"އިލް ނޮއިސް"ގެ ޓިކެޓަށް ލިބޭ ތަރުހީބު ވަރަށް ބޮޑު!

"އިލް ނޮއިސް" ގެ ފޯސްޓަރެއްގައި މުންކޮ---

މިމަހުގެ 23 ވަނަ ދުވަހު ޝްވެކް ސިނަމާގައި ރިލީޒް ކުރަން ނިންމާފައިވާ ތިއޭޓަ މިރާޖާއި އޯކޭޒް އިންކްގެ ފިލްމް "އިލް ނޮއިސް" ގެ ޓިކެޓް މިދިޔަ ހޯމަ ދުވަހު ވިއްކަން ފަށާފައިވައިރު ޓިކެޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ފިލްމުގެ ޓީމުން ބުނެފިއެވެ.

'ސަން' އާ ވާހަކަ ދައްކަމުން ފިލްމުގެ މާކެޓިން ކަންތައްތަކާ ހަވާލުވެ ހުންނަ ރޭޝަން ޝަރީފް ބުނީ، ގިނަ ޝޯ ތަކެއްގެ ޓިކެޓް ފުލް ވަމުން ދާ ކަމަށެވެ.

"މިހާރުވެސް ހަތަރު ވަރަކަށް ޝޯ ފުލްވެއްޖެ. ވަރަށް ތަރުހީބު ބޮޑުކޮށް އުޅެނީ. ގިނަ ބަޔަކު ދަނީ ފޯރީގައި ޓިކެޓް ގަންނަމުން،" ރޭޝަން ބުންޏެވެ.

އަހުމަދު މައުރޫފް ޖަމީލުގެ ސްކްރީންޕްލޭ އަކަަށް އިސްމާއީލް ނިހާދު ޑައިރެކްޓް ކޮށްފައިވާ "އިލް ނޮއިސް" ގެ ޝޯތައް ދެއްކުމަށް ޝެޑިއުލް ކޮށްފައިވަނީ މިމަހުގެ 23 އިން 30 ގެ ނިޔަަލަށެވެ. ރޭޝަން ބުނީ، ބެލުންތެރިންގެ ތަރުހީބު ލިބޭވަރަކުން ޝޯތައް އިތރު ކުރާނެ ކަމަށެވެ.

"އިލް ނޮއިސް" ގެ ފޯސްޓަރެއް---

"އަދި އޮތީ މިހަހުގެ 30 އާ ހަމައަށް ދައްކާ ގޮތަށް. ކޮންމެ ދުވަހަކު ދެ ޝޯ ދައްކާނެ. ބެލުންތެރިންގެ ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރު ކުރާނަން،" ރޭޝަން ބުންޏެވެ.

އިނގިރޭސި ބަހުން ގިނަ ޑައިލޮގްތައް ހިމެނޭ ގޮތައް ހަދާފައިވާ "އިލް ނޮއިސް" ރާއްޖޭން ބޭރުގައި އަޅުވަން ވަނީ ނިންމާފައެވެ. އެގޮތުން އަވަށްޓެރި ސްރީ ލަންކާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާންގައި ފިލްމް އަޅުވަން މިހާރު ވަނީ ހަމަޖެހިފަ އެވެ.

"ރާއްޖޭން ބޭރުގައި ފިލްމު ދައްކާނެ ތާރީޚެއް އަދި ކަނޑަ ނާޅަން. މާލޭ ޝޯތައް ނިންމާފަ ބޭރުގަ ދައްކަން ފަށާނީ،" ރޭޝަން ބުންޏެވެ.

އޭނާ ބުނީ، ފިލްމަކީ ވަރަށް ކޮލިޓީ، މޮޅު ދިވެހި އުފެއްދުމެއް ކަމަށާއި އެ ފިލްމު ބަލާލުން ވަރަށް މުހިއްމު ކަމަށެވެ.

"އިލް ނޮއިސް" ގެ ޓްރެއިލާ.

އެއް ގަޑި އިރާއި 45 މިނިޓުގެ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މުހައްމަދު މުންތަސިރު (މުންކޮ) އާއި އަހުމަދު އަލަމް ގެ އިތުރުން ޝަމްއަތު އިބްރާހީމެވެ. މިއީ މުންކޮގެ ފުރަތަމަ ފީޗާ ފިލްމެވެ.

މުންކޮގެ މޮޅު ހުނަރު ދައްކާފައިވާ އެ ފިލްމު ބަލާލަން ކޮންމެ މީހަކުވެސް ބަލާލަން ދިޔުން މުހިއްމު ކަމަށް ފިލްމުގެ ޓީމުން ބުނާއިރު އެ ފިލްމު ވެގެންދާނީ މިއަހަރު ރިލީޒްކުރާ ތިން ވަނަ ފިލްމަށެވެ.

comment ކޮމެންޓް