ސައިކަލް ވަގަށް ނަގައިގެން ވިއްކަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ގަރާޖެއް ބަލައިފާސްކޮށް، އެ ޖަރާޖުގައި ހުރި ސައިކަލުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިރޭ ބަލައި ފާސްކުރީ ދިޓީވީގެ ހިންގި އިމާރާތް ހުންނަ ގޯޅިގަނޑުގައި ހުރި ބީޑީ މޮޓޯ ގަރާޖެވެ. އެ ގަރާޖުން ހަތަރު ސައިކަލެއް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ގަރާޖު ބަލައިފާސްކޮށް، އެތަނުން ގެންދިޔަ ސައިކަލުތަކުގެ ތެރޭގައި ޖީއެން ސައިކަލާއި ވޭވް ސައިކަލް ހިމެނެ އެވެ. އަދި އެ ގަރާޖުގައި ހުރި ސައިކަލުތަކެއްގެ އިންޖީނުތަކެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ގަރާޖެއް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސައިކަލުތައް ފުލުހުންގެ ވެހިކަލަކަށް އަރުވާފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އެ އޮޕަރޭޝަނާ ބެހޭ ތަފްސީލުތަކެއް ފުލުހުން ނުދިނެވެ. ފުލުހުން ހަމައެކަނި ބުނީ ކޯޓު އަމުރެއްގެ ދަށުން އެ ގަރާޖު ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އެ ގަރާޖު ބަލައިފާސް ކުރަނިކޮށް، އެ ސަރަހައްދަށް ސަންގެ ނޫސްވެރިން ދިޔަ އެވެ. ގަރާޖުގައި މަސައްކަތް ކުރާ މީހުންގެ ހާޒިރުގައި އެތަން ބަލައި ފާސްކުރުމަށްފަހު، އެތަނުން އެއްވެސް މީހަކު ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރެއް ނުފެނެ އެވެ.
މާލޭގައި ސައިކަލް ވަގަށް ނެގުން އާންމުވެފައިވާއިރު، ވަގަށް ނަގައިގެން ސައިކަލުގެ ވިޔަފާރި ކުރާ ވާހަކައަކީ އާންމު ވާހަކައެވެ. ނަމަވެސް އެ ވައްކަންތަކުގެ ހަގީގަތް ހޯދައި، އެ ވިޔަފާރި ކުރާ މީހުން ހައްޔަރުކޮށް، އެ ނެޓްވޯކުތައް ފަޅާ އެރުވުމަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.