ސިވިލް ސާވިސް ކޮމިޝަނުން ވަކިގޮތެއް އަންގަންދެން ސިވިލް ސާވިސްގައި މަސައްކަތްކުރާ މާބަނޑު އަންހެނުން އޮފީހަށް ނުނިކުންނަން އަންގައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފަައި ވަނީ އެގޮތަށް ނިންމީ ރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ އިންފުލުއެންޒާ ރޯގާގެ އެންމެ ސީރިއަސް ނުރައްކާތެރި ހަލާތް މެދުވެރިވާ ކެޓަގަރީތަކުގެ ތެރޭގައި މާބަނޑު މީހުން ހިމެނޭތީ ކަމަށެވެ.
އޮފީހަށް ނުނިކުތަސް އެ މުއްދަތުގެ މުސާރަ މުވައްޒަފުންނަށް ލިބޭނެ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.
ރަޖިސްޓްރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ، މާބަނޑުކަން އަންގައިދޭ ލިޔުން މާބަނޑު އަންހެނުން މަސައްކަތްކުރާ އިދާރާއަށް ހުށަހެޅުމުން މިއަދުން ފެށިގެން މަސައްކަތަށް ނުނިކުންނަ ގޮތަށް ހެދުމަށް ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތްކުރާ ހުރިހާ އޮފީސްތަކަށް ވަނީ އަންގައިފައެވެ.
މަސައްކަތަށް ނުނިކުމެ ހުންނަ މުއްދަތުގައި ގޭގައި ހުރެގެން ކުރެވެން ހުރި މަސައްކަތް ކުރުމަށާއި އޮފީހަށް ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި އޮފީހުގެ މަސައްކަތުގައި އެހީތެރިވެދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެދިފައެވެ.