ތޭރަ އަހަރު ފަހުން އަލީ ޝިޔާމް އެނބުރި ފިލްމީ ދާއިރާއަށް އަންނަނީ

އަލީ ޝިޔާމް "ސަން" އަށް އިންޓަވިއު ދެނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނުވަދިހައިގެ އަހަރުތަކުގައި ވީޑިއޯ ލަވަތަކުން ބެލުންތެރިންގެ ހިތްތަކާ ކުޅެލި ކުޅަދާނަ އެކަޓްރު އަލީ ޝިޔާމްގެ މަތިން، ދިވެހި ލަވަތަކަށް ލޯބި ކުރާ އެންމެން ވެސް ހަނދާން ވާނެކަން ހަމަ ޔަގީނެވެ. ތޭރަ އަހަރަށް ފަހު އަނެއްކާވެސް ފިލްމީ ދާއިރާއަށް ބޮޑު ހަދިޔާއަކާއެކު އަލީ ޝިޔާމް އެނބުރި އަންނަ ހަބަރުވެގެންދާނީ އޭނާގެ ފޭނުންނަށް ވަރަށް އުފާވެރި ހަބަރަކަށެވެ.

"ސަން" އަށް ދިން އިންޓަވިއުއެއްގައި ޝިޔާމް ބުނީ، ގިނަ ދުވަސް ތަކަކަށް ފަހު އެނބުރި ފިލްމީ ދާއިރާ އަށް އަންނަނީ ފިލްމީ ދާއިރާއަށް އޮންނަ ލޯބި ދުވަހަކުވެސް ފިލައިގެން ނުދާތީ ކަމަށެވެ.

" އެއް އިރެއްގަ ވެސް ފިލްމީ ދާއިރާއާ ދުރަށް ދިޔުމުގެ ހިޔާލެއް ނުގެންގުޅެން. އަސްލު ވަރަށް ލޯބިވާ ދާއިރާއެއްމީ. ވަރަށް މަަސައްކަތް ކުރާ ހިއްވޭ އަބަދުވެސް. ވަރަށް ގަޔާވާ ކަމެއް އެއީ އެކްޓްކުރުން،" ޝިޔާމް ބުންޏެވެ.

ދިވެހި ފިލްމު ތަކުން މުސްތަގުބަލުގައި ފެނިދާނެ ކަމަށާއި ބޭނުންވަނީ ވަރަށް ބޮޑު ރޯލަކުން ފެންނަން ކަމަށް ޝިޔާމް ވަނީ ބުނެފައެވެ.

ޝިޔާމް ބުނީ، އިންޑިއާ އަށް ދިރިއުޅުން ބަދަލު ކުރުމުން، ލަވަ ތަކުން ނުފެނުނު ކަމުގައި ވިޔަސް އޭނާ ފިލްމީ ކަންތައްތައް ވަރަށް ގާތުން ބަލާކަމަށާއި ވީޑިއޯ ލަވަތަކަކުން އޭނާ އެނބުރި އަންނަ ތައްޔާރު ވަމުންދާ ކަމަށެވެ.

އަލީ ޝިޔާމް ވަނީ ގިނަ ދުވަސްތަކަކަށް ފަހު ފިލްމީ ދާއިރާއަށް އެނބުރި އަންނާނެ ކަން އިއުލާން ކޮށްފަ--- ސަން ޕޮޓޯ/ ފަޔާޒު މޫސާ

ލަވަ ސީޑީގެ މަސައްކަތް އިންޑިއާގެ ތަޖުރިބާ ކާރު ބައެއް މީހުންނާ އެކު މަސައްކަތްކުރާ ކަމަށް، މަރިޔަމް ނިޝާ އާއި ޝިރާނީ ފަދަ ކުރީގެ މަޝްހޫރުތަރިންނާއެކު ލަވަތަކުން ފެނިގެން ދިޔަ ޝިޔާމް ބުންޏެވެ.

