ސްވައިން ފުލޫ އިން ރައްކާތެރިވަމާތޯ..

ސްވައިން ފްލޫ ޖެހިފައިވާ ނަމަ އެހެން މީހުނަށް ބަލި ޖެހުނަ ނުދިނުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ---

ސްވައިން ފުލޫ އަކީ ވައިރަސް އެއްގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. ސްވައިން ފުލޫ ޖެހެނީ އިންފުލުއެންޒާ އޭ ވައިރަސްގެ ވިރާސީ ބަހާ ބަދަލުވެގެން އުފެދިފައިވާ ސްޓްރެއިން ކަމުގައިވާ "ސްވައިން އެޗްވަންއެންވަން" ވައިރަސް ގެ ސަބަބުންނެވެ.

"2009 ވަނަ އަހަރު ފެތުރުނު ސްވައިން ފުލޫ "ޕެންޑެމިކް" ގެ ފަހުން އެޗްވަންއެންވަން ބާވަތުގެ އިންފުލުއެންޒާ އާންމު ކޮށް ފެތުރޭ ފުލޫ (ރޯގާ) އެއްގެ ގޮތުގައި ފެތުރެމުން ދެއެވެ. ކޮންމެ އިންފުލުއެންޒާ ޕެންޑެމިކް އަކަށްފަހު އެޕެންޑެމިކް ގައި ފެތުރުނު ބާވަތުގެ އިންފުލުއެންޒާ ދެން ދައުރުކުރާނީ އާންމުކޮށް ފެތުރޭ ފުލޫ އެއްގެ ގޮތުގައެވެ. މިގޮތުން 2009 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ އެކި ހިސާބުތަކުގައި އެޗްވަންއެންވަން ރޯގާއެއްގެ ގޮތުގައި އެކި މޫސުމުގައި ފެތުރިގެން ގޮސްފައި ވެއެވެ. 2009 ގައި އެޗްވަންއެންވަން އެންމެ ފުރަތަމަ ފެތުރުނު އިރު މިއީ އިންފުލުއެންޒާގެ އާބާވަތެއް ކަމުން ހަލުވިކަމާއެކު ފެތުރިގެން ގޮސް ދުނިޔޭގެ އެކި ހިސާބުތަކަށް ފޯރި އެވެ. އެހެން ނަމަވެސް މިހާރު ގިނަބަޔަކަށް މިބަލި ޖެހި ރަނގަޅުވުމާއެކު، ބަލީގެ ދިފާޢީ ބާރު އުފެދުމާއެކު ބަލި ފެތުރޭ މިންވަރު ކުޑަވާނެއެވެ. އެހެންކަމުން މިހާރު އެޗްވަންއެންވަން އަކީ 2009 ވަނަ ފެތުރުނު ފުލޫ ފަދަ ނުރައްކާތެރި ބައްޔެއް ނޫނެވެ." (އެޗްޕީއޭ)

ސްވައިން ފުލޫ އަށް އެޗްވަންއެންވަން ކިޔަނީ ކީއްވެ؟

އިންފުލުއެންޒާ އޭ ވައިރަސްގެ ތަފާތު ވައްތަރު ނޫނީ ސްޓްރެއިންތައް ހުރެއެވެ. އެގޮތުން މިވައްތަރުތައް ކަނޑައަޅަނީ ވައިރަސްގެ ބޭރު ސަތަހައިގެ ހުންނަ ޕްރޮޓީންތައް ނޫނީ ދެ އެންޓިޖަން އަކަށް ރިއާޔަތްކޮށްގެންނެވެ. ވައިރަސްގެ ސަތަހައިގައި ހިމެނޭ މިބުނި ދެ އެންޓިޖަން އަކީ "ހީމްއެގުލޫޓިނިން" އަދި "ނިއުރަމިނިޑޭސް" އެވެ. އެގޮތުން ސްވައިން ފުލޫ ޖައްސާ ސްޓްރެއިން އަކީ "އެޗްވަންއެންވަން" އެވެ. އަދި ބާޑް ފުލޫ ޖައްސާ ސްޓްރެއިން އަކީ "އެޗްފައިވްއެންވަން" އެވެ.

