އުޅަނދު ޓޯކުރަން ޚާއްސަ އުޅަނދެއް ބޭނުންކުރަން ފަށައިފި

ޓޯކުރުމަށް ޚާއްސަ އުޅަނދު ކައިރީގައި ފުލުހަކު މަޑުކޮށްލައިގެން ---- ފޮޓޯ/ ފުލުހުން

މާލޭގެ މަގުތަކުން އުޅަނދު ޓޯކުރަން ޚާއްސަ އުޅަނދެއް ފުލުހުން އިއްޔެ ބޭނުންކުރަން ފަށައިފިއެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި އެތައް އުޅަނދެއް ހުރެއެވެ. އެހެންވެ، މަގުތައް ބޭނުންކުރާ މީހުންނަށް އެތައް ދަދިތަކާ ކުރިމަތިވާއިރު، ފުލުހުން އަންނަނީ އުޅަނދު ޓޯކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނީ، ޓޯ ކުރުމަށް ޚާއްސަ އުޅަނދެއް އިއްޔެ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އެ އުޅަނދުގެ ސަބަބުން ޓޯކުރުމުގެ މަސައްކަތަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޓޯކުރުމަށް ޚާއްސަ އުޅަނދު ބޭނުންކޮށްގެން އުޅަނދެއް ޓޯކުރަނީ ---- ފޮޓޯ/ ފުލުހުން

ފުލުހުން އާންމުކުރި ވީޑިއޯތަކާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ އުޅަނދަކީ، ޕިކަޕެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. އަދި، އެ އުޅަނދުގައި އިންނަ ކެރޭނު ބޭނުންކޮށްގެން އުޅަނދުގައި އަޅުވައިގެން ގެންދެވެއެވެ.

އެއާއެކު، ކޮންމެ ދުވަހަކު ވެސް މާލެއާއި ހުޅުމާލޭގެ މަގުތަކުން އުޅަނދު ޓޯކުރުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://sun.mv/214757

ފުލުހުން އަންނަނީ، އެ ގޮތަށް ޓޯކުރާ އުޅަނދުތަކުގެ ތަފްސީލުތައް ދޭތެރެއަކުން ހާމަކުރަމުންނެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި، ވަރަށް ފަހުން ވެސް ވަނީ، ހުޅުމާލެއިން އުޅަނދު ޓޯކުރި މިންވަރު އިތުރުވެފައެވެ.

comment ކޮމެންޓް