"ވިޝްކާ" ގެ މައްސަަލަ ކޯޓުން ބޭރުކޮށްލައިފި

ދިވެހި ފިލްމު "ވިޝްކާ" ގެ ލީޑްރޯލް ކުޅޭ ދެތަރިން ކަމުގައިވާ ރިޝްމީ އާއި ރަވީ ---- ފޮޓޯ: މުހައްމަދު ޝަރުހާން

ޔާރާ ޕްރޮޑަކްޝަނުން ނެރުނު ފިލްމު "ވިޝްކާ"ގެ މިލްކުވެރިކަމަށް ދައުވާކޮށް މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ އެ މައްސަލައާއި ގުޅިގެން މިއަދު ބާއްވަން ތާވަލު ކުރި އަޑުއެހުމަށް، އެ މައްސަލަ ހުށަހެޅި ހަސަން ހަލީމް (ކޮކޯ)ގެ ވަކީލު ކޯޓަށް ހާޒިރު ނުވުމުންނެވެ.

އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ. އެ ގަވާއިދުގައިވާ ގޮތުން މަގުބޫލު އުޒުރެއް ނެތި ދައުވާ ކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ އެ މައްސަލައެއް ބާތިލު ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު "ވިޝްކާ" ރިލީޒްކޮށްފައިވާއިރު، ކޮކޯ ވަނީ މިމަހުގެ އެއްވަނަ ދުވަހު އެ ފިލްމު ރިލީޒް ކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ކޯޓުގައި އެދިފަ އެވެ. ނަމަވެސް، ސިވިލް ކޯޓުންވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް އެ ފިލްމު ރިލީޒް ކުރި ދުވަހު ނިންމާފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ކޮކޯ މީގެ ކުރިން ބުނެފައިވަނީ، އަބްދުﷲ ވިޝާމް ލިޔުނު "ވިޝްކާ"ގެ ވާހަކަ އާއި އޭގެ ސްކްރިޕްޓް ލިޔުނު މަހުދީ އަހުމަދާ އެކު ހަދާފައިވާ އެއްބަސްވުންތަކުން "ވިޝްކާ" އަކީ އޭނާގެ އެއްޗެއް ކަމަށް ހެކިދޭނެ ލިޔުންތައް ވެސް ހުރި ކަމަށެވެ. އެހެން ނަމަވެސް ރިޝްމީ ބުނެފައިވަނީ "ވިޝްކާ" އަކީ ކޮކޯ އަށް ހައްގުވާނެ އެއްޗެއް ނޫންކަމަށާއި އެފިލްމު ނިންމާފައި ވަނީ ކޮކޯގެ އެއްވެސް އެހީތެރިކަމެއް ނުލިބި ކަމަށެވެ.

comment ކޮމެންޓް