ސިނގިރޭޓް އެތެރެކުރި މިންވަރު މަތިވެ އިމްޕޯޓް ޑިއުޓީގެ އާމްދަނީ 94 ޕަސެންޓް އިތުރުވެއްޖެ

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ: --- ސަން ފައިލް ފޮޓޯ

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 94 ޕަސެންޓް އިތުރުވެއްޖެއެވެ.

މިދިޔަ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ކަސްޓަމަށް 333 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބިފައިވަނީ 171 މިލިއަން ރުފިޔާއެވެ. އެއީ 94 ޕަސެންޓް އިތުރު އަދަދެކެވެ.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އަދަދު މިދިޔަމަހު އިތުރުވެފައިވަނީ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު އިސްލާހާގުޅިގެން މިދިޔަ ފެބުރުއަރީ މަހު ގިނަ އަަދަދަކަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކުރުމާ ގުޅިގެންނެވެ.

ތަފާސް ހިސާބްތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 2.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިދިޔަ މަހުވަނީ 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ 29 ޕަސެންޓް އިތުރު އަދަދެކެވެ.

ފާއިތުވި ފެބްރުއަރީމަހު ރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 12 އިންސައްތަ މަތިވެފައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 334 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މިދިޔަ މަހު އެއަދަދު ވަނީ 373 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެގޮތުން ރާއްޖެއިން ބޭރުކޮށްފައިވާ މަހުގެ ބާވަތްތައް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅައިބަލާއިރު 45 ޕަސެންޓް އިތުރުވެފައެވެ.

comment ކޮމެންޓް