ރޯގާގެ ސަބަބުން ޔުނިވާސިޓީތަކުގެ ކިޔެވުން ވެސް މެދުކަނޑާލައިފި

ގައުމީ ޔުނިވާސިޓީގެ އިދާރާ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ފެތުރެމުންދާ ރޯގާގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ(އެމްއެންޔޫ) އާއި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ(އެމްއައިޔޫ)ގެ ކިޔެވުން މެދުކަނޑާލައިފި އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފު މިއަދު ސަން އަށް ވިދާޅުވީ މިއަދުން ފެށިގެން އެޔުނިވާސިޓީގެ ހުރިހާ ކުލާހެއް މެދުކަނޑާލާފައިވާ އިރު ދެން ކިޔަވައިދޭން ފަށާނީ އަންނަ ހަފްތާއަށް ފަހު ކަމަށެވެ.

އަންނަ ހަފްތާގައި ބާއްވަން ނިންމާފައިވާ ގައުމީ ޔުނިވާސިޓީގެ ގުރެޖްއޭޝަން ވެސް ވަނީ މުއްދަތު ނެތް ގޮތަކަށް ފަސްކޮށްފަ އެވެ.

އަންނަ ހަފްތާއަކީ "މިޑްޓާމް ހޮލިޑޭސް" އެވެ.

އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދުން ފެށިގެން އެޔުނިވާސިޓީގެ ކިޔެވުން ވެސް ބަންދުކޮށްފައިވާ އިރު ދެން އަނބުރާ ކިޔެވުން ފަށާނީ ރޯގާގެ ކަންތައް ހަމަޔަކަށް އެޅުމުން ކަމަށެވެ.

މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދިނުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

އެޗްވަންއެންވަން ވައިރަސް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވެ، ނުރައްކާ ހާލާތަކަށް ގޮސްފައި ވާތީ، ބަލީގެ އެލާޓް ލެވެލް ތިނަކަށް ބަދަލުކޮށްފަ އެވެ.

އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫ ރާއްޖެއިން ޖެހުނު މީހުންގެ އަދަދު އިއްޔެ ހެނދުނު 27 ހުރި ނަމަވެސް، 12 ގަޑިއިރު ނުވަނީސް އެ އަދަދު ރޭ ވަނީ 51 އިތުރުވެފަ އެވެ. އަދި ސުވައިން ފްލޫ ޖެހިގެން މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް