އެމްޕީ އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކުރާން ނިންމައިފި

ހުސައިން އަރީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފް އެ ޕާޓީން ވަކިކުރާން ނިންމައިފިއެވެ.

އެމްޕީ އަރީފް އެމްޑީއޭގެ މެންބަރުކަމުން ވަކިކުރުމަށް ނިންމީ، މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއްގައެވެ.

އެމްޑީޕީ މެންބަރެއްގެ ގޮތުގައި މީގެ ކުރީން ހދ. ނޮޅިވަރަން ކައުންސިލަރުކަން ކުރެއްވި އަރީފް، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އޭނާ ވަނީ އޭގެ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެން އޭގެ ފަހުން އެމްޑީއޭއާ ގުޅިވަޑައިގެންފައެވެ.

މީގެ ގާތްގަނޑަކަށް ހަތް މަސްދުވަސް ކުރީން، މަޖިލީހުން ފާސްކުރި ''އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލާ'' ދެކޮޅަށް ވޯޓުދެއްވި އަރީފް ވަނީ، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ކަމަށްވާ ޕީޕީއެމްގެ ތެރޭގައި އުފެދުނު ދެ ފެކްޝަންގެ ތެރޭން، އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ތާއީދުކުރައްވާ މެންބަރުންތަކަކާ ގުޅިވަޑައިގެން މައްސަކަތްކުރައްވަން ފައްޓަވައިފައެވެ.

މި ސަރުކާރު ފެށުނީއްސުރެން މިހާތަނާ ޖެހެންދެން ޕީޕީއެމްއާ އެކު މަސައްކަތްކުރަމުން ދާ ހަމަ އެކަނި ޕާޓީ ކަމަށްވާ އެމްޑީއޭގެ މެންބަރެއްގެ ގޮތުގައި ހުންނެވި، މެންބަރު އަރީފް މި ފަހަކަށް އައިސް ފެނިގެން ދަނީ، ސަރުކާރުން ހިންގާ އެކިއެކި ކަންކަމަށް ވަރަށް ބޮޑަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

އެމްޑީއޭއިން ބުނީ، ހުސައިން އަރީފް އެ ޕާޓީން ވަކިކުރާން ނިންމީ، އެމްޑީއޭގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގެ ޅ، އަދި ކ އާއި 18 ވަނަ މާއްދާގައި ބަޔާންކުރާ ބައެއް ހަމަތަކާ އޭނާ ޚިލާފުވެފައިވާތީ ކަމަށެވެ.

އެމްޑީއޭގެ އަސާސީ ގަވާއިދުގެ ބައެއް މާއްދާތައް:

  • 33 ވަނަ މާއްދާގެ ޅ: ޕާލިމަންޓްރީ ކައުންސިލްގެ މަސްއޫލިއްޔަތަކީ ރައްޔިރުންގެ މަޖިލީހުގައި ޕާޓީ ތަމްސީލުކުރުމާއި، ޕާޓީގެ ޚިޔާލު ފާޅުކުރުމާއި، ޕާޓީގެ ސިޔާސަތުތައް ދިފާޢުކޮށް އެ ސިޔާސަތުތައް ކުރިއަރުވައި، އަދި ވޯޓު ދިނުމުގައި ޕާޓީގެ ސިޔާސަތުތަކަށް ތަބާވުމެވެ.
  • 33 ވަނަ މާއްދާގެ ކ: ޕާލިމަންޓްރީ ކައުންސިލްގެ މެންބަރުން ރައްޔިތުންގެ ރައްޔިރުންގެ މަޖިލީހުގައި ޕާޓީ ތަމްސީލުކުރުމާއި، ޕާޓީގެ ޚިޔާލު ފާޅުކުރުމާއި، ޕާޓީގެ ސިޔާސަތުތައް ދިފާޢުކޮށް އެ ސިޔާސަތުތައް ކުރިއަރުވައި، އަދި ވޯޓު ދިނުމުގައި ޕާޓީގެ ވިޕްލައިނަށް ތަބާވާން ވާނެއެވެ.

އެމްޑީއޭއިން ބުނީ، އެ ޕާޓީގެ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ ބައެއް ހަމަތާކާ މެންބަރު ހުސައިން އަރީފް ތަކުރާރުކޮށް ޚިލާފުވެފައިވާކަން، ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ސަރީޚަކޮށް ސާބިތު ވާތީ، އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގެ "ހ"ގައި ބަޔާންކުރާ "ގާނޫނީގޮތުން މެންބަރެއްގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުތުތަކުގެ ތެރޭން ޝަރުތެއް އުނިވުން" މި މާއްދާގެ ދަށުން މެންބަރު ހުސައިން އަރީފް އެމްޑީއޭއިން ވަކިކުރާން ނިންމީ ކަމަށެވެ.

"ހދ. ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް ޙުސައިން އަރީފް އެމްޑީއޭގެ މެންބަރުކަމުން ވަކިކުރާން ޖެހޭކަމަށް ކަނޑައަޅައި، މި ކޮމިޓީން އަލްފާޟިލް ޙުސައިން އަރީފް ހދ. ނޮޅިވަރަމް / ދިވެހި، 9 މާރިޗް 2017 ވަނަ ދުވަހުގެ 16:53 ގައި ވަނީ އެމްޑީއޭގެ މެންބަރުކަމުން ވަކިކުރައްވާފައެވެ." އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ވެއެވެ.

comment ކޮމެންޓް