އިންފުލުއެންޒާ އޭ ވައިރަސްގެ ސަތަހައިގައި ހިމެނޭ މިދެންނެވި ދެ ޕްރޮޓީން އަށް ބަލާއިރު ތަފާތު 16 ވައްތަރެއްގެ ހީމްއެގުލޫޓިނިން ހުންނަ ކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި ނުވަ ވައްތަރެއްގެ ނިއުރަމިނިޑޭސް ހުންނަކަން ފާހަގަ ކުރެވިފައެވެ. އެހެން ކަމުން ސްޓްރެއިން އަށް ނަންދެވިފައިވަނީ މި ހީމްއެގުލޫޓިނިން އަދި ނިއުރަމިނިޑޭސްގެ ނަންބަރާއި ގުޅުވައިގެންނެވެ.

ސްވައިން ފުލޫ ފެތުރެނީ ކިހިނެއް؟

ސްވައިން ފުލޫ ވެސް ފެތުރެނީ އާންމުކޮށްޖެހޭ އަރިދަފުސް ރޯގާއެކޭ އެއްގޮތަށެވެ. އެގޮތުން މިބަލި ފެތުރެނީ ކެއްސައި ކިނބި އަޅައި ހެދުމުގެ ތެރޭގައި އަނގަޔާއި ނޭފަތުން ބޭރުވެގެންދާ ކުޅާއި، އަރިދަފުސް ފަދަ ތަކެތި، ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރީޢާއިން ވާޞިލްވުމުންނާއި، ވައިރަސް އާއި ތަޣައްޔަރުވެފައި ހުރި އެއްޗެއްގައި އަތްލުމަށްފަހު އެއަތްނުދޮވެ، އަނގަޔަށް، ނޭފަތަށް، ނުވަތަ ލޮލުގައި އަތްލުން ފަދަ ކަމެއް ކުރުމުގެ ތެރޭގައެވެ.

ސްވައިން ފުލޫގެ އަލާމާތްތަކަކީ ކޮބާ؟

ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. މިމުއްދަތަށް ކިޔަނީ "އިންކިޔުބޭޝަން ޕީރިއަޑް" އެވެ. އެގޮތުން ސްވައިން ފުލޫ ޖައްސާ ވައިރަސް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 3-1 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. މިމުއްދަތު ބައެއް ފަހަރު 7-1 ދުވަހާއި ދެމެދުގެ މުއްދަތަކަށް ދިގުދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ.

ސްވައިން ފުލޫ ޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންގެ ގައިންގަޔަށް ބަލި އަރަނީ ނޫނީ ބަލި ފަތުރަނީ ބަލީގެ އަލާމާތްތައް ފެނުމުގެ އެއް ދުވަސް ކުރިން ފެށިގެން ގޮސް، އަލާމާތްތައް ފެނުމަށްފަހު 7-5 ދުވަހާއި ދެމެދުގެ މުއްދަތުގައި ހޭދަވާ ދުވަސްތަކުގައެވެ. ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ މީހަކަށް ބަލިޖެހިއްޖެނަމަ ބަލި ފަތުރާ މުއްދަތު ނޫނީ "އިންފެކްޝަސް ޕީރިއަޑް" ދިގުވެގެން ދިއުން އެކަށީގެންވެއެވެ. މިސާލަކަށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނަށް މިމުއްދަތު 10 ދުވަހަށް ދެމިގެންދިއުމަކީ ވެދާނެ ގޮތެކެވެ.

ސްވައިން ފުލޫ އާ ގުޅިގެން ކުރިމަތިވާ އުނދަގޫތަކަކީ އާންމުކޮށް ކުރިމަތިވާ އަރިދަފުސް ރޯގާ އާއި ވަރަށް އެއްގޮތް އުނދަގޫތަކެކެވެ. ސްވައިން ފުލޫ ޖެހުމުން އާންމުކޮށް ފެންނަ އަލާމާތްތަކުގެތެރޭގައި ގަދަޔަށް ހުންއައުން، ނުވަތަ ހުންވައްތަރު ވުން، (38 ޑިގްރީއަށްވުރެ މަތީގައި ހުން ހުރުން)، ހީކެރުވުން، ވަރުބަލިވުން ނޫނީ ވަރުދެރަވުން، ގައިގައި ރިހުން، ބޮލުގައި ރިހުން، ކަރުގައި ރިހުން، ކެއްސުން، އަދި ކާހިތްނުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ޚާއްޞަކޮށް ކުޑަކުދިން ކެއުން ބުއިން މަދުވެ، މާގިނައިން ނިދުމާއި، އާދަޔާ ޚިލާފަށް ރުއިމާއި، މޭނުބައިކޮށް، ބޭރަށް ހިންގައި ހޮޑުލެވުމަކީ ވެދާނެ ގޮތެކެވެ.

ސްވައިން ފުލޫ ޖެހުމުން ކުރިމަތިވާ ނުރައްކަލުގެ ނިޝާންތައް

ސްވައިން ފުލޫ ޖެހުމުން ބޮޑެތި މީހުންގެ ފުށުން ފެނިދާނެ ނުރައްކަލުގެ ނިޝާންތަކުގެ ތެރޭގައި ނޭވާލާން އުނދަގޫވުން ނުވަތަ ނޭވާކުރުވުން، މޭމައްޗާއި ބަނޑަށް ތަދުވުން ނުވަތަ ވާންވުން، ކުއްލިއަކަށް އަނބުރައިގަތުން، އަދި ހާސްވެ ވާނުވާ ނޭނގުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުޑަކުދިންގެ ފަރާތުން ފެނިދާނެ ނުރައްކަލުގެ ނިޝާންތަކުގެ ތެރޭގައި މާއަވަސް އަވަހަށް ނޭވާލުން، ނުވަތަ ނޭވާލާން އުނދަގޫވުން، ހަމުގެ ކުލަ އަޅި ނޫކުލައަކަށް ބަދަލުވުން، އެކަށީގެންވާ މިންވަރަށް ދިޔާތަކެތި ނުބުއިން، ނިދިބުރަވުން ނުވަތަ ހިމޭނުން އޮތުން، އަރިދަފުސް ރޯގާގެ އުނދަގޫތައް ރަނގަޅުވެފައި، އަލުން ހުންއައުމާއެކު އިހުނަށްވުރެ ބޮޑަށް ކެއްސުމާއެކު އުނދަގޫތައް އެނބުރިއައުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި ބައެއް ފަހަރު މޭގައި އަރިދަފުސް ހިފައި، ހަސްފަތާލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހިދާނެ އެވެ. މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ ތެރެއިން ކަމެއް ބަލިމީހާގެ ފުށުން ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ހޮސްޕިޓަލަކަށް ދުރުވެ، ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ސްވައިން ފުލޫ ޖެހި ރަނގަޅުނުވެ ދިގުލައިދިއުމަކީ އެކަމުގެ ސަބަބުން ތަފާތު އެހެން މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން ފުއްޕާމޭގައި ޖަރާސީމު ހަރުލައި ނިއުމޯނިޔާ އަށް ބަދަލުވުން، ކަންފަތުގައި އަރިދަފުސް އެޅުން ނުވަތަ ޖަރާސީމުއެޅުން، ހަށިގަނޑުގައި ފެނާއި ލޮނުގެ މިންވަރު ދަށްވުން، އަދި ނޭވާހިއްލުން، ހިތުގެ މައްސަލަ ހުންނަ މީހުންނަށް އެބަލީގެ އުނދަގޫތައް އިތުރަށް ގޯސްވެގެން ދިއުން ފަދަ ކަންތައްތައް ހިމެނެއެވެ.

ސްވައިން ފުލޫ ޖެހުމާއި، ބަލީގައި ދިގުލައި ދިއުމުގެ ފުރުޞަތު ބޮޑު ފަރާތްތައް

ސްވައިން ފުލޫ ޖެހުމާއި، އަދި ބަލިޖެހުމަށްފަހު ރަނގަޅުނުވެ ބަލީގައި ދިގުލައި ދިއުމުގެ ފުރުޞަތު ބައެއް ފަރާތްތަކަށް ބޮޑުވެއެވެ. އެގޮތުން ޚާއްޞަ ސަމާލުކަންދޭންޖެހޭ ފަރާތްތަކުގެ ތެރޭގައި ކުޑަކުދިންނާއި (ޚާއްޞަކޮށް ފަސް އަހަރުން ދަށުގެ ކުޑަކުދިން)، އުމުރުން ދުވަސްވީމީހުން ޚާއްޞަކޮށް އުމުރުން 65 އަހަރުން މަތީގެ ބޭފުޅުން، މާބަނޑު މީހުން، ބޮޑެތި ބަލިތަކަށް ގަވާޢިދުން ބޭސް ބޭނުންކުރަމުން ގެންދާ މީހުންނާއި، ދިމާވެފައިވާ ޞިއްޙީ ޙާލަތަކާއި ގުޅިގެން ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ މީހުން ހިމެނެއެވެ.

ފަރުވާ

ސްވައިން ފުލޫއަށް ޚާއްޞަ ވަކި ފަރުވާ އެއް ނޯވެއެވެ. އަރިދަފުސް ރޯގާ ފަދަ ނޭވާލާ ނިޒާމަށްޖެހޭ ވައިރަލް ރޯގާތަކެކޭ އެއްފަދައިން ސްވައިން ފުލޫ ޖެހުމުން ވެސް ދެވޭ ފަރުވާ އަކީ ކުރިމަތިވާ އުނދަގޫތައް ކުޑަކޮށް، ލުއިކުރުމަށް ދެވޭ ފަރުވާ އެކެވެ. އެހެންކަމުން އެމީހަކަށް ކުރިމަތިވެފައިވާ އަލާމާތްތައް ނޫނީ ބައްޔާއި ގުޅިގެން ކުރިމަތިވެފައިވާ އުދަނގޫތަކަށް ބަރޯސާކޮށް ޑޮކްޓަރުން ލިޔެދެއްވާ ބޭސްފަރުވާ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ފަރުވާގައި ބޮޑަށް އިރުޝާދު ދެވެނީ އުނދަގޫތައް ކުޑަކޮށް ލުއިކުރުމަށް ދީފައިވާ ޕެނަޑޯލް ފަދަ ބޭސްތައް ގަވާއިދުން ބޭނުންކުރުމާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، އަރާމުކުރުން ފަދަ ކަންތައްތަކުގެ މުހިއްމު ކަމުގެ މައްޗަށެވެ. ބަލިމީހާގެ ހާލަތަށް ރިޢާޔަތްކޮށް ބައެއް ފަހަރު އޮސެލްޓެމިވިރް، ޒެނަމިވިރް ފަދަ އެންޓިވައިރަލް ބޭހެއް ބޭނުންކުރަން ޖެހިދާނެ އެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް

ސްވައިން ފުލޫ ގެ ސަބަބުން ހުމާއި ރޯގާޖެހިއްޖެނަމަ ގޭގައި ކުރެވިދާނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. އެގޮތުން އެންމެ މުހިއްމު އެއްކަމަކީ ވީހާ ވެސް ގިނައިން ދިޔާތަކެތި ބޭނުންކުރުމެވެ. މިސާލަކަށް ކުޑަކޮށް ހޫނުކޮށް ހުންނަ ކަޅު ސައި، ލުނބޯ ފަނި، ލުނބޯ ނޫނީ އިނގުރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ބުއިންތަކާއި، ކުރުނބާ ފެން ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ. ބަލިވުމުން ގިނައިން އަރާމުކޮށް ހެދުމަކީ ވެސް ބަލި ފަސޭހަވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހުން ގަދަވުމުން ހުން ތިރިކުރުމަށް ކަނޑައެޅިފައިވާ ވަގުތަށް ބޭސް (ޕެނަޑޯލް) ބޭނުންކުރުމުގެ އިތުރުން ގައިގައި ފެން ހޭކުމަކީ ވެސް މުހިއްމު ކަމެކެވެ. ހުން ތިރިކުރުމަށް ޕެނަޑޯލް ފިޔަވައި އެހެނިހެން ބޭސްތައް މިސާލަކަށް ތަދުކަނޑުވަން ތައްޔާރުކޮށްފައި ހުންނަ ބޭސްތައް ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ރައްކާތެރިވުން

ސްވައިން ފުލޫ އިން ރައްކާތެރިވުމަށް ވެކްސިން ވެސް ތައްޔާރުކޮށްފައި ހުރެއެވެ. މީގެ އިތުރުން ސްވައިން ފުލޫއިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެވެ.

