ބްރިޖް މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެއަށް ކަރަންޓު ފޯރުކޮށްދޭ ނެޓްވޯކް އަޅައިދޭނެ ބަޔަކު ހޯދަނީ

ބްރިޖް، ޗައިނަ މޯލްޑިވްސް ފްރެންޟިޕް ބްރިޖް

މާލެ، ހުޅުލެ، އަދި ހުޅުމާލެއަށް އެއް ވިއުގައަކުން ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި އަޅާ ޕަވަރ އިންޓާކަނެކްޝަން ނެޓްވޯކް ޤާއިމުކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެމަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުންނެވެ.

އެ މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކަކީ އެފަދަ މަސައްކަތް ކުރެވޭ ފެންވަރުގެ މާލީ ގާބިލުކަން ލިބިފައިވާ ކުންފުންޏަކަށް ވެފައި، އެ ނެޓްވޯކަކީ މާލެ، ހުޅުމާލެ، ހުޅުލޭގައި ޤާއިމުކުރެވިފައިވާ ކަރަންޓު ވިއުގަ ބޭނުންކޮށްގެން، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިގެންވާ ނެޓްވޯކަކަށް ވާން ޖެހޭ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޝައުގުވެރިކަން ފުޅާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅަން ޖެހޭނީ ޕޯސްޓު ނުވަތަ އީމެއިލް މެދުވެރިކޮށް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މާލެއާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ދޭތެރެ ދޭތެރެއިން ދިމާވާ ކަރަންޓުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް