ ދޮރަކަށް ވާނޭ ކަމަށެވެ.

comment ކޮމެންޓް