18 މެޑައްޔާ އެކު ރާއްޖޭގެ ކަރާޓޭ ޓީމު މާލެ އަތުވެއްޖެ

ގިމަހާ ސައުތްއޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕްގެ ތެރެއިން- ރާއްޖެވަނީ މި މުބާރަތުގެ ދެވަނަ ހޯދާފައި--ފޮޓޯ/ ޒިދާން

ސްރީ ލަންކާގެ ކުރުނެގަލާ ޑިސްޓްރިކްޓްގެ ކުލިޔަޕިޓިޔާގައި މި މަހު 4 ވަނަ ދުވަހު ކުރިއަށްދިޔަ ގިމަހާ ސައުތު އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް އަދި 41 ވަނަ ކަރާޓޭ ކުމިތޭ ޗެމްޕިއަންޝިޕްގައި ދިވެހި ގައުމަށް ރީތި ނަންހޯދައިދިން އެތްލީޓޫން ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު ހެނދުނު ޓީމު ރާއްޖެ އައި އިރު އެ ޓީމުން ވަނީ ނުވަ ރަން މެޑެއްޔާއި އަށް ރިހި މެޑަލް އަދި އެއް ރަންވަންލޯ މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ މިމުބާރާތުގެ ދެ ވަނަ ވެސް ހޯދައިފަ އެވެ. އެއްވަނަ ސްރީލަންކާއަށް ލިބުނު އިރު ތިން ވަނަ ލިބުނީ އިންޑިއާ އަށެވެ.

މިއީ މިފަދަ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ ކަރާޓޭ ޓީމެއް ބައިވެރިވި ފުރަތަމަ ފަހަރެވެ. ކަރާޓޭގައި މި ސަރަހައްދުގެ ވަރުގަދަ ބާރުތައް ކަމަށްވާ އިންޑިއާ އަދި ލަންކާ އެތްލީޓުން އަތުން ވެސް ދިވެހިޓީމު ވަނީ ކާމިޔާބީ ހޯދާފަ އެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލްކޮށްފައި ވަނީ ޝިތޮކޮން ކަރާޓޭ އެސޯސިއޭޝަނުންނެވެ.

ރާއްޖޭގެ އެތުލީޓުންގެ ތެރެއިން ރަން މެޑަލް ހޯދާފައި ވަނީ އަލީ ފާރިޝް، އަހްމަދު މަހުދީ، އަހްމަދު ފަޒީލް، އިބްރާހީމް ޒުހައިރު، ޝާހިސް އަހްމަދު ވަހީދު، ހުސައިން ޒާހިރު، މުހައްމަދު ޒިދާން، އަދި އަޝްފާޤް އުޘްމާނެވެ. ރާއްޖޭގެ އަންހެން އެތުލީޓަކު ވެސް ވަނީ މި މުބާރާތުގައި ރަން މެޑަލް ހޯދާފަ އެވެ. ރަންމެޑަލް ހޯދި އަންހެން އެތުލީޓަކީ އައިޝަތު ތާނީ އެވެ.

comment ކޮމެންޓް