ލ. އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހުއިފިލަނޑާ ބޮޑުކުރުމުގެ ދެވަނަ މަރުހަލާ މިއަދު ލ. ކަލައިދޫގައި އިފްތިތާހު ކޮށްފި އެވެ.
އެއީ ދިވެހިރާއްޖޭގައި މެރިކަލްޗާ ސިނާޢަތެއް ގާއިމުކޮށް ތަރައްގީ ކުރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި، އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ގުޅިގެން ފަސް އަހަރުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު އޯގަސްޓް މަހު ވަނީ އެ ރަށުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ އަޖުމަބެލުމުގެ ގޮތުން 30 ފަރާތަށް ހުއިފިލަނޑާ ބޮޑުކުރުމުގެ ތަމްރީނު ދީ، ހުއިފިލަނޑާ ބޮޑުކުރާ ކޮށި ހަވާލުކޮށްފަ އެވެ. އަދި އޮކްޓޯބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ކުދި ހުއިފިލަނޑާ ކޮށިތަކަށް ދޫކޮށްފަ އެވެ.
ފިޝަރީސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދެވަނަ ފިޔަވަހީގައި އަޅަން ނިންމި 70 ކޮށީގެ މަސައްކަތް މިހާރު ނިމިފައިވާ އިރު، އެ ދެރަށުން އިތުރު 70 މީހަކަށް އެ މަޝްރޫއުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެމަޝްރޫޢުގެ ދަށުން ލުއި ލޯނުގެ ގޮތުގައި މަސައްކަތަށް ބޭނުންވާ ކޮށްޓާއި ކުދި ހުއިފިލަނޑާ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެމަސައްކަތް ކުރުމުގެ ތަމްރީނު ފޯރުކޮށްދޭނެ ކަމަށާއި މިކަން ކުރިޔަށް ގެންދާނީ ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރައްވަމުންގެންދާ ކުންފުންޏެއްކަމަށްވާ ބަރަކަތުލް ބަޚުރު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަމަށް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މިއަދު އިފްތިތާހު ކުރި އެ ހަރަކާތުގެ ދަށުން މޫދުކޮށީގައި ހުއިފިލަނޑާ ގެންގުޅެ، މާކެޓް ސައިޒަށް ބޮޑުކުރެވޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އެ ހަރަކާތަކީ ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ދާއިރާއިން ވަޒީފާއާއި އާމްދަނީގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއި އަމިއްލަ ފަރުދުން ބާރުވެރިކުރުވައި، އިގްތިޞާދީ މަސައްކަތްތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގަމުންދާ ހަރަކާތެއް ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުންޏެވެ.
އަދި އެއީ އެ މެރިކަލްޗާ އެންޓާޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅުގައި ހުއިފިލަނޑާ ބޮޑުކުރުމުގެ ގޮތުން ހިންގާ ދެވަނަ ޕްރޮގްރާމެވެ.