މާލޭ ލީގުން 4 ޕޮއިންޓް ހޯދުމަށްފަހު ސޮބާ ބާސެލޯނާއަށް!

ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ): އޭނާ ވަނީ އިތުރު ތަމްރީނު ހޯދުމަށް ބާސެލޯނާއަށް ފުރާފައި -ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޗިން ދާއިރާގައި އިތުރު ތަމްރީންތައް ފުރިހަމަ ކުރުމަށް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބާސެލޯނައަށް މިއަދު ފުރައިފިއެވެ.

މިއަދު ހެނދުނު ސޮބާ ފުރާފައިވަނީ ބާސެލޯނާގެ ޓޯވޯ އެކަޑަމީގައި ތަމްރީންތަކެއް ފުރިހަަމަ ކުރުމަށެވެ.

ސޮބާ ނިސްބަތްވާ ކްލަބް ގްރީން ސްޓްރީޓުން ބުނީ، އެ ޓީމުގެ ހެޑް ކޯޗް ސޮބާއަށް ބާސެލޯނާގެ ޓޯވޯ އެކަޑަމީގައި ތަމްރީން ތަކެއް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިފައިވާކަމަށާއި އެ ތަމްރީންތަކަށް ދާނެ ހަރަދު ދިނުމަށް ހަމަޖެހިފައިވަނީ އެ ކުލަބުން ކަަމަށެވެ.

ގްރީން ސްޓްރީޓުން ބުނީ، މި ފަދަ ތަމްރީނު ޕްރޮގްރާމެއްގެ ސަބަބުން ސޮބާއަށް އިތުރު ތަޖްރިބާ ލިބި އޭނާގެ ފެނަވރު ރަނަގަޅުވެ އެކަމުގެ އެދެވޭ އަސަރު އެޓީމުގެ ކުޅުންތެރިންނަށް ކުރާނެކަމަށެވެ.

ޓޯވޯ އެކަޑަމީގައި ސޮބާ ފުރިހަމަކުރުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމަކީ، އެކެޑަމިކް އެގްޒެމިނޭޝަނަކާއި، އެކަޑަމީގެ ޓީޗިންތަކާއި ޕްރެކްޓިކަލް ސެޝަންތަކާއެކު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

"މި ކުލަބުން މަސައްކަތް ކުރާނަން ކުރިއަށް އޮތް ތަނުގައި ޓޯވޯ އެކަޑަމީއާ ގުޅުން ބަދަހިކޮށް އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތް ކުރުމަށް،" ގްރީން ސްޓްރީޓުން މައުލޫމާތު ދެއެވެ.

ކޯޗިންގ ދާއިރާގައި އިތުރު ތަޖްރިބާއާ ތަމްރީނު ހާސިލްކުރުމަށް ލިބުނު ފުރުސަތާ ގުޅޭ ގޮތުން ސޮބާ ''ސަން ސްޕޯޓްސް''އަށް ބުނީ، ކުލަބުން މިފަދަ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދިނީތީ ވަރަށް ބޮޑަށް އުފާ ކުރަކަމަށެވެ.

" މިއީ އަދި ފެށުމެއް ކުރިއަށް އޮތީ. އިރާދަކުރެއްވިއްޔާ އަދިވެސް މިފަދަ ފުރުޞަތު ތައް ހޯދަން މަސައްކަތް ކުރާނަން،" ސޮބާ ބުންޏެވެ.

ސްޕެއިންގެ ބާސެލޯނާގައި ހުންނަ ޓޯވޯ އެކަޑަމީއަކީ، ޒުވާން ކުޅުންތެރީންނާއި، ކޯޗުންނާއި، އެނޫންވެސް ފުޓްބޯޅައިގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން ޓީމުތައްވެސް ތަރަށްގީކުރުމަށް އެހީތެރިވެދޭ، ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވާ އެކަޑަމީއެކެވެ.

ޓޯވޯގެ ތަމްރީނުތައް ބިނާކޮށްފައި ވަނީ، ނެދަލޭންޑްސްގެ ފުޓްބޯޅަ ލެޖެންޑް ޔޯހާން ކްރައިފް އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ބޭނުންކުރި "ޓޯޓަލް ފުޓްބޯލް"ގެ މައްޗަށެވެ.

ގްރީން ސްޓްރީޓުން ބުނީ، އެކްލަބުން ކުރިއަށް އޮތްތާނގައި، ޓޯވޯ އެކަޑަމީއާއެކު އިތުރަށް ގުޅުން ބަދަހިކޮށް، އެ އެކަޑަމީގެ ކޯޗުންނާއި ތަޖްރިބާކާރުން ރާއްޖެ ގެނެސް ކްލަބުގެ ތަމްރީންތަކުގައި ބައިވެރިކޮށް ކުޅުންތެރީންނަށް އެހީތެރިވެދިނުމުގެ އިތުރުން އެ ކްލަބުގެ އެކަޑަމީއަށް ވެސް ޓޯވޯގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް