އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަނގްލަދޭޝް ޗެމްޕިއަން ދާކާ އަބަހާނީއާ ދެކޮޅަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ނުކުންނާނީ މޮޅެއް ހޯދުމަށް ކަމަށާއި އިތުރު ނަތީޖާއެއް ހޯދަން ނޫން ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ބުނެފިއެވެ.
މާދަމާ ކުޅޭ މެޗުގެ ކުރިން ބަނގްލަދޭޝްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަސައްކޮ ބުނީ، މެޗުގެ ކުރިން ދެ ޓީމުގެ ފެންވަރު އަޅާ ނުކިޔޭނެ ކަމަށާއި މާޒިޔާ އާއި އަބަހާނީއަކީ އެއް ފެންވަރުގެ ދެ ޓީމު ކަމަށެވެ.
"ގައުމީ ޓީމުގެ މެޗުތަކާއި މާޒިޔާގެ މެޗުތައް މުޅިން ތަފާތު. ދެ ޓީމަކީ ވެސް އެއް ފެންވަރެއްގެ ދެ ޓީމު. މެޗުގެ ކުރިން ދެޓީމުގެ ފެންވަރު އަޅައެއް ނުކިޔާނެ. އަޅުގަނޑުމެން މެޗަށް ނުކުންނާނީ މޮޅެއް ހޯދުމަށް، އެހެން ނަތީޖާއެއް ނެރޭކަށް ނޫން،" އޭނާ ބުންޏެވެ.
އަސައްކޮ ބުނީ، ގްރޫޕްގައި ހިމެނޭ ކޮންމެ ޓީމަކީ ވެސް ވަރަށް ވަރުގަދަ ޓީމުތައް ކަމަށާއި ގްރޫޕް ސްޓޭޖުގައި އެއްވެސް މެޗެއްް ފަސޭހައެއް ނުވާނެ ކަމަށެވެ. އަދި ކޮންމެ ޓީމަކީ ފެންވަރުގެ ގޮތުން ދާދި އެއްވަރުގެ ޓީމުތައް ކަމަށް ވެސް އޭނާ ބުންޏެވެ.
އޭއެފްސީ ކަޕްގައި މާޒިޔާ މިފަހަރު އޮތީ ބަނގްލަދޭޝްގެ ޗެމްޕިއަން ދާކާ އަބަހާނީއާއި، އިންޑިއާ ޗެމްޕިއަން ބެންގަލޫރު އެފްސީ އަދި އެގައުމުގެ ރަނަރަޕް މޯހަން ބަގާންއާއެކު 'ގްރޫޕް އީ'ގައެވެ. އޭގެ ތެރެއިން ބެންގަލޫރު އެފްސީއަކީ އިންޑިއާގެ ޗެމްޕިއަނުންގެ އިތުރުން އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ރަނަރަޕެވެ.
ބަންގަބަންދު ނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ 'ގްރޫޕް އީ'ގެ މެޗުގައި ދާކާ އަބަހާނީއާ ދެކޮޅަށް މާޒިޔާ ނުކުންނާނީ މާދަމާ ރާއްޖެގަޑިން ހަވީރު 5:10 ގައެވެ.