މިދިޔަ އަހަރު އައްޑޫ ސިޓީގެ ފޭދޫ ޓީމަށް ކުޅުނު މުހިއްމު ކުޅުންތެރިއާ، އިބްރާހިމް މަހުދީ (އިއްބެ) ބަދަލުގައި ބިދޭސީ ކުޅުންތެރިއަކު އެޓީމަށް ގެންއުމަށް ނިންމާފައިވާކަމަށް ފޭދޫ ޓީމުން ބުނެފިއެވެ.
އިއްބެ މިހާރު ކުޅެމުންދަނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ.
ފޭދޫ ޓީމުގެ އޮފިޝަލަކު ބުނީ، އިއްބެ ނެތްތަން ފޫބެއްދުމަށް ބިދޭސީ ކުޅުންތެރިއަކު ގެނައުމަށް ނިންމާފައިވާކަމަށާއި ނަމަވެސް އަދި ގެންނަ ކުޅުންތެރިއަކު މުޅިން ފައިނަަލް ނުވާކަމަށެވެ.
ޕްރިމިއާ ލީގަށް ކޮލިފައިވުމަށް އަމާޒު ހިފައިގެން ފޭދޫ ޓީމުގެ ފަރުތަކުރުންތައް މިމަހުގެ 25 ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، އެ ޓީމުން ބުނެފައިވަނީ މިއަހަރުވެސް، މީގެ ކުރިން އެޓީމުން ފެނުނު ގިނަ ކުޅުންތެރިން ފެންނާނެކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ފޭދޫ ޓީމް ހޯދުމަށް ފަހު އުފާފާޅު ކުރަނީ ---
ފޭދޫ ޓީމަކީ އަތޮޅު ތެރޭގެ ފުޓްބޯޅައިގައި ގަދަ ބާރެކެވެ. އެޓީމުންވަނީ މިނިވަން 50 ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. މިހާތަނަށް މިނިވަން 50 ޗެމްޕިއަންޝިޕްގައި ފޭދޫ ޓީމުން ހޯދި ކާމިޔާބީތަކުގައި އިއްބެ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އެ މުބާރާތް ކާމިޔާބު ކުރުމަށް އިއްބެ ވަނީ މުހިއްމު ގޯލްތަކެއް ކާމިޔާބުކޮށްފައެވެ.
އިއްބެ މި ސީޒަނުގައި ޓީސީއާ ގުޅިފައިވާއިރު ނިމިގެންދިޔަ ޝެއިހް ކަމާލް އިންޓަނޭޝަނަލް ކުލަބް ކަޕްގެ ފުރަތަމަ މެޗުގައި އޭނާ ވަނީ މުހިއްމު ލަނޑެއް ކާމިޔާބުކޮށްފައެވެ. މިވަގުތު އިއްބެ ހުރީ އިންޖަރީގައެވެ.