މީރާއިން ކަނބަލުންނަށް މަރުހަބާކީ ރަތްދޫލާގައި، ފިނިފެންމަލުން!

މީރާގެ އަންހެން ކަނބަލުންނަށް މިއަދު މަރުހަބާ ކިޔަނީ-- ފޮޓޯ: މީރާ

އިންލެންޑް ރެވެނިއު އޮޓޯރިޓީ(މީރާ)ގެ ކަނބަލުން މިއަދު އޮފީހަށް ދިޔައިރު ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި އެއޮތޯރިޓީގެ އިސް ވެރިން ފެށިގެން ހުރިހާ ފިރިހެން މުވައްޒިފުން ތިބީ ފިނިފެންމާ ހިފައިގެން މަރުހަބާ ކިޔަން ނުކުމެވެ އެވެ. އެއޮތޯރިޓީގެ އަންހެން ކަނބަލުންނަށް މިއަދު މަރުހަބާކީ ރަތް ދޫލައިންނެވެ.

އެކަނބަލުން މިއަދު އޮފީހަށް ދިޔައިރު އެކަން އެގޮތަށް ރޭވިފައިވާކަން އެނގިފައެއްނެތެވެ. ހަމައެކަނި އަންގާފައި އޮތީ އަންހެނުންގެ ދުވަސްވީމާ ގައުމީ ހެދުމުގައި އޮފީހަށް އައުމަށެވެ.

މީރާގައި 274 މުވައްޒަފުން މަސައްކަތްކުރާ އިރު އޭގެތެރެއިން 137 މުވައްޒަފުންނަކީ ކަނބަލުންނެވެ.

"ވަރަށް ސަޕްރައިޒް، ހީނުކުރަން، އަޅުގަނޑު ހީކުރީ އޮސްކާ އެވޯޑެއް ލިބިގެން ވަދެވޭހެން، މި ސަޕްރައިޒް އަންއެކްސެޕްޓެޑް، ހީވީ ހަމަ އެވޯޑެއް ލިބުނުހެން، މީހާ ތުރުތުރުއެޅި" މީރާގެ އެޗްއާރްގެ ޑެޕިއުޓީ މެނޭޖާ އައިޝަތު ނަޝްފާ އެމަރުހަބާ ސިފަކުރަމުން ވިދާޅުވި އެވެ.

މީރާ އިން އަންހެނުން ބަލައިގަންނަކަމާއި އަންހެން ކުދިންއަކީ ކުރިއަރައި ދެވޭނެ ބައެއްކަން ޔަގީން ކުރެވުނު ކަމަށް އެކަނބަލުން ފާހަގަކުރި އެވެ.

"ވަރަށް އުފާވި އަންހެނުންގެ ދުވަހު މުއައްސަސާގެ ފަރާތުން އަންހެނުންނަށް ގަދަކުރާކުރާކަން އަދި އަންހެނުން މަސައްކަތް ބަލައިގަންނަކަން އެނގިގެން ދިއުމުން،" އޮފިސާ ޓުރެއިނީ އެންފޯސްމެންޓް މަރިޔަމް ނުހާ ވިދާޅުވި އެވެ.

ހަމައެކަނި ހޫނު މަރުހަބާއެއް ނޫނެވެ. ފިރިހެނުން ވަނީ ކަނބަލުންގެ ވޯކް ސުޓޭޝަން ޒީނަތްތެރިކޮށް މިއަދު މެންދުރުގެ ކެއުމެއް ވެސް ދީފަ އެވެ. މިއަދު ހަވީރު އިތުރު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މީރާގެ ސްޕޯކްސްޕާސަން، މުހައްމަދު ޝާހިދު ވިދާޅުވީ، އެހަރަކާތަކީ އެއޮތޯރިޓީގެ ފިރިހެން މުވައްޒަފުންގެ އިސްނެގުމަކަށް އަންހެނުންނަށް ކުރާ އިހުތިރާމާއި އެއޮތޯރިޓީގައި އަންހެނުންނަށް ފުރުސަތު އޮތްކަން އަންގަން ހިންގި ހަރަކާތެއް ކަމަށެވެ.

ގިނަ މުއައްސަސާތަކުން ވަނީ އަންހެނުން ދުވަހުގެ މުނާސަބަތުގައި އެދުވަސް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. އެންމެ ފާހަގަކުރެވެނީ މީރާ އެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނަކީ މުޖުތަމައުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަ ކުރުމާއި، ގައުމުގެ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން މުހިންމުކަން ދެނެގަނެ، އަންހެނުންނާމެދު ކުރާ ނޭދެވޭ ތަފާތުކުރުންތަކާ މެދު މުޖުތަމައު ހޭލުންތެރި ކުރުވައި، އެކަންތައްތައް އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމެވެ.

comment ކޮމެންޓް