ރެއާލް މެޗަކުން ބަލިވިޔަސް، ޒިދާންގެ އެދުމަކަށްވާނީ ކުޅުންތެރިން ހަމަޖެހުމަށް!

ރެއާލްގެ ކޯޗު ޒިދާން(ކ)އާއި ބޭލް: ބޭލް ސިފަކުރާ ގޮތުގައި، ޒިދާންއަކީ ކޮންމެ ހާލަތެއްގައި ވެސް ކުޅުންތެރިންނަށް ހިތްވަރުދޭ ކޯޗެއް ---

ރެއާލް މެޑްރިޑް މެޗަކުން ބަލިވިޔަސް، ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ކުޅުންތެރިން ހަމަޖެހުމަށް އެދޭ ކަމަށް ވޭލްސް ތަރި ގެރެތު ބޭލް ބުނެފިއެވެ.

ރެއާލްއާ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ޒިދާން ހަވާލުވެ، އޭނާ ފާހަގަކޮށްލެވުނީ ކާމިޔާބު ކޯޗެއްގެ ގޮތުގައެވެ. ރަފައެލް ބެނިޓޭޒް ދުރުކުރުމަށްފަހު، ރެއާލްގެ ކޯޗަކަށް ޒިދާން ހަމަޖެއްސިތާ ފަސް މަސް ނުވަނީސް އޭނާ ވަނީ އެކްލަބަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.

މިސީޒަނުގެ ސްޕެނިޝް ލަލީގާގެ އެއްވަނައިގައި ގިނަ ދުވަސްތަކެއް ވަންދެން ރެއާލް އޮތް ނަމަވެސް، ވެލެންސިއާއާއި ލަސް ޕަލްމާސް އަތުން ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުގެ ސަބަބުން އެޓީމު ވަނީ ވާދަވެރި ބާސެލޯނާގެ ފަހަތަށް ވެއްޓިފައެވެ.

މެޗުތަކުން ރެއާލް ބަލިވިޔަސް ޒިދާންއަކީ ކުޅުންތެރިންނަށް ހިތްވަރުދޭން މަސައްކަތްކުރާ ކޯޗެއް ކަމަށް ބުނެ، ބޭލް ވަނީ ޒިދާނަށް ތައުރީފްކޮށްފައެވެ.

"ޒިދާންއަކީ ވަރަށް ހަމަޖެހިގެން މަސައްކަތްކުރާ ކޯޗެއް. އޭނާއަށް ފުޓްބޯޅައިގެ ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭ. އޭނާއަކީ އަހަރުތަކެއް ވަންދެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އެހެން ކޯޗެއްނަމަ ބަލިވެއްޖެނަމަ، ހިތްހަމަނުޖެހި ރުޅި އަންނާނެ. އެކަމުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނަށް ބިރު އިހުސާސްވާނެ. އެކަމަކު އަހަރެމެން ބަލިވިޔަސް، ޒިދާން ބުނާނީ ހަމަޖެހޭށޭ، ގަދައަޅާ މަސައްކަތްކުރާށޭ. ފަރިތަކުރުންތަކުގައި ޒިދާން ދަނީ އޭނާގެ ފެންވަރު ދައްކަމުން،" ބޭލް ބުންޏެވެ.

ރެއާލުން ދަނީ ވިދިވިދިގެން ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަށް މަސައްކަތްކުރަމުންނެވެ. މިސީޒަނުގެ ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް ރަށުން ބޭރުގައި ރާއްޖެގަޑިން މިރޭ 12:45ގައި ނަޕޯލީއާ ދެކޮޅަށް ނުކުންނާނެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ރެއާލުން ވަނީ 3-1 ލަނޑުގެ ނަތީޖާއަކުން ނަޕޯލީ ބަލިކޮށްފައެވެ.

comment ކޮމެންޓް