ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ފުޓްބޯލް ޓެރެއިނިން ސްކޫލް ރާއްޖޭގައި ގާއިމްކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް: ފުރަތަމަ ޑިވިޝަނަށް އަންނަ ޓީމުތަކާއި ކުޅުންތެރިންނަށް ސަރުކާރުން ކޮށްދެއްވާ ކަމެއްގެ ގޮތުގައި ފުޓްބޯލް ޓްރެއިނިން ސްކޫލެއް ގާއިމްކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ފުޓްބޯލް ޓެރެއިނިން ސްކޫލް ރާއްޖޭގައި ގާއިމް ކުރައްވާނެ ކަމަށް ރައީސުލުޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ކާމިޔާބު ފާހަގަކުރުމަށް މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފުރަތަމަ ޑިވިޝަނަށް އަންނަ ޓީމުތަކާއި ކުޅުންތެރިންނަށް ސަރުކާރުން ކަންތައްތަކެއް ކޮށްދޭނެ ކަމަށާއި އޭގެ ތެރޭގައި ފުޓްބޯލް ޓްރެއިނިން ސްކޫލެއް ގާއިމްކުރުން ހިމެނޭ ކަމަށެވެ.

"އެއް ވަނަ ޑިވިޝަނަށް އަންނަ ޓީމުތަކަށް، ކުޅުންތެރިންނަށް ރަސްމީ ކަންތައްތަކެއް ސަރުކާރުން ކޮށްދޭނަން. އޭގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ރީޖަންގައި ހުރި އެންމެ ވަރުގަދަ ފުޓްބޯލް ޓްރެއިނިން ސްކޫލް ރާއްޖޭގައި ގާއިމްކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ ސްކޫލް ގާއިމްކުރާތާ ތިން އަހަރުފަހުން ގައުމީ މުބާރާތްތަކުގައި ބައިވެރިވެވޭނީ އެ ކްލަބެއްގެ ކޮންމެވެސް އިންސައްތައެއްގެ ކުޅުންތެރިން އެ ސްކޫލްގައި ތަމްރީން ހާސިލްކުރާ ބަޔަކަށްވުމުން ކަމަށެވެ. އަދި އެ ސްކޫލް ގާއިމްކުރާތާ ފަސް އަހަރުތެރޭގައި ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ހޯދާ، ކޮންމެ އަހަރަކުވެސް އެ ތަށި ދިފާއުކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑާއި އެފްއޭއެމް މަޝްވަރާކޮށްފައި އަޅުގަނޑުގެ ނިންމުމަކަށް ވެފައި މި އޮތީ ސްކޫލް ގާއިމްކުރާތާ ތިންވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖެއަށް ހޯދާނަމޭ. ހޯދާފައި އެތަށްޓަކީ އަބަދުވެސް ދިވެހިރާއްޖޭގައި ހުންނާނެ ތަށްޓަކަށް ހަދަންޖެހެއޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހުނަރުވެރި ފިޓް އަދި ވަރުގަދަ އެތުލީޓުން އުފައްދަން ޖެހޭ ކަމަށާއި ސަރުކާރުން ކްލަބުތަކަށް އެހީވަމުން ދަނީ ކްލަބުތައް މިހާރު އޮތް ހިސާބުން އެއަށްވުރެ މައްޗަށް ގެންދިއުން ކަމަށެވެ.

ޓީސީން ވަނީ ދާދި ފަހުން ބަންގުލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އެ ކާމިޔާބާއެކު އެކްލަބު ވެފައި ވަނީ ރާއްޖޭން ބޭރުގައި ބޭއްވި މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ދިވެހި ކްލަބަށެވެ.

comment ކޮމެންޓް