ޒައިދު ފުލުހުންގެ ބަންދުގައި ބަހައްޓަން އަމުރު ކުރީ ރަނގަޅަށް: ހައިކޯޓް

22 ފެބްރުއަރީ 2017: ޒައިދު ކޯޓަށް ހާޒިރު ކުރަނީ --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ފުލުހުންގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ބްލެކް މެއިލް ކުރިކަމުގެ ތުހުމަތުގެ އިތުރުން ދެން ޒައިދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ދައުލަތުގެ އިސްވެރިންތަކެއްގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދައި ހާމަކުރުމުގެ ތުހުމަތެވެ.

އެ ތުހުމަތުގައި މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ފުލުހުންގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ. އެ އަމުރުގައި ވަނީ އެއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކުރި އަމުރެއް ކަމަށެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ޒައިދުގެ ފޯނުގެ ޗެޓް ލޮގްތަކުގައި އެ މައްސަލައާ ގުޅުންހުރި ވީޑިއޯތަކާ ގުޅޭ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅޭ ފޮރެންސިކް ރިޕޯޓެއް ލިބިފައިވާއިރު، އެއީ ތުހުމަތު ކުރެވޭ ވަރުގެ ހެކިތަކެއް ކަމަށް އެ ހުކުމްގައި ވެއެވެ.

އެ މައްސަލާގައި ހިމެނޭ ހެކީންނަށް ނުފޫޒު ފޯރުވަން ޒައިދު މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ގޭބަންދުގައި ބެހެއްޓުމަށްފަހު ފުލުހުންގެ ބަންދަށް ބަދަލުކުރުމުން ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ބްލެކްމެއިލްކުރީ ކާކުކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއިން އެއްވެސް އެއްޗަކުން އޭނައާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.

އޭނާ އަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ. ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން ވަކިކޮށްފައެވެ.

comment ކޮމެންޓް