"ވިޝްކާ" ރިލީޒް ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެވެން ނެތް ކަމަށް ކަނޑައަޅައިފި

"ވިޝްކާ" ގެ ޕޯސްޓަރެއް---

ދިވެހި ފިލްމު ވިޝްކާ ރިލީޒް ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ދާދި ދެންމެ އަކު ކަނޑައަޅައިފި އެވެ.

ސިވިލް ކޯޓުގައި އެ ފިލްމު ރިލީޒް ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) އެދިފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.

ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައި ވަނީ "ވިޝްކާ" ރިލީޒް ކުރުން ކުޑަތަން ވެފައިވަނިކޮށް، ކޮކޯ އެދުނު ފަދަ އަމުރެއް ނެރެފިނަމަ އާއިޝަތު ރިޝްމީއަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވާނެކަން އެނގެން އޮންނަ ކަމަށެވެ.

އެ ނިންމުމުގައި، ހަސަން ހަލީމުގެ ފަރާތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމާ ގުޅިގެން ބޭއްވި ޝަރީއަތުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި، ހުށަހަޅާފައިވާ ލިޔުންތަކުން، "ވިޝްކާ"ގެ ނަމުގައި ރިޝްމީ ފިލްމެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ކޮކޯ ހަސަންއަށް އެތަކެއް މަހެއް ކުރިން އެނގެން އޮންނަ ކަމަށެވެ.

ކޮކޯ ހަސަންގެ ހައްގެއް ގެއްލިފައިވާނަމަ އެ ހައްގެއް ހޯދުމަށް ޝަރީއަތަށް ހުށަހަޅައި އެ ހައްގެއް ހޯދުމުގައި ކޮކޯ ހަސަންގެ ފަރާތުން މަގުބޫލު އުޒުރެއް ނެތި ލަސްކޮށްފައިވާކަން އެނގެން އޮންނަ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

އެހެންކަމުން "ވިޝްކާ" ރިލީޒް ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައެޅީ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުގައިވެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ކޮކޯ ބުނެފައިވަނީ، އަބްދުﷲ ވިޝާމް ލިޔުނު "ވިޝްކާ"ގެ ވާހަކަ އާއި އޭގެ ސްކްރިޕްޓް ލިޔުނު މަހުދީ އަހުމަދާ އެކު ހަދާފައިވާ އެއްބަސްވުންތަކުން "ވިޝްކާ" އަކީ އޭނާގެ އެއްޗެއް ކަމަށް ހެކިދޭނެ ލިޔުންތައް ވެސް ހުރި ކަމަށެވެ.

ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު ރިޝްމީ ބުނީ، "ވިޝްކާ"އަކީ ކޮކޯއަށް ހައްގުވާނެ އެއްޗެއް ނޫން ކަމަށާއި އެފިލްމު ނިންމާފައި ވަނީ ކޮކޯގެ އެއްވެސް އެހީތެރިކަމެއް ނުލިބި ކަމަށެވެ.

comment ކޮމެންޓް