ހިންދީ އަދި މަލަޔާޅަމްގެ ބައެއް ރާގުތައް ހިމަނައިގެން ގެނެސްދޭން ނިންމާފައިވާ އެ ލަވަ ޑީވީޑީގައި ހިމެނޭ ލަވަތައް އަންނަ ރޯދައިގެ ފަހުން ޝޫޓު ކުރަން ހަމަޖެހިފައިވާއިރު މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ އިންޑިއާ އަދި ރާއްޖޭގައެވެ.

" މިހާރު ރާއްޖޭގައިވެސް އެބަ ހުރި ވަރަށް ރީތި ލޮކޭޝަންތައް. ނުލާހިކު ރީތި ބީޗު ތަކާއި ވަރަށް ހިތްގައިމު ތަންތަން އެބަ ހުރި. ރާއްޖެ އެއްތަނެއްގެ ގޮތުގަ ކަނޑައަޅާފަ އޮތް އިރު ދެން އޮތީ އިންޑިއާ،" ޝިޔާމް ބުންޏެވެ.

ޝިޔާމް ބުނީ، އިންޑިއާގައި ޝޫޓް ކުރާ ލަވަތައް ޑައިރެކްޓް ކުރާނީ އިންޑިޔާގެ ފަރާތެއް ކަމަށާއި ރާއްޖޭގެ ލަވަތައް ދިވެއްސަކު ޑައިރެކްޓް ކުރާނެ ކަަމަށެވެ.

އެ ލަވަ ސީޑީގައި ހިމެނޭ ގިނަ ލަވަތަކުން ޝިޔާމްގެ ހުނަރު ފެންނާނެ ކަމަށް އޭނާ ބުނާއިރު އަންހެން ތަރިންގެ ގޮތުގައި ފެންނާނީ މުޅިން އާ މޫނު ތަކެއް ކަމަށް ވެސް ޝިޔާމް ބުންޏެވެ. އޭނާ ބުނީ އާ ކުދިންނާ އެކު މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށެވެ.

" އަސްލު އެއީ ވަރަށް ތަފާތު ކަމެއް. އެބަ ޖެހޭ އާ ކުދިންނަށް ފުރުސަތު ދީ މިދާއިރާގެ ތެރެއަށް އެކުދިން ވެއްދުން. އަބަދު އެއްބަޔަކު މަސައްކަތް ކުރީމަ މީގަ ޗެލެންޖެއް ނީންނާނެ. ތަފާތު ކުދިންނަށް ފުރުސަތުދީގެން ކުރިއަރުވަން ބޭނުންވަނީ،" ޝިޔާމް ބުންޏެވެ.

އަލީ ޝިޔާމާއި ޝިރާނީގެ ލަވައެއް---

ޝިޔާމް ބުނީ، ގިނަ ދުވަސްތަކަކަށް ފަހު އޭނާގެ މަސައްކަތެއް ފެންނަ އިރު ބޭނުންވަނީ ވަރަށް މޮޅު ،ކޮލިޓީ ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ގެނައުމަށް ކަމަށެވެ.

" މިހާ ދުވަސްކޮށްފަ މަސައްކަތެއް ދައްކާއިރު ވާން ވާނީ ވަރަށް ކޮލިޓީ އެއްޗަަކަށް، ބޭނުމެއް ނޫން ހަމަ އެއްޗަކަށް އެއްޗެއް ހަދާލާފައި ދޫކޮށްލާކަށް. ޒަމާނަށް ފެތޭ، ބެލުންތެރިން ގަޔާވާ ކަހަލަ ލަވަތަކެއް ހިމަނައިގެން ވީސީޑީ ތައްޔާރު ކުރަން ބޭނުން ވަނީ،" އޭނާ ބުންޏެވެ.

ރާއްޖޭގެ ތަރިން ހިމަނައިގެން އުފައްދާ ލަވަ ސީޑީގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ޝިޔާމު ދަނީ ތައްޔާރު ވަމުންނެވެ.

comment ކޮމެންޓް