(1) ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން: އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި، ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ބޭނުންކުރަން ބޮޑަށް ރަނގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ. އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ ކެއްސައި ކިނބިހިއަޅާއިރު މުލައްދަނޑި އަނގަޔާއި ނޭފަތާ ދިމާލަށް ހުރަސް ކޮށްލެވިދާނެ އެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް އަތް ބޭނުންކޮށްފިނަމަ ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ. އެއީ ވައިރަސް އާއި ތަޣައްޔަރުވެފައިވާ އަތުން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށް ޓަކައެވެ.

(2) ދެއަތްތިލަދޮވެ ސާފުކޮށް ބެހެއްޓުން: ސައިބޯންޏާއި ފެން ނުވަތަ އެނޫނަސް އެންޓި ސެޕްޓިކް ލިކުއިޑެއް ބޭނުންކޮށްގެން އަތްދޮވެ ހެދުމަކީ އަތުގައި ހަރުލައި ތަތްވެފައި ހުންނަ ލޮލަށް ނުފެންނަ ކުދިކުދި ޖަރާސީމުތައް ނެތިކޮށްލާނެ ކަމެކެވެ. އަތަށް ފެންފޮދެއް އަޅައިލުމުން އަތްދޮވެވުނީ ކަމަށް ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެންމެ މަދުވެގެން 20 ސިކުންތު ވަންދެން ފެންއަޅައި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮންނަށް ވާނެއެވެ. އަތް ދޮންނައިރު އަތުގެ ހުރިހާ ހިސާބުތަކެއް ރަނގަޅަށް ދޮވެ ސާފުވާނެހެން އަމަލުކުރުން މުހިއްމެވެ.

(3) ލޯ، އަނގަ، ނޭފަތް ފަދަ ތަންތަނަށް އަތްނުލުން: އާންމު ގޮތެއްގައި ތަފާތު ޖަރާސީމުތައް ހަށިގަނޑަށް ވާޞިލްވަނީ ޖަރާސީމާއި ތަޣައްޔަރުވެފައިވާ އެއްޗެއްގައި އަތްލުމަށްފަހު، އަތްނުދޮވެ، އެއަތް ނޭފަތް ނުވަތަ ލޯ ނުވަތަ އަނގަޔަށް ލުމުންނެވެ. އެހެންކަމުން އަތްނުދޮވެ މިފަދަ ހިސާބުތަކުގައި، އަތްލުމުން ވީވަރަކުން ދުރުހެލިވާން ޖެހެއެވެ.

(4) ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން: ބަލިޖެހިފައިވާ ކުދިންނާއި، މީހުން ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމު ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. ބަލިމީހުންނާއެކު ގިނަ ވަގުތު ހޭދަކުރުމަކީ އެމީހަކަށް ބައްޔަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ. ބަލިމީހުންނަށް ގޮވާލަންދާއިރު ކުޑަކުދިންނާއި ދުވަސްވީމީހުން އަދި މާބަނޑު މީހުން ފަދަ ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވާފަދަ ހާލަތެއްގައި ތިބި ފަރާތްތައް ގޮސް ހެދުމަކީ ރަނގަޅު ކަމެއް ނޫނެވެ.

(5) ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭ ތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް ބަލި ރަނގަޅުވެ ފަސޭހަވަންދެން އޮފީހަށް ނޫނީ ސުކޫލަށް ނުގޮސް ގޭގައި މަޑުކޮށްލުން ރަނގަޅެވެ.

(6) ޞިއްޙީ ރަގަޅު އެހެނިހެން އާދަތައް ހިފެހެއްޓުން: މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރުން، ކަސްރަތުކުރުން، ނިދިހަމަކުރުން، ހާސްކަމާއި ފިކުރުތަކާއި ދުރުހެލިވުން، މަގުމައްޗަށް ކުޅުނުޖެހުން، ފައިދާހުރި ކާނާ ބޭނުންކުރުން ގިނައިން ދިޔާތަކެތި ބުއިން ފަދަ ކަންތައްތަކަކީ ތަފާތު ރޯގާތަކުން މީހާ ދުރުކޮށްދޭނޭ ކަންކަމެވެ.

comment ކޮމެންޓް