ކޫއްޑުއަށް ދިޔަ ފްލައިޓެއްގެ ތެރެއަށް މީހަކު މަރުވެއްޖެ

ކޫއްޑޫ އެއާޕޯޓް: މުސްކުޅި މީހާ މަރުވީ މޯލްޑިވިއަން ފްލައިޓެއްގެ ތެރެއަށް--- ސަން ފޮޓޯ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ކޫއްޑޫ އެއާޕޯޓަށް ދިޔަ ފްލައިޓެއްގެ ތެރެއަށް އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

އުމުރުން 80 އަހަރުގެ އެ ފިރިހެން މީހާގެ ހަށިގަނޑު މިހާރު އޮތީ ކޫއްޑޫ އެއާޕޯޓުގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ މުސްކުޅިބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އެނދުމަތިކޮށްފައިވާ މީހެކެވެ. އެ މީހާ ނިސްބަތް ވަނީ ގއ. ކޮލަމާފުއްޓަށެވެ.

އޭނާ މަރުވާން ދިމާވި ސަބަބު ދެނެގަތުމަށް ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންތަކެއް ވަނީ ކޫއްޑޫއަށް ގޮސްފަ އެވެ.

ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝާފިޒު މޫސާ "ސަން"އަށް ވިދާޅުވީ މިދުވަސްވަރު ފެތުރެމުންދާ ސުވައިން ފުލޫގެ އަލާމާތެއް މަރުވި މީހާގެ ގައިން ފެނުނުކަން އަދި ކަށަވަރު ނުވާ ކަމަށެވެ.

"އޭނާގެ ހަށިގަނޑު ކޮލަމާފުއްޓަށް ގެންދިއުމަށް އާއިލާއިން ދަނީ ތައްޔާރުވަމުން. އެކަމުގައި އަޅުގަނޑުމެންނަށް ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން،" ޝާފިޒު ވިދާޅުވި އެވެ.

ސުވައިން ފުލޫގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ. ތުއްތު ކުދިންނާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި މާބަންޑު މީހުންނަކީ ވެސް އެ ބަލީގެ ނުރައްކާ އޮތް ބަޔެކެވެ.

މިހާތަނަށް ސުވައިން ފުލޫ ޖެހިގެން ދެ މީހަކު މަރުވެފައިވާއިރު، އެ ބަލި ރާއްޖެއިން ޖެހުނު އަދަދު 105 އަށް އަރަ އެވެ.

comment ކޮމެންޓް