ސައުދީ ރަސްގެފާނުގެ ބާލީ ޗުއްޓީއަށް 23 މިލިއަން ޑޮލަރު!

ސަލްމާން ރަސްގެފާނު އަދި އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ -- ފޮޓޯ: ސައުދީ ގެޒެޓު

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އޭޝިއާގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑޮނޭޝިއާގެ ބާލީގައި ވަނީ އަށް ދުވަހުގެ ޗުއްޓީއެއް ހޭދަކުރައްވައިފައެވެ. ގިނަ އަދަދެއްގެ މުދާވެސް ހިއްޕަވައިގެން ދަތުރު ކުރައްވާ ސަލްމާން ރަސްގެފާނު ބާލީގައި ހޭދަކުރެއްވި ޗުއްޓީއަށް ކިހާ ފައިސާއެއް ހަރަދުކުރިކަން އެނގޭހެއްޔެވެ؟

ސަލްމާން ރަސްގެފާނާއެކު ބާލީގައި 1500 މީހުން ޗުއްޓީ ހޭދަކުރި އެވެ. ބާލީގެ އަގުބޮޑު ހޮޓާތަކާއި ބާލީގެ ރެގިސް ރިސޯޓާއި މުލިއާ ރިސޯޓު އަދި ނޫސަދުއާ ވިލާގެ އިތުރުން ސްޕާތައްވެސް ވަނީ އަށް ދުވަހަށް ކުއްޔަށް ހިފައިފައެވެ.

ބާލީގެ އޮފިޝަލުން ބުނާގޮތުން ސަލްމާން ރަސްގެފާނު ޗުއްޓީ ނިންމަވައި އެ ސިޓީން ވަޑައިގަތީ އިތުރު 16 ޓަނުގެ ބެގޭޖް ހިއްޕަވައިގެންނެވެ. އޭގެތެރޭގައި ބާލީއިން ގަތް ހަ ޓަނުގެ މުދާ ހިމެނޭ ކަމަށް ބަލީ އޮފިޝަލުން ބުނެ އެވެ.

" ލަފާ ކުރެވޭ ގޮތުން ސަލްމާން ރަސްގެފާނުގެ ޗުއްޓީއަށް 100 މިލިއަން ރިންގިޓްސް (23 މިލިއަން ޑޮލަރު) ހޭދަކުރި." ބާލީގެ އޮފިޝަލަކު ބުންޏެވެ.

އެފައިސާ ހަރަދުކޮށްފައިވަނީ ކުއްޔަށް ހިފި ރޫމް ތަކާއި ކާރުތަކާއި ވިޔަފާރި ކުރުމަށް ކަމަށް ބާލީގެ އޮފިޝަލަކު ވަނީ ބުނެފައެވެ. އެމީހުން ބުނާ ގޮތުން ސަލްމާން ރަސްގެފާނު ޗުއްޓީން އިގްތިސާދީ ބޮޑެތި ފައިދާތަކެއް އެ ސިޓީއަށް ވި އެވެ. އެއީ އެގައުމުގެ ސަގާފަތާ ގުޅޭ ގިނަ އެއްޗިހިތަކެއް ސަލްމާން ރަސްގެފާނު ބައްލަވައިގަތުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ސަލްމާން ރަސްގެފާނު ދެން ޗުއްޓީ ހޭދަކުރައްވާނީ ރާއްޖޭގައެވެ. ރަސްގެފާނުގެ ޗުއްޓީއަށް މިހާރު ވަނީ ތިން ރިސޯޓެއް ކުއްޔަށް ހިފާފައެވެ.

comment ކޮމެންޓް